ޚަބަރު

އިސްލާމީ ބޭންކިން ދާއިރާގެ ބައިނަލްއަޤްވާމީ އެވޯޑެއް އެމްއައިބީއަށް


  • ޖަޒީރާ ޤައުމެއްގައި ޚިދުމަތް ދިނުމުގައި އެމްއައިބީން ކުރިއެރުން ހޯދާފައިވޭ

  • ބޭންކުގައި ޤާއިމްކޮށްފައިވާ ހަރުދަނާ ނިޒާމުތައް އެވޯޑު ދިން ފަރާތުން ފާހަގަކުރޭ

އިސްލާމީ ބޭންކިން ދާއިރާއަށް ޚާއްސަ އެވޯޑެއް މޯލްޑިވްސް އިސްލާމިކް ބޭންކަށް ލިބިއްޖެއެވެ. އިންޓަގްރޭޓެޑް އިސްލާމިކް ފައިނޭންސްގެ ޗެމްޕިއަންކަމުގެ އެވޯޑަކީ ކެޕިޓަލް ފައިނޭންސް އިންޓަރނޭޝަނަލް، ސީއެފްއައި.ކޯ އިން ދޭ އެވޯޑެކެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކަށް ލިބިފައިވަނީ "ޗެމްޕިއަން އޮފް އިންޓަގްރޭޓެޑް އިސްލާމިކް ފައިނޭންޝަލް ސްޓްރެޓެޖީޒް – އިންޑިއަން އޯޝަން 2026" އެވޯޑެވެ. މިއީ އިސްލާމީ ބޭންކިންގގެ ދާއިރާގައި އެމްއައިބީން ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ދެމެހެއްޓެނިވި މާލީ ކާމިޔާބީގެ އަގު ވަޒަންކޮށް ދީފައިވާ އެވޯޑެއް ކަމަށް އެބޭންކުން ވިދާޅުވިއެވެ.

ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއެކުވެސް ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ވަގުތުން އެކައުންޓް ހުޅުވުމާއި، ހުރިހާ ޚިދުމަތަކަށް އެދުމުގެ މަގު ފަހިކޮށްދީ، އަތޮޅުތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އިސްލާމިކް ބޭންކުން ހޯދާފައިވާ ކާމިޔާބީ ސީއެފްއައި.ކޯ އިންވަނީ ފާހަގަކޮށްފައެވެ.

މިއެވޯޑުދިނުމުގައި ދިވެހި ސަރުކާރާއި އައިސީޑީ ހިމެނޭ ގޮތަށް އެމްއައިބީގައި ޤާއިމުކޮށްފައިވާ ހަރުދަނާ ހިންގުމުގެ އޮނިގަނޑާއި، ޝަރީޢާ އަދި ބޯޑު ފެންވަރުގެ ވަރުގަދަ ނިޒާމުތައް ފާހަގަކޮށްފައިވެއެވެ.

އެމްއައިބީގެ ސްޓްރެޓެޖީ ބިނާވެފައި ވަނީ ޝަރީޢާ ހިންގުމުގެ ވަރުގަދަ އޮނިގަނޑަކާއި، ޑިޖިޓަލް އީޖާދާއި ސީދާ ބޭންކިން ޚިދުމަތް ގުޅުވައިދޭ އެއް އޮޕަރޭޓިން މޮޑެލެއްގެ މައްޗަށްކަމަށް އެމްއައިބީން ބުނެއެވެ. އަދި ބޭންކުގެ ވަރުގަދަ މާލީ ކުރިއެރުމާއެކު މިދިޔަ އަހަރު ބޭންކުގެ ޖުމުލަ އެސެޓް 16.63 ބިލިޔަން ރުފިޔާއަށްވަނީ އަރާފައެވެ.

އެމްއައިބީއަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިފައިވާއިރު ބޭންކުގެ ޚިދުމަތް ރަށްރަށުގައި ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން އިތުރު ބްރާންޗުތަކާއި އޭޓީއެމްތައްވެސް އާބާދީ ބޮޑު ރަށްރަށުގައި ޤާއިމްކުރަމުން ދެއެވެ.