ޚަބަރު

ހަނގުރާމައިގެ ސަބަބުން ޢިރާޤުން ބޭރުކުރާ ތެލުގެ މިންވަރު ބޮޑުތަނުން ދަށަށް


ފާއިތުވި އޭޕްރިލް މަހުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ޢިރާޤުން ބޭރުކޮށްފައި ވަނީ 10 މިލިޔަން ފީފާގެ ތެޔޮ ކަމަށް އެ ޤައުމުގެ ތެލާއި ބެހޭ އައު ވަޒީރު، ބާސިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއާ ގުޅިގެން އީރާނަށް ޙަމަލާ ދިނުމާއެކު ފެށުނު މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން، ތެޔޮ އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމަށް ވަނީ ހުރަސްއެޅިފައެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ސަޢުދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި އިމާރާތާއި ކުވައިތާއި ޢިރާޤުން ތެޔޮ ބޭރުކުރާ މިންވަރަށް ވަނީ ބޮޑެތި ބަދަލުތައް އައިސްފައެވެ. ތެޔޮ ބޭރު ނުކުރެވޭތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. ހަނގުރާމައިގެ ކުރިން ޢިރާޤުން މަހެއްގެ މައްޗަށް 93 މިލިޔަން ފީފާގެ ތެޔޮ ބޭރުކުރަމުންނެވެ.

މަޤާމާ ޙަވާލުވެވަޑައިގަންނަވާ ނޫސްވެރިންނާ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ބާސިމް ވިދާޅުވީ ހުރްމުޒްގެ މަގުން އުފުލާ ތެލުގެ ޢަދަދު ވަަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. ތެޔޮ ބޭރުކުރެވޭ މިންވަރު ބަރޯސާ ވަނީ ތެޔޮ ޓޭންކަރުތައް އައުމުގެ މައްޗަށް ކަމަށާއި، މި ދުވަސްވަރު އިންޝިއުރެންސްއާ ގުޅުންހުރި ކަންބޮޑުވުންތަކުގެ ސަބަބުން ޓޭންކަރުތައް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޢިރާޤުން ދަނީ ތެލާއި ގޭހާ ގުޅުންހުރި މަޝްރޫޢުތަކެއް ޤާއިމްކުރުމާ ގުޅޭގޮތުން އެމެރިކާގެ ބައެއް ކުންފުނިތަކާ މަޝްވަރާ ކުރަމުން ކަމަށް ވެސް ބާސިމް ވިދާޅުވިއެވެ. ޢިރާޤަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ކަން ކަށަވަރުކުރުމަށްޓަކައި އެ ޤައުމާއެކު އެއްބަސްވުންތަކުގައި ވީ އެންމެ އަވަހަކަށް ސޮއި ކުރުމަށް ބާސިމް ވަނީ ކުންފުނިތަކަށް ގޮވާލައްވައިފައެވެ.

ޢިރާޤުން ވަނީ އޯޕެކްއާއެކު މަސައްކަތްކޮށް، އެ ޤައުމުގައި އުފައްދާ ތެލުގެ މިންވަރާއި ބޭރުކުރާ ތެލުގެ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރުމަށް ރާވައިފައެވެ. މި މަޝްވަރާތަކުގެ މަގުން ދުވާލަކު ފަސް ބިލިޔަން ފީފާގެ ތެޔޮ އުފެއްދޭނެ ޤާބިލުކަން ހޯދުމަށް ޢިރާޤުން ވަނީ އަމާޒު ހިފައިފައެވެ. އޭގެ ސަބަބުން ޢިރާޤަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް ބާސިމް ވަނީ ފާހަގަކުރައްވައިފައެވެ.

އޯޕެކް އަދި އޯޕެކް ޕްލަސްއިން ވެސް ވަކިވުމަށް ޢިރާޤުން ގަސްތެއް ނުކުރެއެވެ. ތެލުގެ އަގުތައް އެކަށީގެންވާ ވަރެއްގައި ދެމެހެއްޓުމަށްޓަކައި އޯޕެކް ފަދަ ޖަމްޢިއްޔާތަކަށް އެ ޤައުމުން އެއްބާރުލުން ދޭނެ ކަމަށް އެ ޤައުމުން މީގެ ކުރިން ބުނެފައިވެއެވެ.