ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ ގިނަ މަޝްރޫޢުތައް މިއަހަރުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފް ހުސައިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފް ހުސައިން ވަނީ ފެނަކައިގެ ހިންގުން ހަރުދަނާކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ފެނަކައިގެ ހާލަތު ރަނގަޅުކުރުމަށް ކުރިއަށް ރާވާފައިހުރި ބައެއް މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
ފެނަކައިގެ އެމްޑީ މުޙައްމަދު އަފީފް ހުސައިން ވިދާޅުވީ، މަގާމާ ހަވާލުވިއިރު ފެނަކައިގެ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައިގެކަމަށެވެ. މިފަދަ ހާލަތެއްގައި ކުންފުނީގެ މާލީ ނިޒާމު އޮތް ދަނޑިވަޅެއްގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ބަލައި، ކުންފުނީގެ އޮނިގަނޑު އިސްލާހުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުންދާކަން އަފީފް ފާހަގަކުރެއްވިއެވެ.
ފެނަކައިން ފޯރުކޮށްދޭ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތްތަކުގެ އިތުރުން، ޕީއެސްއައިޕީގެ ގިނަ މަޝްރޫޢުތަކެއްވެސް އެ ކުންފުންޏާ ހަވާލުކޮށްފައިވާކަން އަފީފް ފާހަގަކުރެއްވިއެވެ.
އަފީފް ވިދާޅުވީ، ރާއްޖޭގެ 35 ރަށެއްގައި 48 މަޝްރޫޢެއްގެ މަސައްކަތް މިހާރުވެސް ހިންގަމުންދާކަމަށެވެ. އަދި 6 ރަށެއްގެ މަސައްކަތް ނިމިފައިވާކަމަށާއި، ހަލުވި ދުވެއްޔެއްގައި އިތުރު 6 ރަށެއްގެ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
ފެނަކައާއި ހަވާލުކޮށްފައިވާ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޚަށް ނިންމުމަށް މަސައްކަތްކުރަމުންދާކަން އަފީފް ތަކުރާރުކުރެއްވިއެވެ. އަދި މަސައްކަތް އަވަސްކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކޮށްގެންވެސް މަސައްކަތްތައް ވަގުތަށް ނިންމުމަށް އަމާޒުހިފާފައިވާކަން ފާހަގަކުރައްވާ އަފީފް ވިދާޅުވީ، ފެނަކައިން ބަލަނީ ރައްޔިތުންގެ އިތުބާރު ލިބޭގޮތަށް މަސައްކަތްކުރުމަށް ކަމަށެވެ.
ކަރަންޓާއި، ފެނާއި ނަރުދަމާގެ މަސައްކަތްތަކުގެ އިތުރުން، ބައެއް ރަށްރަށުގެ ޕޮލިސް ޕޯސްޓުތަކާއި، ސްކޫލް އިމާރާތްތަކާއި ހޮސްޕިޓަލް އިމާރާތްތަކުގެ މަސައްކަތްވެސް އެ ކުންފުންޏާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވައި އަފީފް ވިދާޅުވީ، ފެނަކައިން މަސައްކަތްކުރައްވަނީ ގިނަ މަޝްރޫޢުތަކުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލުމަށްކަމަށެވެ.
"އަޅުގަނޑުމެންނަށް ބައެއް މަޝްރޫޢުތަކުގެ މަސައްކަތްތައް ނިމޭނެ ކުރިއަށް އޮތް 3،4މަހެއްގެ ތެރޭގައި. އަނެއްބައި މަޝްރޫޢުތަކުގެ މަސައްކަތް މިއަހަރު ނިމޭތަނުގައި ނިމޭނޭ. އަދި ބައެއް މަޝްރޫޢުތައް އެ މަޝްރޫޢުތަކުގެ ބާވަތުގެ ގޮތުން އަދި އަހަރެއްހާ ދުވަސް ނަގާފާނެ. އެކަމަކު ގިނަ މަސައްކަތްތައް މިއަހަރުގެ ނިޔަލަށް ނުވަތަ އަންނައަހަރުގެ ޖެނުއަރީގެ ނިޔަލަށް ނިންމޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން." އަފީފް ވިދާޅުވިއެވެ.
ރަށްރަށުގައި މަޝްރޫޢުތައް ކުރިއަށްގެންދާއިރު މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށާއި، މަސައްކަތަށް ޤާބިލު މުވައްޒަފުން ހޯދުމަށް ދަތިތަކާ ކުރިމަތިވީނަމަވެސް، ރައްޔިތުންގެ އިތުބާރު ލިބޭގޮތަށް މަޝްރޫޢުތައް ވީހާވެސް އަވަހަކަށް ނިންމާލުމަށް ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.