ޚަބަރު

ޓެރިފް ދާއިމަށް ކަނޑައިލަން އިނގިރޭސިވިލާތާއެ ސަރުކާރާއެކު މަސައްކަތްކުރަނީ


  • މަޝްވަރާތަކުގައި އިސްކަން ދިނީ ދާއިމީ ހައްލެއް ހޯދުމަށް

  • ސަރުކާރުން މިކަމުގައި ތިން ގޮތަކަށް ހައްލު ހޯދަން ދިރާސާކޮށް މަޝްވަރާކުރި

ސަރުކާރުން މަޝްވަރާ ކުރަނީ އިނގިރޭސި ބާޒާރަށް ނެރޭ ދިވެހި މަހުގެ އުފެއްދުންތަކުން ނަގާ ޓެރިފް ދާއިމަށް ކަނޑާލުމަށް ކަމަށާއި އެކަމުގައި މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މިމަޝްވަރާތަކުގައި ސަރުކާރުން ބައިވެރިވެފައިވަނީ ކުރިއަށްދެވޭނެ ހުރިހާ ގޮތެއް ދިރާސާކޮށް ބެލުމަށް ފަހު ކަމަށެވެ.

އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑުމަހަށް ނަގަމުން އައި 20 އިންސައްތަ ޑިއުޓީ 2 އަހަރު ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ. އިނގިރޭސި ސަރުކާރުގެ މިނިންމުމަކީ ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް އެޤައުމުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ގެނެސްފައިވާ ބަދަލެކެވެ.

މިބަދަލު ތަންފީޒުވާން ފެށުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށް ރާއްޖެއިން 2014 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އައިސްފައިވާ ކަމަށެވެ. އަދި އަދުގެ ސަރުކާރުން މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ޓެރިފް ކަނޑާލުމަށް ކުރެނު މަޝްވަރާތަކުގައި ސަރުކާރުން މިކަން ކުރެވޭނެ ހުރިހާ ގޮތެއް ބަލައި މަޝްވަރާ ކުރަމުން ދިޔަ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އިނގިރޭސި ރަސްގެފާނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ހާލަތު ބަޔާންކޮށްދެއްވައި ރާއްޖެއަށް ބޭނުންވާ ގޮތް ހިއްސާކޮށްދެއްވި ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން އިނގިރޭސި ސަރުކާރުގެ އިސްވެރިންނާއި ޤާނޫނު ހަދާ މަޖިލީހާއި އަދި ޚާރިޖީ ވަޒީރާއެކު ބޭއްވެވި ބައްދަލުވުންތަކުގައިވެސް މައިގަނޑު މަޝްވަރާތަކުގައި މިކަން ހިމެނުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.

" ދިވެހިރާއްޖޭގެ ފަރާތުން މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔައިރު، ބަލާފައިވާނެ މިހާރުން މިހާރަށްވެސް ޑިއުޓީ ނުދައްކާވާނެ ގޮތެއް. ދެން އެހެން ކަހަލަ އެރޭންޖްމަންޓެއް، އެއީ ޖެނެރަލައިޒްްޑް ޕްރިފަރެންޝަލް އެރޭންޖްމަންޓެއް ގެންނަން. އެއީ ދިވެހިރާއްޖޭގެ މަހަށް އިނގިރޭސިވިލާތުގައި ވިއްކާ އެހެން މުދަލަކާއި ގުޅޭ ގޮތުން ޑިއުޓީ މަޢާފް ކުރުމަށް. ތިން ވަނަ ގޮތަކަށް ބަލާލެވުނީ ކޮމްޕްރިހެންސިވް އެރޭންޖްމަންޓެއް. އެއީ އެގްރިމެންޓެއް ދެ ޤައުމު ދެމެދު ސޮއިކޮށްގެންވިއަސް މަހުގެ ޑިއުޓީ ނުނަގާ ވެދާނެތޯ. މިހުރިހާ ސިނާރިއޯއެއް ދިވެހި ސަރުކާރުން ވަނީ މަޝްވަރާ ކުރައްވާ ދިރާސާ ކުރައްވާފައި." ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

އިނގިރޭސި ސަރުކާރުން ވަގުތީ ގޮތުން ޑިއުޓީ މަޢާފް ކުރަން ނިންމާފައިވަނީ އެ ޤައުމުގެ މިވަގުތު ހާލަތަށް ރިޢާޔަތްކޮށްކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މިކަމުގައި ކުރެވުނު މަޝްވަރާތަކުގައި މިވަގުތު ރާއްޖެއަށްވެސް ދަރަނިތައް އަދާކުރުމާއި އެހެނިހެން އިޤްތިޞާދީ ގޮންޖެހުންތައް ހުރުމާއި އިނގިރޭސިވިލާތަށްވެސް ގޮންޖެހުންތަކެއް ހުރުމުން، ދެ ފަރާތަށްވެސް އެއްބަސްވެވުނީ ވަގުތީ ހައްލަކަށް ގޮސް ކުރިމަގުގައި ދާއިމީ ހައްލެއް ހޯދުމަށް ކަމަށް ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

"މަސްވެރިކަމުގެ ޑިއުޓީއެއް ދައްކަންޏާ އޭގެ ވަރަށް ބޮޑުބައެއް ގެއްލިގެންދޭ ޑިއުޓީއަށް. ދެ ޤައުމު ދޭތެރޭ ކުރެވޭ މަޝްވަރާތަކުގައި އޮތީ ވަގުތީ ގޮތުން ޑިއުޓީ މަޢާފްކުރުމެއް ނޫން. އަޅުގަނޑުމެން ވަގުތީ ގޮތަކަށްވެސް މިކަން ކަނޑާލަން އެދިފައި މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ސީދާ އިނގިރޭސި ރަސްގެފާނާއި އިނގިރޭސި ސަރުކާރާއި ޤާނޫނު ހަދާ މަޖިލީހުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވީ ޑިއުޓީ އެއްކޮށް މަޢާފްކުރުމަށް. އެއީ އެއްގޮތަކަށްވެސް ދިވެހި ކަނޑުމަހަށް ޑިއުޓީ ނުނަގާނެ ގޮތަކަށް. " ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު އިރުތިޝާމް ވިދާޅުވީ މަހުގެ އުފެއްދުންތަކުން ނަގާ ޓެރިފް ކަނޑާލަން ނިންމި ނިންމުމުގައި ރާއްޖެ ވަކިން ފާހަގަ ނުކުރިނަމަވެސް، މިކަން އިޢުލާން ކުރުމުގެ ކުރިން ދިވެހި ސަރުކާރަށް މިކަމުގެ މައުލޫމާތު އިނގިރޭސި ސަރުކާރުން ހިއްސާކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ސަރުކާރުން ކުރިއަށް ގެންދެވި މަޝްވަރާތަކުގެ ނަތީޖާ ފެނި، މިކަމުން ހުރިހާ ދިވެހި ރައްޔިތުންނާޢި އަދި މަސްވެރިކަމުގެ ސިނާޢަތަށް ފައިދާވާނެ ކަމެއް ގޮތުގައި މިކަން ފަހިވެގެން ދިޔަކަން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ފާހަގަކުރެއްވިއެވެ.