އަންނަ އަހަރު، ދިވެހި ޕްރެމިއަރ ލީގުގައި ކުޅޭނެ ޓީމެއް ކަނޑައެޅުމަށް، ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން ކުރިއަށްގެންދާ ރީޖަނަލް ލީގުތަކުގެ ނޯތު ލީގުގައި އިއްޔެ ކުޅުނު މެޗުގައި ހަނިމާދޫ ބަލިކޮށް، އޭދަފުށިން ދިވެހި ޕްރިމިއަރ ލީގުގެ ޕްލޭއޮފް ބުރުގެ އުންމީދު އާކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު، އޭދަފުށިން ކާމިޔާބުކުރީ 2-4 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހައި، ލީޑު ނަގާފައިވަނީ ހަނިމާދޫއިންނެވެ. އެޓީމުން މިގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައެވެ.
މެޗުގައި ދެން ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން، މެޗުގެ 60 ވަނަ މިނެޓުގައި އޭދަފުށިން ނަތީޖާ އެއްވަރުކުރިއިރު، އެޓީމުގެ ބާކީ 3 ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 72، 78 އަދި 85 ވަނަ މިނެޓުގައެވެ. ހަނިމާދޫގެ 2 ވަނަ ގޯލު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެގެން ދެއްކި އިތުރުވަގުތުގެ ތެރޭގައެވެ.
މިނަތީޖާއާއެކު އޭދަފުށިން މިވަނީ ހަނިމާދޫއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް، ޕްލޭއޮފް ބުރަށް ދިއުމަށް ކުރަމުންދާ އުންމީދު އާކޮށްފައެވެ. ނަމަވެސް، ގޯލުގެ ތަފާތުން އަދިވެސް ކުރިލިބެނީ ހަނިމާދޫއަށެވެ.
ހަނިމާދޫއިން މުބާރާތުގައި 10 ގޯލު ޖަހާފައިވާއިރު، ބައިކޮޅަށް ވަދެފައިވަނީ 5 ގޯލެވެ. އޭދަފުއްޓަށް މުބާރާތުގައި ޖެހިފައިވަނީ 6 ގޯލެވެ. އަދި، އެޓީމުކޮޅަށް 9 ގޯލު ވަދެފައިވެއެވެ. އެހެންކަމުން ހަނިމާދޫއަށް ފައިދާ 12 ގޯލު ލިބޭއިރު އޭދަފުއްޓަށް ލިބެނީ 3 ގޯލުގެ ގެއްލުމެކެވެ.
މެ ދެޓީމަށް ކުރިއަށްހުރި މެޗުތަކަށް ބަލާއިރު، މިމަހުގެ 16 ވަނަ ދުވަހު ހަނިމާދޫ ނިކުންނާނީ ދިއްދޫއާ ދެކޮޅަށެވެ. އަދި 17 ވަނަ ދުވަހު އޭދަފުށި ނިކުންނާނީ މަނަދޫގެ ދަނޑުގައި އެޓީމާ ދެކޮޅަށެވެ.