ޚަބަރު

މަޢުލޫމާތު ހާމަކުރުމަކީ އިތުބާރު ދަމަހައްޓައި ހިންގުން ހަރުދަނާކުރުމަށް ލާޒިމު ކަމެއް: ރައީސް


  • ޤާނޫނުގައި ކަނޑައަޅާފައިވާ މަޢުލޫމާތުތައް ފުރަތަމަ ފަހަރަށް ހާމަކޮށްފައިވަނީ ޖޫން 7 ވަނަ ދުވަހު

  • ސަރުކާރުގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރައްވާނެ

  • ދެމެހެއްޓެނިވިގޮތެއްގައި މިކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ބާރުއަޅުއްވާފައި

މަޢުލޫމާތު ހާމަކުރުމަކީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމަށްޓަކައި އަސާސީކަމެއްކަން ސަރުކާރުން ޤަބޫލުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރުމަކީ ހަމައެކަނި ގަވާއިދުތަކުގައި އޮންނަންޖެހޭކަމެއް ނޫންކަމަށެވެ.

ރާއްޖޭގައި މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން ފުރަތަމަ ފަހަރަށް ސަރުކާރުގެ ހުރިހާ ވުޒާރާއަކުން، ޤާނޫނުގައި ހާމަކުރުމަށް ލާޒިމުކުރާ މަޢުލޫމާތު، ރައްޔިތުންނަށް ފެންނާނެހެން ހާމަކޮށްފައިވާކަން އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން ހާމަކުރައްވާފައިވަނީ އާދިއްތަ ދުވަހުއެވެ. މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން ވީ 12 އަހަރުގެ ތެރޭގައި ވަކި ފަރާތަކުން އެދުމަކާ ނުލާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ކުރިން އާންމުކޮށްފައިނުވާ އެތައް މައުލޫމާތެއް މިހާރު އާންމުކޮށްފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރުމަކީ ހަމައެކަނި ގަވާއިދެއްގައި އޮންނަންޖެހޭކަމެއް ނޫންކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ދަމަހައްޓާ، ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމަށްޓަކައި މަޢުލޫމާތު ހާމަކުރުމަކީ އަސާސީކަމެއްގެ ގޮތުގައި ސަރުކާރުން ޤަބޫލުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ދެފުށް ފެންނަ ނިޒާމެއް ޤާއިމުކޮށް، އާންމު މަޢުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްކުރަމުންދާ މަސައްކަތާއި، ޒިންމާދާރުކުރުވުންވެސް ހަރުދަނާކުރުމަށް ކުރެވުނު މުހިއްމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައިވަނީ ޒިންމާދާރު ސަރުކާރެއް ބިނާކުރެއްވުމަށް ކުރައްވާ މަސައްކަތުގައި މިހޯދުނު ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތް ކުރެއްވި ހުރިހާ މުވައްޒަފުންނާއި އިދާރާތަކުން ކުރެއްވި މަސައްކަތް ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ޑިޖިޓަލް ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކަމާއެކު މަޢުލޫމާތު ލިބެން ހުންނާނެކަން ކަށަވަރުކޮށް، ސަރުކާރުގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ ލަނޑުދަނޑި ޙާސިލުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނުވަނީ ދެއްވާފައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް 13 މައުލޫމާތެއް ހާމަކުރަންޖެހޭކަމަށްވަނީ ބަޔާންކޮށްފައެވެ. އެ މާއްދާގައިވާވާގޮތުން މިމައުލޫމާތު ހާމަކުރަން ޖެހެނީ، ހަމައެކަނި އެކަންކަމަށް އެކަނި ހަނިނުވާނެ ގޮތުގެމަތިން، ރައްޔިތުންގެ މަސްލަހަތަށްޓަކައި، މަދުވެގެން އަހަރަކު އެއްފަހަރު، ނުވަތަ ދައުލަތުގެ އެ އިދާރާއަކުން ކަނޑައަޅާ އެއަށްވުރެ އަވަސް މުއްދަތެއްގައެވެ. އަދި ރައްޔިތުންނަށް ފަސޭހައިން ލިބިދެވޭނެ ގޮތެއް، ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް އަމިއްލަ އިސްނެގުމުގެ މަތިން މިމައުލޫމާތު ޝާޢިއުކުރަން ޖެހޭނެ ކަމަށް އެ ޤާނޫނުގައިވަނީ ބަޔާންކޮށްފައެވެ.