ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 15ވަނަ ދުވަސް ފާހަގަކުރަނީ ބަނަލްއަޤްވާމީގޮތުން ފާހަގަކުރާ އާއިލާތަކުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކަށްވަނީ އާއިލާގެ ލޯތްބާއި އަޅާލުމުގެ މުހިންމުކަން ބުނެދީ، އެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށެވެ.
އާއިލީ މައްސަލަތަކަށް އިސްކަންދީ މި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެގޮތުން ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ 1993ވަނަ އަހަރުން ފެށިގެންނެވެ. އދ. އިން މިފަދަ ދުވަހެއް ފާހަގަކުރުމަށް ނިންމީ ޤައުމުތަކަށް އަންނަމުންދާ އިޤްތިސާދީ އަދި އިޖްތިމާއީ ބަދަލުތަކާއި ގުޅިގެން އާއިލީ ގުޅުންތަކަށް ގިނަ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރެވި މި އަންނަމުންދާ ބަދަލުތަކަށް ޤައުމުތައް ހޭލުންތެރިކުރުމުގެ ބޭނުމުގައެވެ.
މައިންބަފައިންނާ އަނބިދަރިންނާއި އާއިލާއަށްވުރެ އަގުބޮޑު ގުޅުމެއް އަދި ނިޢުމަތެއް ނެތެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ނޭނގިނަމަވެސް ބައެއް ފަހަރު އާއިލާގެ އެކި ފަރާތްތަކަށް އިހުމާލުވެވެއެވެ.
މައިންބަފައިންނާއި އަނބިދަރިން ގޮވައިގެން އެއް ގެއެއްގައި ދިރިއުޅުމަކީ އާއިލާ ލޯތްބާއެކު އެކުގައި އުޅުމެއް ނޫނެވެ. ބައެއް ފަހަރު މުސްކުޅި މަންމައާއި ބައްޕަ ގޭގައިތިބެނީ ނަމެއްގައެވެ. ގޭގެ އެއްވެސް ކަމެއްގައި އެ ފަރާތްތައް ބައިވެރިނުކުރެވެއެވެ. އެއީ ކުރާ އިޙްތިރާމަކަށް ކަމަށް ގަބޫލުކުރެވުނު ނަމަވެސް އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.
މުސްކުޅިވެ ގައިބާރު ދޫވުމަކީ އެދުމަތިވުމެއް ނޫނެވެ. އެ މީހާއަށް ގޭގައި ކުރެވިދާނެ ކުދިކުދި ކަންކަން ހުންނާނެއެވެ. މަމާ، ކާފަ ދަރިންނާއެކު ވަގުތު ހޭދަކޮށް، އެ ކުދިންގެ މަސައްކަތްތަކެއް ކޮށްލެވުމަކީވެސް އެ މައިންބަފައިން ހިތްހަމަޖެހޭނެ ކަމެކެވެ. ނަމަވެސް ބައެއްފަހަރު އެ މައިންބަފައިން ތިބެނީ އެކަހެރިކުރެވިފައެވެ. ބާކީ ކުރެވިފައެވެ. އޭގެ ބަދަލުގައި އެ މަންމައާއި ބައްޕައަށް ވަގުތު ހުސްކޮށް، އެ މީހުންނާއެކު ކުރެވިދާނެ ކަންކަން ބަލައި ދުވަހުގެ ނުވަތަ ހަފުތާގެ ކުޑަ ވަގުތުކޮޅެއް ހުސްކުރުމަކީވެސް އެ މީހުންނަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.
ދަރިންވެސް މިހެންނެވެ. ގޭގެ ކަންކަމުގައި އެ ކުދިން ބައިވެރިކޮށްގެން ކަންކަން ކުރުމާއި އެކުދިންނާއެކު ވަގުތު ހޭދަކުރުމަކީ އެއީ އެ ކުދިންނަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. މިއީ އާއިލީ ގުޅުން ބަދަހިވާނެ ކަންކަމެވެ.
އާއިލާއާ ގުޅޭ މުހިންމު ނިންމުންތައް ދެ މީހަކު ނުވަތަ ދަރިން އެކަނި ނިންމުމަކީވެސް އަޅުގަނޑުމެންގެ މި މުޖުތަމަޢުގެ ތެރެއިން ފެންނަ ނުރަނގަޅު އާދައެކެވެ. މަންމައާއި ބައްޕަ މުސްކުޅިވުމުން އެ މީހުންގެ ކަންކަންވެސް ނިންމަނީ ދަރިންނެވެ. ނަމަވެސް އެ މަޝްވަރާގައި އެ މަންމައާއި ބައްޕަވެސް ހިމެނުމަކީ މުހިންމު ކަމެކެވެ.
ދަރިންގެ ކަންކަމުގައިވެސް ކުޑަކުދިންނާ މަޝްވަރާކުރަންޖެހޭ އެއްޗެއް ނޯންނާނެ ކަމަށް ދެކުމުގެ ބަދަލުގައި އެ ކުދިންނާ ގުޅުންހުރި ކަންކަމުގައި އެ ކުދިންގެ މަޝްވަރާ ހޯދުމަކީވެސް އާއިލާ ތަރައްގީވުމުގައި އާއިލާގެ ތެރޭގައި އޮންނަ ލޯބި އިތުރުވާނެ ކަމެކެވެ. އާއިލާގެ ގުޅުން ބަދަހިވެގެންދާނެ ކަމެކެވެ.
އާއިލާއަކީ އެކަކަށް ދިމާވާ ކަންކަމުގައި އެންމެން ގުޅިގެން އެކަމަކުން އަރައިގަތުމަށް މަސައްކަތް ކުރާ ބައެކެވެ. އުފަލާއި ހިތާމައިގައި އެކަކު އަނެކަކަށް އެއްބާރުލުން ދޭ ބައެކެވެ. އެހެންކަމުން މި އާއިލީތަކުގެ ދުވަހުގައި އަޅުގަނޑުމެން އަޒުމު ކަނޑައަޅަންވީ އެންމެން ޝާމިލުވާ އާއިލާއެއް ބިނާ ކުރުމަށެވެ. އާއިލީ ގުޅުން ހީނަރުވިޔަ ނުދީ އެ ގުޅުން އިތުރަށް ބަދަހިކުރުމަށެވެ.