ޚަބަރު

އޯގަސްޓްގެ ނިޔަލަށް 3 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ހަރުކުރަނީ


  • 226 ގޭބިސީގައި 914 ކިލޯވޮޓުގެ ސޯލާ ހަރުކޮށްފައިވޭ

  • ފެނަކައިން އަންނަނީ ސޯލާ ހަރުކުރުމުގެ އިތުރު 2 މަޝްރޫޢެއްވެސް ހިންގަމުން

"މަގޭ ސޯލާ" ޕްރޮގްރާމްގެ ދަށުން، 3 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ގޭބިސީތަކުގައި މިއަހަރުގެ އޯގަސްޓްމަހުގެ ނިޔަލަށް ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

މަގޭ ސޯލާ ޕްރޮގްރާމަކީ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި، ތެލުން އުފައްދާ ހަކަތަ ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފު ހުސެއިން ވިދާޅުވީ މަގޭ ސޯލާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 226 ގޭބިސީއެއްގައި 914 ކިލޯވޮޓުގެ ސޯލާ ހަރުކޮށްފައިވާކަމަށެވެ. މިއާއެކު ގޭބިސީތަކުގެ ކަރަންޓު ބިލު ބޮޑުތަނުން ކުޑަކުރުމުގެ ފުރުޞަތު ލިބޭނެކަން އަފީފް ވިދާޅުވިއެވެ. އަދި މިއަހަރުގެ އޯގަސްޓްމަހުގެ ނިޔަލަށް 3 މެގަވޮޓުގެ ސޯލަރ ގޭބިސީތަކުގައި ހަރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އަފީފު ވިދާޅުވިއެވެ.

"ރަށްޔިތުންނަށް ފައިދާވާނެ ގޮތަކަށް، ބިލުކުޑަވާނެހެން މަސައްކަތް ކުރަނީ. މިފަދަ މަޝްރޫޢުތައް އަޅުގަނޑުމެން ކުރިއަށްގެންދާނެ."ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފު ހުސެއިން ވިދާޅުވިއެވެ.

މަގޭ ސޯލާ ޕްރޮގްރާމްގެ އިތުރަށް ފެނަކައިން ވަނީ ވޯލްޑް ބޭންކުގެ އެހީގެ ދަށުން ހިންގާ އެސްޕަޔަރ މަަޝްރޫޢުގެ ދަށުން 8 ރަށެއްގައި 11 މެގަވޮޓުގެ ސޯލާ އިންސްޓޯލްކޮށްފައެވެ. މި ތަންތަނުގެ ބެޓަރީ ސްޓޯރޭޖް ސިސްޓަމް ޤާއިމްކުރެވި ކަރަންޓު ވިޔުގަ އާއި މުޅި ސިސްޓަމް މިއަހަރުގެ ޖުލައި ނުވަތަ އޯގަސްޓްމަހު ގުޅާލެވޭނެކަމަށް އަފީފް ވިދާޅުވިއެވެ. މި ނިޒާމްތައް ޤާއިމްވުމުން ތެލަށް ކުރާ ޚަރަދު އަހަރަކު 20 މިލިޔަން ރުފިޔާވަރު ރައްކާކުރެވޭނެކަމަށް ފެނަކައިން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންުގެ އެހީގައި ހިންގާ ޕޮއިސްޑް މަޝްރޫޢުގެ ދަށުން ރ. އަދި ބ އަތޮޅުގެ ރަށްރަށުގައި 6 މެގަވަވޮޓްގެ ސޯލާ ވަނީ ހަރުކޮށްފައެވެ.

މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ގޭބިސީތަކުގައި ސޯލާ ސިސްޓަމް ހަރުކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެންމެ ފުރަތަމަ މި ސިސްޓަމް ހަރުކޮށްފައިވަނީ ހއ. ފިއްލަދޫގައެވެ. މިޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްލަ 3 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ގޭބިސީތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

މި ފިޔަވަހީގެ ދަށުން ސޯލާޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް ސޯލާ ޕީވީ ނިޒާމުތައް އިންސްޓޯލްމަންޓް އުސޫލުން ގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައިވެއެވެ. އަދި މިނިޒާމުތައް ގާއިމުކުރަނީ ނެޓްމީޓަރިންގެ އުސޫލުގެ ދަށުންނެވެ.

މިޕްރޮގްރާމުގެ މަޤުޞަދަކީ އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމާއި، ދިވެހިރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުން އިތުރުކުރުމެވެ. މަގޭ ސޯލަރ ޕްރޮގްރާމަކީ، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އަކީ، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.