ޚަބަރު

"ކަނޑުތައް ޙިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން ބޭނުންވޭ"


  • ކަނޑުތަކުގެ ރައްކާތެރިކަންވަނީ ސީދާ ދިވެހީންގެ ދިރިއުޅުމާއި ގުޅިފައި

  • ކަނޑުތަކަށް ކުރިމަތިވަމުންދާ ނުރައްކާތައްދަނީ އިތުރުވަމުން

ކަނޑުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ދެކޮޅަށް ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން މިހާރަށްވުރެ ބޮޑަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރަމުންދާއިރު ދުނިޔޭގެ ކުރިމަގަށްޓަކައި ރައްކާތެރި ދުޅަހެޔޮ ކަނޑުތަކެއް ބޭނުންވާކަމަށެވެ. އަދި ދިވެހީންނާއި ކަނޑުތަކާ ވަރަށް ބޮޑަށް ގުޅިފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ، ކަނޑުތަކަށް ކުރާ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިޞާދަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށާއި، ދެމެހެއްޓެނިވި ތިމާވެއްޓަށް ކުރާކަމަށެވެ.

ދިވެހީންގެ ސީދާ ދިރިއުޅުމާއި ގުޅިފައިވާ ކަނޑުތަކުގެ ރައްކާތެރިކަމަށްޓަކައި ރާއްޖެއިންދަނީ ދެމެހެއްޓެނިވި މަސްވެރިކަމާއި، ވަރުގަދަ ކަނޑުގެ ދިރާސާތަކާއި، ފަރުތަކުގެ ޙާލަތު ބެލެހެއްޓުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންކަމަށާއި، މުރަކަ އާލާކުރުމާއި، ދިރާސާގެ މައްޗަށް ބަރޯސާވާ ފިޔަވަޅުތަކެއް މޫސުމީ ބަދަލުތަކާއި ދެކޮޅަށް އަޅަމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކަނޑުތައް ހޫނުވުމާއި، މުރަކަ ހުދުވުމާއި، ރަށްގިރުމުގެ ޙާދިސާތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާއިރު ބައިނަލްއަޤުވަމީ މުޖުތަމަޢުއިން މިހާރަށްވުރެ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމަށެވެ. އެހެންކަމުން މިފަދަ ދުވަހެއްގައި ހުރިހާ އެންމެންގެ ކުރިމަގަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އައުކުރުމަށް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ.

ރާއްޖޭގެ ބޮޑު ސަރަޙައްދަކީ ކަނޑުގެ ސަރަޙައްދުކަމަށްވުމާއެކު ކަނޑުތައް ބެލެހެއްޓުމަށްޓަކައި ރާއްޖޭގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާއިރު ކަނޑުތަކުން ލިބޭ ނަފާ އިތުރުކުރުމަށްވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 8 ވަނަ ދުވަހެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ، "ރީ އިމޭޖިން. ބިއޯންޑް ދަ ވޯލްޑް ވީ ނޯ، އަ ނިއު ރިލޭޝަންޝިޕް ވިތް އަވަރ އޯޝަން" މިއެވެ. ނުވަތަ "އައު ތަސައްވުރެއް: އަޅުގަނޑުމެން ދަންނަ ދުނިޔޭގެ އިންތަކުން ބޭރުވެ، ކަނޑުތަކާއެކު އައު ގުޅުމެއް ޤާއިމުކުރަމާ" މިއެވެ.