ބޮޑުތަކުރުފާނު މަގުގެ 4 ވަނަ ސެގްމަންޓުގައި 500 އަށްވުރެ ގިނަ ޖާގައިގެ ޕާކިންގއެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ. މާލޭގެ އުތުރުން ބޮޑު ތަކުރުފާނުމަގުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމުމަށް އެމްޓީސީސީންދަނީ މަސައްކަތްކުރަމުންނެވެ.
މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގަކީ ސަރުކާރުގެ އިދާރާތަކާއި، ބެންކުތަކާއި، މާލޭގެ ބާޒާރު އަދި އަމިއްލަ ގިނަ ބައެއްގެ އޮފީހާއި ވިޔަފާރިތައް ހުންނަ މާލޭގެ ކާރޫބާރޫ ބޮޑު ސަރަޙައްދެކެވެ. މީގެއިތުރުން އެސަރަޙައްދަކީ، މާލެއަށް އަރާފައިބާ މީހުން އާންމުކޮށް ބޭނުންކުރާ ސަރަޙައްދެއްވެސްމެއެވެ. އެހެންކަމުން އެއީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ބޭނުންކުރާ ސަރަޙައްދަކަށްވުމާއެކު އެސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އަދި އެސަރަޙައްދަކީ ގިނަ ބަޔަކު ބޭނުންކުރާ ސަރަޙައްދެއްކަމުން އެތަނުގައި ޕާކުކުރެވޭނެ އިންތިޒާމު ހުރުމަކީ މުހިއްމުކަމެކެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖަރ ޝަރުވަޒް ޢަބްދުﷲ ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ ބޭންކް އޮފް ސިލޯން ކުރިމަތީގައި ސައިކަލް ޕާކުކުރުމަށް، 588 ސްލޮޓްގެ ޕާކިންގއެއް ތަރައްޤީކުރަމުންދާކަމަށެވެ.
"ބެންކް އޮފް ސިލޯން ކުރިމަތީގައި 588 ސްލޮޓްގެ ޕާކިންގއެއް، އެއީ 1400 އަކަފޫޓުގެ ސަރަޙައްދެއްގައި ޕާކިންގއެއް ހަދަނީ." ޝަރުވަޒް ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގުގެ ޖާގަ ބޮޑުކޮށް އާންމުންނަށް ފަސޭހަވާނެހެން މަގު ތަރައްޤީކުރަމުންދާއިރު މަގުފެހިކުރުމަށްވެސް މިފަހަރު ޚާއްސަ އިސްކަމެއް ދޭނެކަމަށް ޝަރުވަޒް ވިދާޅުވިއެވެ. އެގޮތުން މަގުގެ ކުރިން ނިމުނު ސެގްމަންޓުތައް ހެދުމުގައި ލިބުނު ތަޖުރިބާއަށް ބެލުމަށްފަހު މިހާރު ހަދަމުންދާ ސެގްމަންޓުތަކުން ނަގާ ގަސްތައް އަލުން އިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން ނަސަންދުރާ ކުރިމަތީގައާއި އެފްއެސްއެމް އޮފީސް އިމާރާތް ހުރި ސަރަޙައްދުގައި މިހާރު ގަސްތައް އަލުން އިންދަފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އެގޮތުން މިހާރު މަސައްކަތްކުރަމުންދާ ހުރިހާ ސެގްމަންޓުތަކެއްގެ މަސައްކަތް ނިންމުމަށްފަހު ޖޫން މަހުގެ ނިޔަލަށް މަގުއެއްކޮށް ހުޅުވާލުމަށްދަނީ މަސައްކަތްކުރަމުންނެވެ. މަގު ފުޅާކުރުމަށް ފަޅުތެރެއަށް ބައެއް ޖެއްސުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ޝީޓްޕައިލްކުރުމުގެ މަސައްކަތުގެވެސް ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ.
މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ، ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 5 ސެގްމަންޓެވެ. އެއީ ޖުމްލަ 838 މީޓަރެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.