ޚަބަރު

ޙައްޖުގެ 50ވަނަ ސިމްޕޯސިއަމް، ޚިދުމަތުގައި ހޯދާފައިވާ ކުރިއެރުމަށް


  • ދިވެހިރާއްޖެއިންވަނީ ސިމްޕީސިއަމްގައި ބައިވެރިވެފައި

  • ޙައްޖު މިޝަންތަކުގެ ރައީސުންނާއި ލީޑަރުން ބައިވެރިވެވަޑައިގެންނެވި

  • މަޝްވަރާގެ މުހިންމު ބައްދަލުވުންތަކެއް

ޙައްޖުގެ ޚިދުމަތްތަކާއި ގުޅޭގޮތުން ސައުދީގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއިން ކޮންމެ އަހަރަކު ބާއްވަމުންދާ އެންމެ ބޮޑު އެއް ހަރަކާތް "ގްރޭންޑް ޙައްޖު ސިމްޕޯސިއަމް"ގެ 50 ވަނަ ސިމްޕޯސިއަމް ބާއްވައިފިއެވެ.

ސައުދީގެ ޙައްޖާއި ޢުމްރާއާއި ބެހޭ ވަޒީރު، ތައުފީޤް އައް-ރަބީޢާ ވަނީ، އިސްލާމީ ޤައުމުތަކުގެ ޙައްޖު އޮފީހުގެ އިސްވެރިންނާއި އިސް ބޭބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

މި ސިމްޕޯސިއަމްގައި ދިވެހިރާއްޖެއިންވެސް ވަނީ ބައިވެރިވެފައެވެ. މި ސިމްޕޯސިއަމްގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މައްކާގައި ހުންނަ ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ރައީސް އައްޝައިޚް އިމްތިޠާއު ޢައްބާސް އަދި މެންބަރު ޢިއްޒައްދީން އަދުނާނުއެވެ.

ޖިއްދާގައި ކުރިއަށްގެންދިޔަ މި ސިމްޕޯސިއަމްގައި މަތީ ފަންތީގެ ބައްދަލުވުންތަކާއި ޕެނަލް ޑިސްކަޝަންތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ހަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޢިލްމުވެރިންނާއި، މުފައްކިރުންނާއި، ދީނީ ޢާލިމުންނާއި، ދިރާސާވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ސިމްޕޯސިއަމް ބާއްވާފައިވަނީ ޙައްޖުވެރިންގެ ޚިދުމަތުގައި ބައި ޤަރުނުގައި ހޯދި ކުރިއެރުމުގެ މައްޗަށެވެ.

މި ސިމްޕޯސިއަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ޙައްޖުވެރިންނަށް ޚިދުމަތް ދިނުމުގައި ސައުދީން ހޯދި ކުރިއެރުންތަކާއި، ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކުގެ ދައުރާއި، ޙައްޖުގެ ޚިދުމަތްތައް ތަރައްޤީކުރުމުގައި ޢިލްމާއި، އީޖާދީ ޓެކްނޮލޮޖީއާއި، ޑޭޓާ ބޭނުންކުރުމާ ގުޅޭ ގޮތުންނެވެ.

ޙައްޖާއި ޢުމްރާ ވަޒީރު ތައުފީޤް އައް-ރަބީޢާ ވިދާޅުވީ ޙައްޖުވެރިންނަށް އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދިނުމަށް ސައުދީއިން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށާއި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ނަމޫނާ ގިނަ ޚިދުމަތްތަކެއް މިހާރުވެސް ޤާއިމުކޮށްފައިވާކަމަށެވެ. ސިމްޕޯސިއަމްގައި ސައެންޓިފިކް ސެޝަންތަކާއެކު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ޙައްޖުގެ ތަޖުރިބާ ޒަމާނީކުރުމާ ގުޅޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

ގްރޭންޑް ޙައްޖު ސިމްޕޯސިއަމް އެންމެ ފުރަތަމަ ބާއްވާފައިވަނީ މީލާދީން 1977 ގައެވެ. މި ސިމްޕޯސިއަމް ވެފައިވަނީ ޙައްޖާ ގުޅުންހުރި މައްސަލަތައް ދިރާސާކޮށް، ޒަމާނީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ތަޖުރިބާ ބަދަލުކުރެވޭ ޢިލްމީ ޕްލެޓްފޯމަކަށެވެ.