ޚަބަރު

"އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނީ މި ސަރުކާރުން"


  • ކުރީ ސަރުކާރުތަކުން ބޯހިޔާވަހިކަން ދޭން ވިސްނީ އިންތިހާބުތައައިސް ބޯމަތިވުމުން

  • ރާއްޖޭގެ އެތައް ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ވަނީ ފެށިފައި

މި ސަރުކާރަކީ މިހާތަނަށް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމަކީ، ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާޢީ އެންމެ ބޮޑު މައްސަލައެވެ. މުޅި މުޖުތަމަޢުގެ ހަމަޖެހުން ގުޅިފައިވަނީ ޢާއިލާގެ ހިތްހަމަޖެހުމަށް ކަމަށްވާއިރު، ކުޑަތަންކޮޅެއްގައި ގިނަ ކުދިންނާއެކު މިނިވަންކަމެއްނެތި އެތައް ޢާއިލާއަކުން އުޅެންޖެހުމުގެ ނަތީޖާއަކީ ޢާއިލާތަކުގެ މެދުގައި މައްސަލަތައް ޖެހުން ގިނަވުމެވެ. މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުތަކުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުތަކުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވިސްނާފައިވަނީ އިންތިހާބުތައް އައިސް ބޯމަތިވުމުން ކަމަށެވެ. އެއީ، ފެންނަން އޮތް ހަޤީގަތެއް ކަމަށާއި، އިންތިޚާބު ކައިރިވުމުން ބިންގާ އަޅައި މަސައްކަތް ފަށައި އިންތިހާބު ނިމޭއިރު އެތަންތައް ރައްޔިތުނަށް ދެވޭތަން ނުފެންނަ ކަމަށެވެ. މިއީ، ވޭތުވެދިޔަ 2 ސަރުކާރުންވެސް ފެނިފައިވާ މަންޒަރު ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މީގެ ކުރިން އެމަނިކުފާނު ވަޒީރު ކަމުގައި ހުންނެވިއިރު ބޯހިޔާވަހިކަމުގެ މަސައްކަތުގެ ދަށުން ހިޔާ ފްލެޓްތައް އެ ދައުރުގެ ތެރޭގައި ދިނުމަށް ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެހެންނަމަވެސް އެކަމުގައިވެސް ހުރަސްތަކެއް ހުރިކަމަށް ރައީސް ވިދާޅުވިއެވެ.

"އޭރު އަޅުގަނޑު ހަވާލުވެ ހުރި ވުޒާރާގެ މަސައްކަތުގެ ތެރެއިން އަޅުގަނޑު ހަމަ ވަރަށް ޔަގީންކަމާއެކު ވަރަށް މަސައްކަތްކުރިން އެކަން އެގޮތައް ނުކުރުމަށް އިލްތިމާސްކޮށް އަޅުގަނޑު އެއިރު ވަރަށް ބޮޑަށް އެދެމުންދިޔައިން. އޭގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށެން ހުރި މަސައްކަތްތަކެއް ކަމަށްވާތީ އެކަން ކުރެވޭނެ ގޮތް ހަދައި ދިނުމަށް. ހިޔާ ފްލެޓްތައް ލިބޭނެ ފަރާތްތައް ކަނޑައަޅައި ދައުރުގެ ތެރޭގައި ދިނުމަށް. އެކަން ކުރުމަށް ޕޮލިސީ ޑައިރެކްޝަނެއް ނުދިން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ތަރައްޤީގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މި ސަރުކާރު ވެގެންދާނީ މިހާތަނަށް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭ ސަރުކާރަށް ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އިސްކަން ދެނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށާއި، މިދިޔަ ސަރުކާރުން ކަނޑުފަޅުން ދިން ގޯތިތަކާއި ހަދަން ފަށައި ނުނިމިހުރި ފްލެޓްތައް ނިންމޭތޯ މަސައްކަތް ކުރަމުން އައިކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގޯތިތައް ދިނުމަށް ދޭން ޖެހޭ ބިންތައް ހިއްކުމާއި، ނުނިމިހުރި ފްލެޓްތައް ނިންމާއި އެތަންތަން ހަވާލުކުރުމުގެ އިތުރުން އެތަންހާސް ފްލެޓެއްގެ މަސައްކަތްވެސް މިހާރު ފެށިފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އެތައް ރަށެއްގައި ބޯހިޔާވަހިކަމުގެ އެތައް މަސައްކަތްތަކެއް ފެށިފައިވާ ކަމަށާއި، މި އަހަރުވެސް އެތަކެއް ހައުސިން މަޝްރޫއުތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.