ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.
ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލާއި ހދ.ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމެވެ.
މި ރަސްމިއްޔާތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިސް ބޭފުޅުންނާއި، ކުރިނބީ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލް މެންބަރުންނާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުންގެ އިތުރުން ކުރިޔަށް އޮތް 5 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން، ހދ. އަތޮޅު ކައުންސިލްގެ ރައީސާއި، ރަށުގެ އިދާރާތަކުގެ އިސްވެރިންނާއި، ރަށަށް ޚިދުމަތްކުރައްވާފައިވާ ޚިދުމަތްތެރީން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ހދ.ކުރިނބީ ކައުންސިލްގެ އައު ކައުންސިލް އިމާރާތުގެ މަޝްރޫއަކީ އެލްޖީއޭގެ ޕީއެސް.އައިޕީ ބަޖެޓުގައި ހިމެނިގެން، ކުރިނބީ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެވެ. މުޅި މަޝްރޫޢަށް ޖުމުލަ 5.9 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލް ވިދާޅުވީ، 2023ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު މަޝްރޫޢުގެ ކޮންޓްރެކްޓުގައި ސޮއިކުރެވުނުނަމަވެސް އޭރު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްނުދާކަމަށެވެ. މި ސަރުކާރު ހަވާލުވިއިރު ނިންމިފައިވަނީ މަޝްރޫޢުގެ އެންމެ %2 ކަން ނިމާލް ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މި މަޝްރޫޢުގެ %98 މަސައްކަތް ނިންމާލާފައިވާކަމަށް ވިދާޅުވިއެވެ.
"މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެން ކައުންސިލް އިމާރާތުގެ %98 މަސައްކަތްމިވަނީ ނިންމާލާފަ. އޭރުގަ އެތަނުގަ އޮންނާނީ ހުސް ބިމެއް. އެހެންވީމަ ހަގީގަތަކީ މި މަޝްރޫޢަކީ ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއެއްކަން." ނިމާލް ވިދާޅުވިއެވެ.
ހދ. ކުރިނބީ ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި، ރަށު ފެންވަރުގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިން ބޭނުން ކުރަމުންދިޔަ އިމާރާތަކީ 32 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، ޖާގައިގެ ގޮތުން ދަތި، ވަސީލަތްތައް މަދު، އިމާރާތެކެވެ.
މިކަމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ގިނަގުނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭކަމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޒަމާނީ ބަދަލުތަކާއެކު އާ ޚިދުމަތްތައް ތަޢާރަފްކުރުމަށް ނުހަނު ބޮޑަށް ހުރަސްތަކާ ކުރިމަތިލާންޖެހެއެވެ.
ނަމަވެސް، އަލަށް މި ބިނާކުރެވުނު ކައުންސިލް އިދާރާއަކީ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު އަދި ޖާގައިގެ ގޮތުން ތަނަވަސް، މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ހިތްހަމަޖެހުމާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ފަހިވާ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާވެ ރަނގަޅުވެގެންދާނެ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެއްކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއެވެ.
މި އައު އިދާރާއާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިން ދިމާވި ދަތިތަކަށް އެދެވޭ، އަދި ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.