ހުރްމުޒް ކަނޑުއޮޅީގެ އައްސޭރިފަށުގައި އޮތް އީރާންގެ ރަށްތަކަށް އެމެރިކާއިން އެންމެ ފަހުން ދިން ޙަމަލާތަކާއެކު، ހަތް ހަފުތާއެއްހާ ދުވަހަށް ދެމިގެންގޮސްފައިވާ ޙަމަލާތައް މެދުކަނޑައިލުމުގެ ނާޒުކު އެއްބަސްވުމާ އެމެރިކާއިން ޚިލާފުވެފައިވާ ކަމުގައި އީރާނުން ބުނެފިއެވެ. އީރާނުގެ ދެކުނުގެ ހުރްމުޒްގާން ޕްރޮވިންސަށް ދީފައިވާ ޙަމަލާތަކަކީ އީރާންގެ އަސްކަރީ އަމާޒުތަކަށް ދީފައިވާ "ދިފާޢީ" ޙަމަލާތަކެއް ކަމުގައި އެމެރިކާއިން ބުނެފައިވާއިރު، މިއީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބުރޫތަކެއް އަރައިފާނެ ކަމެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތަކުން ދެކެއެވެ.
އެމެރިކާގެ ޙަމަލާތަކާއެކު އެއްބަސްވުމާ ޚިލާފުވެފައިވާ ކަމުގައި އީރާންގެ ޚާރިޖީ ވުޒާރާއިން ބުނެފައިވާއިރު، ޔަހޫދީން ވެސް ދަނީ އެއްބަސްވުމާއި، އީރާނާއި އެމެރިކާއާ ދެމެދު ސުލްޙަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން، ޔަހޫދީ ފައުޖުން ވަނީ ލުބްނާނަށް ދެމުންދާ ޙަމަލާތައް ވަރުގަދަކޮށްފައެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ލުބްނާނަށް 120 އަށްވުރެ ގިނަ ޙަމަލާދީފައިވާއިރު، އެ ޙަމަލާތަކުގައި 31 މީހުން ޝަހީދުކޮށްލައި، އިތުރު 40 އެއްހާ މީހުން ވަނީ ޒަޚަމުކޮށްލާފައެވެ. އެމެރިކާއާއެކު ހެދޭ އެއްބަސްވުމެއްގެ ދަށުން ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އާ ދެކޮޅަށް ދޭ ޙަމަލާތައް ހުއްޓައިލުމަށް އީރާނުން ބާރުއަޅަމުންދާއިރު، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ދެ ފަރާތުގެ މެދުގައި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމުގައެވެ.
ދެ ފަރާތުގެ މެދުގައި މިހާރު ކުރަމުންދާ މަޝްވަރާތަކުގައި ސުލްޙައިގެ އޮނިގަނޑަކަށް އެއްބަސްވެފައިވާއިރު، ނިއުކްލިޔަރ ޕުރޮގުރާމު ފަދަ ބޮޑެތި މައްސަލަތަކަށް ޙައްލެއް ހޯދުމަށް 60 ދުވަހުގެ މުހުލަތެއް ލިބޭނެކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ. އަދި، 30 ދުވަހުގެ ތެރޭގައި ހުރިހާ މައިދާނެއްގައި ޙަމަލާތައް ހުއްޓައިލާނެއެވެ. އެމެރިކާއިން ފްރީޒްކޮށްފައި ނުވަތަ ހިފަހައްޓާފައިވާ އީރާންގެ އެތަކެއް ބިލިޔަން ޑޮލަރު ދޫކޮށްލުމަށް އީރާނުން ދަނީ ބާރުއަޅަމުންނެވެ. އަދި، ދާދިފަހުން ޤަޠަރުގައި ބޭއްވި ބައްދަލުވުންތަކުގައި ވެސް އީރާނުން ވަނީ އެ ކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. ނަމަވެސް، މިއީ ސުލްޙައިގެ އެއްބަސްވުމަކަށް މި ވަގުތު އޮތް އެންމެ ބޮޑު އެއް ހުރަހެވެ.
ފެބުރުވަރީ 28 ގައި ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމައާއެކު ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ވަނީ ހުރަސްއެޅިފައެވެ. އަދި، ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމާއެކު، ދުނިޔޭގެ ތެލުގެ ބާޒާރަށް މި ވަނީ އިތުރު ލޮޅުންތަކެއް އަރާފައެވެ. މި ގޮތުން، ބްރެންޓް ކްރޫޑްގެ ތެޔޮ ފީފާއެއްގެ އަގު %3.5 މައްޗަށް ގޮސް، ފީފާއެއްގެ އަގު ވަނީ އަނެއްކާ ވެސް 100 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ. އެމެރިކާގެ ޙަމަލާތަކުގެ ރައްދުގައި އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި، ރައްދު ޙަމަލާދީ އެމެރިކާގެ އަސްކަރީ ޑްރޯނެއް ވައްޓައިލައި، އިތުރު ޑްރޯނަކާއި އަސްކަރީ މަތިންދާބޯޓަކަށް ޙަމަލާދީފައެވެ.
މި ދަނޑިވަޅުގައި، ޔަހޫދީންގެ މަޞްލަޙަތު އިތުރަށް ކުރިއަރުވައިދެއްވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މި ގޮތުން، ތެހްރާނާއެކު ވޮޝިންގޓަނުން އެއްބަސްވުމެއްގައި ސޮއިކުރުމާއެކު، މުސްލިމް ޤައުމުތަކުން އިބްރާހީމް މުޢާހަދާގައި ސޮއިކުރުމަށް އޭނާ ގެންދަވަނީ މަޖުބޫރު ކުރައްވަމުންނެވެ. އޭނާގެ ހީލަތްތެރި މަޤުޞަދަކީ، ޔަހޫދީންނާއެކު ސުލްޙަ ޤާއިމުކޮށް، ޔަހޫދީ ދައުލަތް ބަލައިގަނެފައިވާ މުސްލިމް ޤައުމުތަކުގެ އަދަދު އިތުރު ކުރެއްވުމެވެ. މި ގޮތުން، އެންމެ ބޮޑަށް ޓްރަމްޕް ބާރުއަޅުއްވަމުންދާ އެއް ޤައުމަކީ ސަޢޫދީ ޢަރަބިއްޔާއެވެ. ނަމަވެސް، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކޮށްދިނުމުގެ ފުރިހަމަ މަގުޗާޓެއް ނެތި ޔަހޫދީންނާ ގުޅުން ބަދަހިނުކުރާނެ ކަމުގައި ރިޔާޟުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ،