ލުބްނާނާއި ޔަހޫދީންނާ ދެމެދު ނަމެއްގައި އޮތް ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރިކަން އެމެރިކާއިން އިޢުލާނުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ޔަހޫދީން ލުބްނާނަށް އިތުރު ޙަމަލާތަކެއްދީ، އިތުރު 10 މީހަކު ޝަހީދުކޮށްލައިފިއެވެ.
މިދިޔަ މަހުގެ 17ވަނަ ދުވަހުން ފެށިގެން ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދިޔަ ނަމަވެސް، ޔަހޫދީން ދިޔައީ އެ އެއްބަސްވުމާ ޚިލާފަށް ލުބްނާނުގެ ދެކުނުގެ ސަރަޙައްދުތަކަށް ވައިގެ ޙަމަލާތައް ދެމުންނެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން މިއަދު ބުނީ، ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުން އިތުރު 45 ދުވަހަށް އިތުރުކުރަން ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.
ލުބްނާނުގެ ސިއްޙީ ވުޒާރާއިން ބުނީ، އެއްބަސްވުމުގެ މުއްދަތު އިތުރުކުރިކަން އިޢުލާނުކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި، ޔަހޫދީންގެ ނިރުބަވެރި ޑްރޯން ޙަމަލާތަކެއް އަމާޒުކޮށްފައިވާ ކަމަށެވެ.
އެ ޙަމަލާތަކުގައި މިހާތަނަށް 10 މީހުން ޝަހީދުވެ، އިތުރު 44 މީހުން ޒަޚަމްވެފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެ ޙަމަލާތަކުގައި އެމްބިއުލެންސްތަކަކަށް ވެސް ގެއްލުންތައް ލިބިފައިވާކަމަށް ބުނެފައިވެއެވެ.
ޝަހީދުވި މީހުންގެ ތެރޭގައި، ކުއްލި ސިއްޙީ ފަރުވާދޭ، ޕެރެމެޑިކުން ވެސް ހިމެނެއެވެ.
ލުބްނާނުގެ ސިއްޙީ ވުޒާރާއިން ޔަހޫދީންގެ މި ލާއިންސަނީ ޙަމަލާ ކުށްވެރިކޮށް ބުނީ، ހަނގުރާމައިގެ ޙާލަތުގައި ވެސް ސިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށް ޙަމަލާ ދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއް ކަމަށެވެ.
މާޗް 2ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 3،000އަށް އަރައިފައެވެ. އެ ޙަމަލާތަކުގައި އިތުރު 9،000 އެއްހާ މީހުން ޒަޚަމްވެ، 1.6 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
ޙަމަލާތައް ދާއިމީކޮށް ހުއްޓައިލުމުގެ އެއްބަސްވުމަކަށް އެމެރިކާއިން އިސްވެ ދަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް، އެފަދަ މަޝްވަރާއަކާ ހިސާބަށް ދެވޭނީ، ފުރަތަމަ ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޔަހޫދީން ފުރިހަމައަށް އިޙްތިރާމްކޮށްގެން ކަމަށް ލުބްނާނުން ދަނީ ބުނަމުންނެވެ.