ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން އާންމުކުރައްވައިފިއެވެ.
ގާނޫނު އަސާސީގެ 120 ވަނަ މާއްދާގައި ބުނާގޮތުން ރައީސްގެ މަގާމުގައި ހުންނަ މީހަކު، ކޮންމެ އަހަރަކު އެ ބޭފުޅެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރި މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މާލީ ބަޔާނެއް އޮޑިޓާ ޖެނެރަލް އަށް ހުށަހަޅަންވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މާލީ ބަޔާނުގައިވާގޮތުން، ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި މުސާރައިގެ ގޮތުގައި އެމަނިކުފާނަށް 285،024ރ ލިބިފައިވެއެވެ. އަދި ހުޅުމާލެ ރޯހައުސް ކުލީގެ ގޮތުގައި 240،000 ރުފިޔާ ލިބިފައިވާއިރު އާއިލާގެ ފަރާތުން 180،000 ރުފިޔާ ހަދިޔާކޮށްފައިވެއެވެ.
ރައީސްގެ މާލީ ބަޔާނުގައި ވާގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ބޭންކް އޮފް މޯލްޑިވްސް ކަރަންޓް އެކައުންޓުގައި ހުރީ 184،845.52 ރުފިޔާއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ސޭވިންގްސް އެކައުންޓްގައި 1،701،470.44 ދިވެހި ރުފިޔާ ހުރިއިރު މޯލްޑިވްސް އިސްލާމިކް ބޭންކް ސޭވިންގްސް އެކައުންޓްގައި ހުރީ 1000 ރުފިޔާއެވެ. އަދި ލޯނާއި ދަރަނީގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީއަށް ބާކީ ދައްކަން ޖެހެނީ 1،319،265.13 ރުފިޔާއެވެ.
ރައީސްގެ މާލީ ބަޔާނުގައި ވާގޮތުން، އެމަނިކުފާނުގެ މިލްކިއްޔާތުގެ މުދާތަކުގެ ތެރޭގައި ހިމެނެނީ މ.ދިމްޔާތު، ހުޅުމާލެ އެމްބަރ ޓެރަސް 2، ދިމްޔާތު ހއ.ވަށަފަރު، މ.ފިގް އަދި 260،000ރުފިޔާގެ ކާރެވެ.