ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމު ފުރިހަމަ ކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ޕްރޮގްރާމުގެ ދަސްވެނިވި ދަރިވަރުންނަށް މަރުޙަބާ ދެންނެވީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް 63 ޒުވާނުން މިއަދު ވަނީ ދަަސްވެނިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، 17 އަހަރުގެ 37 ޒުވާނުންނާއި، 18 އަހަރުގެ 24 ޒުވާނުން އަދި 19 އަހަރުގެ 2 ޒުވާނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި މުނާސަބަތުގައި ހުރިހާ ދަސްވެނިންނަށާއި، ދަސްވެނިންގެ ބެލެނިވެރިންނަށާއި އެންމެހާ މުދައްބިރުންނަށް އަދި އެމްއެންޑީއެފްއާއި ދިފާޢީ ވުޒާރާގެ އެންމެހާ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މި ތަމްރީނުގައި ބައިވެރިވި ދަރިވަރުންނަކީ، 2025 ޑިސެމްބަރު 28 ވަނަ ދުވަހު ދަސްވެނިވި ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިންގގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުޞަތުގައި މި ތަމްރީނަށް ޝައުޤުވެރިކަން ފާޅުކުރި ދަރިވަރުންނެވެ.
4 މަސް ދުވަހުގެ މި ތަމްރީނު ހިންގާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބ.ކިހާދޫގައި އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައެވެ. މި ޕްރޮގްރާމްގެ ދެވަނަ ބެޗު އިތުރު 75 ޒުވާނުންނާއެކު އަންނަ މަހު 1 ގައި ތަމްރީނު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ޤައުމިއްޔަތަށް ލޯބިކުރާ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ މަސައްކަތުގެ މާހައުލަށް އަހުލުވެރި، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމެވެ.