މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ހުނަރުތައް ދަސްކޮށްދިނުމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމްއައިޓީ ގުޅިގެން ކުރިއަށްގެންދާ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމު ފަށައިފިއެވެ.
މި ޕްރޮގުރާމުގައި ބައިވެރިވުމަށް މިއަހަރު ހުޅުވާލި ފުރުސަތުގައި 264 ބައިވެރިން ފޯމު ހުށަހަޅާފައިވެއެވެ. އެޗްޑީސީން ވިދާޅުވީ، ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކަށް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އެކި ބެޗުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގުރާމު މިމަހުގެ ފަސްވަނަ ދުވަހު ވަނީ ފަށާފައެވެ.
އެޗްޑީސީއިން ވިދާޅުވީ، މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުން ކަމަށެވެ. އަދި 2023 ވަނަ އަހަރު މި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބަށް ރިއާޔަތްކޮށް، މިއަހަރުގެ ތަމްރީނުތަކުގެ ދާއިރާ އިތުރަށް ފުޅާކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ގޭތެރޭގައި ގެންގުޅޭ ކަރަންޓް ސާމާނު މަރާމާތު ކުރުމުގެ ތަމްރީނުތަކުގެ އިތުރުން، ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ޙައްލުކުރަން ދަސްކޮށްދިނުމަށް މިއަހަރުގެ ތަމްރީނު ޕްރޮގްރާމުގައި ވަނީ ހިމަނާފައެވެ. އަދި މި ޕްރޮގުރާމު ފުރިހަމަ ކުރާ ހުރިހާ ބައިވެރިންނަށްވެސް ސެޓްފިކެޓު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއައިޓީއާއި އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިފަދަ ތަމްރީނުތަކުގެ ސަބަބުން އަންހެނުންނަކީ، ގޭތެރޭގެ ކަންކަމުގައި ވިލުންވެރި އަދި އަހުލުވެރި ބަޔަކަށް ވެގެންދާނެއެވެ. މީގެ އިތުރުން މިއެއްބަސްވުމުގެ ދަށުން ކުރިއަށް އޮތްތަނުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރި ކުރުވުމުގެ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.