ޕޮލެންޑަށް ފޮނުވުމަށް ކުރިން ނިންމާފައިވާ 4،000 ސިފައިންގެ ފައުޖު ނުފޮނުވުމަށް އެމެރިކާ ދިފާޢީ އިދާރާ، ޕެންޓަގަނުން ކުއްލި ގޮތަކަށް ނިންމައިފިއެވެ. އެމެރިކާގެ އަސްކަރިއްޔާގެ އިސް ދެ އޮފިޝަލަކު މި ކަން ކަށަވަރު ކޮށްދީފައިވާއިރު، ވިލާތުގެ ޤައުމުތަކުގައި ޤާއިމުކޮށްފައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު މަދުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތާމެދު އިތުރު ސުވާލުތަކެއް ވަނީ އުފެދިފައެވެ. އަދި، ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގެ ބައެއް މެންބަރުން ވަނީ ޕެންޓެގަންގެ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.
އެމެރިކާ ސިފައިންގެ ވަގުތީ ޗީފް އޮފް ސްޓާފް، ކްރިސްޓޮފަރ ލަނެއިވް ވަނީ ކޮންގްރެސްގެ ކޮމިޓީ ބައްދަލުވުމެއްގައި ޕެންޓެގަންގެ ނިންމުން ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް، މި ކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވައެވެ. ކޮންގްރެސްގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ ތަމްސީލުކުރައްވާ ޖޯ ކޯޓްނީ ވިދާޅުވީ، މިއީ އެކުވެރިންނާއި ހަތުރުންނަށް ވެސް ދެވުނު ނުރައްކާތެރި މެސެޖެއް ކަމުގައެވެ.
ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ މައިކް ރޮޖަރސްއާއި ޑިމޮކްރެޓުންގެ އެޑަމް ސްމިތު ވަނީ، މިއީ ޤާނޫނުން ލާޒިމުކުރާ މަޝްވަރާތަކުގެ ބޭރުން ކޮންގްރެސްއަށް އެންގުމަކާ ނުލައި، ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ނިންމަވާފައިވާ ނިންމެވުމެއް ކަން ފާހަގަކޮށް، ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރޮޖަރސް ވިދާޅުވީ، ވިލާތުގެ ޤައުމުތަކުގައި ތިބޭ ސިފައިންގެ އަދަދު ޤާނޫނުން ލާޒިމުކުރާ އެންމެ ދަށް މިންވަރު ކަމުގައިވާ 76،000 އަށް ވުރެ މަދުކޮށްފި ނަމަ ސަރުކާރާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގައެވެ. މި ކަމާ ގުޅޭ ޤާނޫނެއް ތަސްދީގުކޮށްފައި އޮތް ނަމަވެސް، ހުޅަނގުގެ ދިފާޢީ އިއްތިޙާދާ (ނޭޓޯ) މަޝްވަރާކުރުމަށްފަހު ސަލާމަތަށް ނުރައްކާނުވާނެ ކަމުގެ ޔަޤީންކަމާއެކު ޓްރަމްޕަށް އެ ފަދަ ނިންމުމެއް ނިންމެވުމުގެ އިޚުތިޔާރު އޮތް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރިއެވެ.
މީގެ ދެ ހަފުތާ ކުރިން ޕެންޓަގަނުން ވަނީ ޖަރުމަނުވިލާތުގައި ތިބި އެމެރިކާ ސިފައިންގެ ތެރެއިން 5،000 ސިފައިން އެ ޤައުމުން ބާލާނެކަން އިޢުލާންކޮށްފައެވެ. މިއީ، އީރާނާ ދެކޮޅަށް ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން އޭނާއާއި ވިލާތުގެ ޤައުމުތަކުގެ އިސްވާރުންނާއި، ވަކިން ޚާއްޞަކޮށް ޖަރުމަނުވިލާތުގެ ޗާންސެލަރ ފްރީދްރިޝް މެޔަޓްޒްއާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ނިންމެވި ނިންމެވުމެއް ކަމަށް ބެލެވެއެވެ.
އެމެރިކާގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވީ، މިއީ 2022 ވަނަ އަހަރު ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެއިރުގެ ރައީސް ޖޯ ބައިޑަން ވިލާތަށް އިތުރު ސިފައިން ފޮނުއްވުމަށް ނިންމެވުމުގެ ކުރިން އެ ސަރަޙައްދުގައި ޤާއިމުކޮށްފައި ތިބި ސިފައިންގެ އަދަދަށް ސިފައިންގެ އަދަދު މަދުކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމުގައެވެ. ވިލާތުގެ ޤައުމުތަކުން ދިފާޢަށް ކުރާ ހޭދަ އިތުރު ކުރުމަށް ވެސް ވޮޝިންގޓަނުން ދަނީ ބާރުއަޅަމުންނެވެ. އަދި، އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގައި ބައިވެރިވުމަށް އިންކާރުކޮށް، އެ ކަމުގައި އެހީތެރިކަން ފޯރުކޮށްދީފައިނުވާ ނޭޓޯގެ މެންބަރު ޤައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވެސް ޓްރަމްޕް ގެންދަވަނީ ވިސްނަވަމުންނެވެ.