ޚަބަރު

32 ރަށުގައި 17 މެގަވޮޓްގެ ހަކަތަ ޤާއިމުކޮށް ނިންމަނީ


  • ކަރަންޓް އުފެއްދުމަށް ބޭނުންކުރާ %30 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަކީ ސަރުކާރުގެ އަމާޒު

ދެ މަޝްރޫޢެއްގެ ދަށުން 32 ރަށެއްގައި ކުރިއަށްގެންދާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކުގައި 17.5 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތަ ޤާއިމުކޮށް ނިމުމަކާއި ގާތްވެފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓަ ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ހަކަތައިގެ %33 އަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަމާޒެވެ.

ދުނިޔޭގެ ހަކަތައިގެ ސިނާޢަތަށް އަންނަމުންދާ ބަދަލުތަކާއި، ކަރަންޓު އުފެއްދުމަށް ރާއްޖެއިން ތެލަށްކުރަމުންދާ ހޭދަ ކުޑަކުރުމަށް މުހިއްމު އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އެކި މަރުޙަލާތަކުގައި އިޔާދަކުރަނިވި ހަކަތައިގެ އެކި މަޝްރޫޢުތައް އަންނަނީ ހިންގަމުންނެވެ. މިގޮތުން ރ. އަތޮޅާއި ބ. އަތޮޅުގައި މީހުން ދިރިއުޅޭ 25 ރަށެއްގައި 6.5 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ހައިބްރިޑް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ މިމަޝްރޫޢުގެ %95 މަސައްކަތް ނިމިފައިވާކަމަށެވެ.

އެވުޒާރާއިން ވިދާޅުވީ ހދ.ކުޅުދުއްފުށި، ބ.އޭދަފުށި، ޅ.ހިންނަވަރު، ގދ.ތިނަދޫ އާއި، އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުދޫ، މީދޫގައި 11 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓު އުފައްދާ ހައިބްރިޑް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. މިމަޝްރޫޢުގެވެސް %97 މަސައްކަތް މިހާރު ނިމިފައިވާކަމަށް ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ކަރަންޓު އުފެއްދުމަށް ތެލަށް ރާއްޖެއިން އަހަރަކު އެވްރެޖްކޮށް 443 މިލިއަން ޑޮރުގެ އަންނަނީ ހޭދަކުރަމުންނެވެ. ހަމައެއާއެކު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ހަކަތައިގެ ސިނާޢަތަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު ތެލުގެ އަގުތައްވަނީ އުފުލިފައެވެ. އެހެންކަމުން ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ތެލަށްކުރާ ހޭދާއިގެ އަސަރު ޤައުމުގެ މުޅި އިޤްތިޞާދަށްކުރާނެއެވެ.

ހަމައެއާއެކު މޫސުމީ ބަދަލުތަކާއެކު ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަކީވެސް ސަރުކާރުގެ މުހިއްމު އަމާޒެކެވެ. މިއަމާޒަށް ވާސިލުވުމަށް 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ހަކަތަ އުފެއްދުމަށް ބޭނުންކުރާ ހަކަތައިގެ %33 އަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށްދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި ކަރަންޓު އުފެއްދުމަށް މިހާރު ބޭނުންކުރާ އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީއަކީ 110 މެގަވޮޓެވެ. މިއަދަދު ދެގުނަކޮށް، ދައުރު ނިމޭއިރު 220 މެގަވޮޓަށް ހެދުމަށްދަނީ މަސައްކަތް ކުރަމުންނެވެ.