ޚަބަރު

40 މޭލަށް ވައިގަދަވެ، އުތުރާއި މެދުރާއްޖެތެރެއަށް ކަނޑުވެސް ގަދަ!


  • ކުރިއަށްއޮތް 3 ދުވަހުވެސް އުތުރުގެ ރަށްތަކަށް މޫސުން ގޯސް

  • ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ރައްކާތެރިވުމަށް ވަނީ އިލްތިމާސްކުރައްވާފައި

ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް މިއަދުވެސް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށްއޮތް 3 ދުވަހުވެސް އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މެދުރާއްޖޭގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރިނަމަވެސް، ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށް ވިދާޅުވިއެވެ.

ކުރިއަށްއޮތް 24ގަޑިއިރަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި، ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށް ވިދާޅުވިއެވެ.

އެ އިދާރާއިން ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ވިދާޅުވިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށްވެސް ވިދާޅުވިއެވެ.

އެ އިދާރާއިން ވިދާޅުވީ، މެދުރާއްޖެތެރެއާއި އުތުރަށް ރާޅުގެ އުސްމިނުގައި 7-4 ފޫޓު އަދި ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 4-2 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް ވިދާޅުވިއެވެ.

އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ގިނައިން ވާރޭވެހިފައިވަނީ އދ. މާމިގިއްޔަށެވެ. އެރަށަށް 36 މިލިމީޓަރގެ ވާރޭ ވެހިފައިވެއެވެ.