ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިންނަށް ބޮޑަތި ކުރިއެރުންތަކެއް ހޯދައިދިން އީރާނުގެ ތަޖުރިބާކާރު ކޯޗު މަހްދީ ހޯޝްމަރަމް ރާއްޖެ ދޫކޮށް އެނބުރި ގައުމަށް ދާން ނިންމައިފިއެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ ކޯޗު މަހުދީ އެނބުރި ގައުމަށްދާން ނިންމީ މެދު އިރުމަތީގެ މަސްރަހާއި ގުޅިގެން ނުތަނަވަސްވެ އާއިލާއާއި އެކު މިވަގުތު ހުންނަން ބޭނުންވާތީ ކަމަށެވެ.
ފާއިތުވި އަހަރެއްހާ ދުވަހު މަހުދީ ކޯޗުގެ އިރުޝާދުގެ ދަށުން ސީނިއާ އަދި ޖޫނިއާ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ޓީޓީ އެސޯސިއޭޝަނުން ފާހަގަ ކުރެއެވެ. ވަކިން ހާއްސަކޮށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ފާއިތުވި އަހަރެއްހާ ދުވަހު ރާއްޖެއިން ގިނަ މެޑަލްތަކެއް ހޯދާފައިވެއެވެ.
އެގޮތުން މިދިޔަ އަހަރު ސައުދީ އަރަބިއްޔާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއަށް ބްރޯންޒް މެޑަލް ހޯދައިދިނުމާއި 2025 ވަނަ އަހަރު ނޭޕާލްގައި އޮތް ސައުތު އޭޝިއާ މުބާރާތާއި މިއަހަރު އިންޑިއާގައި އޮތް ސައުތު އޭޝިއާ މުބާރާތުން ރަން މެޑަލް ، ރިހި މެޑަލް އަދި ލޯ މެޑަލް އެކި ކެޓަގަރީތަކުން ހޯދާފައިވެއެވެ.
އެންމެ ގިނަ މެޑަލް ރާއްޖެއަށް ގެނެސްދޭ އެއް ކުޅިވަރަށް ޓޭބަލް ޓެނިސް ވެފައިވާއިރު ފާއިތުވި އަހަރު މަހުދީ ކޯޗުގެ އެހީތެރިކަމާއެކު އީރާނުގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ސްޕެއާ ކުޅުންތެރިންގެ ގޮތުގައި ރާއްޖެ ގެނެސްދީ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންގެ ތަމްރީނުތަކަށް އެ ކުޅުންތެރިންގެ ފަރާތުން އެހީތެރިކަށް ފޯރުކޮށްދީފައިވެއެވެ.
އެކި ފަހަރު މަތިން ޕީއެސްއެމް ނިއުސް އަށް ދިން އިންޓަވިއުތަކުގައި މަހުދީ ކޯޗު ވަނީ އޭނާ ރާއްޖޭގައި މަސައްކަތްކުރުމަށް، ރާއްޖޭގެ ކުޅިވަރާއި ބެހޭ ވުޒާރާއާއި އެސޯސިއޭޝަނުން ދިން ފުރުސަތާއި އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ. އަދި މުޅި ޓީޓީ ކޮމިއުނިޓީން ދިން އިހްތިރާމާއި ލޯބި ފާހަގަކޮށްފައެވެ.
ރާއްޖޭގައި ހޭދަކުރި މަދު ދުވަސްކޮޅުގެތެރޭގައި ކުޅުންތެރިންގެ ތަމްރީނުތަކުގެ ފެންވަރު މަތިކޮށް އެހެން ލެވެލަކަަށް ކުޅުންތެރިން ގެންގޮސްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކޯޗު ފުރުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު ހެނދުނެވެ.