ޚަބަރު

ދަރުމަވަންތައާއި އައިޖީއެމްއެޗުގައި ޒަމާނީ ލޭޒަރ ސާޖަރީގެ ޚިދުމަތް ފަށައިފި


  • މިއާއެކު ފަރުވާ ހޯދާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބޭނެ

  • ޚިދުމަތްތައް ދިނުމަށް ބޭނުންވާ ސާމާނު ވަނީ ހޯދާފައި

ޒަމާނީ ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ޖެނެރަލް ސާޖަރީގެ ބައެއް އޮޕަރޭޝަންތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ފަށައިފިއެވެ.

ރާއްޖޭގައި ދޭ ޞިއްޙީ ޚިދުމަތް ފުޅާކޮށް، ސިއްޙީ ޚިދުމަތްތަކަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދޭ ޚިދުމަތްތަކަކަށް ހެދުމަކީ، ސަރުކާރުގެ އަމާޒެކެވެ. މި އަަމާޒަށް ވާސިލްވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޒަމާނީ ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ޖެނެރަލް ސާޖަރީގެ ބައެއް އޮޕަރޭޝަންތައް ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމް ހޮސްޕިޓަލުގައި އިއްޔެވަނީ ފަށާފައެވެ.

އައިޖީއެމްއެޗުގެ 2023،2024 އަދި 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޑޮކްޓަރުންގެ އޯޕީޑީތަކަށް ދެއްކި ގިނަ ބަލި މީހުންނަކީ އެފަދަ ބަލިތަކަށް ބޭސްކުރަން ޖެހުނު ބަލި މީހުންނެވެ.

އަދި އެ ބަލިތަކަށް ކުރިން ކުރަމުން އައި ފަރުވާގެ ތެރޭގައި ހިމެނޭ އޮޕަރޭޝަން ފަރުވާއަކީ، އޭގެ ސަބަބުން ބަލިމީހާ ގިނަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބާއްވަންޖެހޭ އަދި އޮޕަރޭޝަނަށްފަހު ބަލި ފަސޭހަވެ ރަނގަޅުވާން ގިނަ ދުވަސް ނެގުމުގެ އިތުރުން ތަދުވުމާއި، ވޭން ގިނަ ދުވަހު ތަހައްމަލް ކުރަންޖެހޭ ފަރުވާތަކެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ. ނަމަވެސް މި ބަލިތަކަށް ލޭޒަރ ސާޖަރީގެ ފަރުވާދޭން ފެށުމުން މިކަންކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ޤަބޫލުކުރައްވައެވެ.

އަލަށް ފެށި ޚިދުމަތްތަކާއެކު ޑިޕާޓްމަންޓް އޮފް ސާޖަރީގެ ޖެނެރަލް ސާޖަރީ ޓީމުން ކުރާ އޮޕަރޭޝަންތަކުގެ ތެރެއިން 4 ވައްތަރެއްގެ އޮޕަރޭޝަން، މިމަހުގެ 17ވަނަ ދުވަހުން ފެށިގެން ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރެވޭނެ ވަސީލަތްތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ވަނީ ޤާއިމްކޮށްފައެވެ.

މި 4 އޮޕަރޭޝަނަކީ، ފައިގެ ލޭނާރުތައް ދުޅަވެ ގޮށްޖެހުމުން ކުރާ އޮޕަރޭޝަނާއި، އެންޑޯވީނަސް ލޭޒަރ ޓްރީޓްމެންޓާއި، ފުރަގަސްފަރާތުގެ ބައްޔަށް ކުރާ ލޭޒަރ ސާޖަރީކަމަށްވާ ހެމޮރޮއިޑޯޕްލާސްޓީއާއި، ފުރަގަސްފަރާތުގައި އުފެދޭ ދޮސް އަންނަ މަގު އެނަލް ފިސްޓުލާއަށް ކުރާ އޮޕަރޭޝަން ކަމަށްވާ ފިސްޓުލާ ޓްރަކްޓް ލޭޒަރ ކްލޯސަރގެ އިތުރުން، ޕައިލޯނީޑަލް ސައިނަސްއަށް ކުރާ ލޭޒަރ އޮޕަރޭޝަން ކަމަށްވާ ސައިނަސް ލޭޒަރ ކްލޯޒަރ އޮޕަރޭޝަނެވެ.

މި އޮޕަރޭޝަންތަކުގެ ސަބަބުން ބޮޑުތަނެއް ކަފާލުމަކާ ނުލައި އޮޕަރޭޝަން ކުރެވި ބަލި ރަނގަޅުވެ، ތަދުވުން ކުޑަވެ، އިންފެކްޝަންވެ ދޮސްގަތުމުގެ ފުރުސަތު ކުޑަވެއެވެ. އަދި އަވަހަށް ފަސޭހަވެ، ރިކަވަރގެ ކުރިން ކުރަމުން އައި މަސައްކަތް އަވަހަށް ކުރެވި، ހޮސްޕިޓަލުގައި އެޑްމިޓްކުރަން ނުޖެހުން ނުވަތަ ހޮސްޕިޓަލުގައި އޮންނަންޖެހޭ މުއްދަތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވީ، އެ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ސާމާނާއި ތަކެތި ހޯދާފައިވާ ކަމަށެވެ. އަދި ޑިޕާޓްމެންޓް އޮފް ސާޖަރީގެ އޮޕަރޭޝަން ޑޮކްޓަރުންނާއި، އޮޕަރޭޝަން ތިއޭޓަރގެ ނަރުހުންނަށް ބޭނުންވާ ތަމްރީނާއި، ތަޖުރިބާ ހޯދުމަށްޓަކައި އިންޑިއާގެ ހޮސްޕިޓަލުތަކުގައި ކަމާއިގުޅޭ ވޯކްޝޮޕްތަކުގައި ބައިވެރިވެ ތައްޔާރުވެފައިވާ ކަމަށެވެ.

ބަލި މީހުންނަށް މިފަދަ ލުއިފަސޭހަގޮތަކަށް ފަރުވާ ކުރެވޭނެ ނިޒާމެއް ޤާއިމުކޮށް، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދޭ ކުރިއަރާފައިވާ ފަރުވާ ހޯދައިދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ.