ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ދަށުން ހިންގަމުން އަންނަ ކްރިކެޓް އެކަޑަމީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ނެޝަނަލް ޖޫނިއާ ޓީ20 ޗެންޕިއަންޝިޕްގެ ސެމީ ފައިނަލްގެ މެޗުތައް މިއަދު ފަށާނެއެވެ.
މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ކޯޓުގައި ކުރިއަށްދާ މިމުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި މިއަދު ވާދަކުރާނީ މަދޮށްޓާއި ފުނައެވެ. ސެމީގެ ދެވަނަ މެޗު މާދަމާއަށް ތާވުކޮށްފަވާއިރު ބައްދަލުކުރާނީ ކާނި އަދި ހެލެނބެއްޔެވެ.
މި މުބާރާތުގައި ކާނި އަދި މަދޮށި އިއްޔެ ކުޅެން އޮތް މެޗް މޫސުން ގޯސްވުމުގެ ސަބަބުން ނުކުޅެވުމުގެ ސަބަބުން ކޮންމެ ޓީކަމަށް އެއް ޕޮއިންޓު ވަނީ ލިބިފައެވެ. މުބާރާތުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް އެއްވަނައިގައި އޮތީ މަދޮށްޓެވެ. ދެވަނައިގައި ކާނި އޮތް އިރު، ތިންވަނައިގައި އޮތީ ހެލެނބެއްޔެވެ. އަދި ތާވަލުގެ ފުލުގައި އޮތް ފުނައަށް މިހާތަނަށް މެޗެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާގޮތަށް ކުރިއަށްގެންދާ މިމުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 18 ވަނަ ދުވަހުއެވެ. އަދި ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފަވަނީ އޭގެ އެއް ދުވަސް ފަހުން މިމަހުގެ 20 ވަނަ ދުވަހުއެވެ.