ޕާކިސްތާން މެދުވެރިވެގެން އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި، ލަސްތަކެއް ނުވެ އެއްބަސްވުމަކަށް ވާސިލުވެވޭނެ ކަމުގެ އުންމީދު ބޮޑުކަމުގައި އެކުވެރި ދައުލަތްތަކަށް (އދ) އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު އަމީރު ސަޢީދު އީރުވާނީ ވިދާޅުވެއްޖެއެވެ. އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށްފަހު ވާހަކަފުޅު ދައްކަވަމުން އީރުވާނީ ވިދާޅުވީ، އެއްބަސްވުމުގެ ރަސްމީ ލިޔެކިޔުންތައް ބަދަލުކޮށްފައި ނެތް ނަމަވެސް މި ހިނގާ މަސް ނިމުމުގެ ކުރިން އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައެވެ. އެއްބަސްވުމެއްގެ ދަށުން ލުބްނާން ހިމެނޭ ގޮތުގައި މުޅި ސަރަޙައްދުގައި ހަނގުރާމަ ހުއްޓައިލުމަށް ތެހްރާނުން ބާރުއަޅަމުންދާއިރު، ޔަހޫދީން ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ.
މަޝްވަރާތައް މެދުކެނޑިފައި ނުވާ ކަން އީރުވާނީ ހާމަކުރައްވާފައި މި ވަނީ، ޖޫން 8ގައި ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރުމަށް ފަހު، އެއް ހަފުތާއެއްހާ ދުވަހުގެ މުއްދަތަކަށް ޙަމަލާތައް މެދުކަނޑައިލުމަށް ތެހްރާނާއި ތެލް އަވީވުން އެއްބަސްވެފައިވާ ކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާ އެކު ބޭއްވެވި ފޯނުކޯލަކަށްފަހު ޓްރަމްޕް ވިދާޅުވީ، ދެ ފަރާތުން ވެސް މި ވަގުތަށް ޙަމަލާތައް ހުއްޓައިލާފައިވާ ކަމުގައެވެ. ނަމަވެސް، ތެހްރާނާއި ވޮޝިންގޓަނާ ދެމެދު އެކުލަވައިލެވޭ އެއްބަސްވުމެއްގެ ދަށުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް އީރާނުން ކުރަމުންދާ މަސައްކަތް ހުއްޓުވާނެ ކަމުގައި އޭނާ ތަކުރާރު ކުރެއްވިއެވެ. އެއްބަސްވުމެއް އެކުލަވައިލުމުގެ މަޝްވަރާތައް އެންމެ ފަހުގެ މަރުޙަލާގައި އޮތް ކަން ފާހަގަކުރައްވައި ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރުމާއެކު، ހަނގުރާމައާ ގުޅިގެން ބަންދުކޮށްފައި އޮތް ހުރްމުޒް ކަނޑުއޮޅި ވެސް ވަގުތުން ހުޅުވައިލެވޭނެ ކަމުގައެވެ.
ޖޫން 8ގައި އީރާނާއި ޔަހޫދީ ފައުޖާ ދެމެދު މިސައިލާއި ޑްރޯން ޙަމަލާތަކެއް ބަދަލުކުރުމަށް ފަހު، މިހާރު ޙަމަލާ ބަދަލުކުރުން ވަނީ މެދުކަނޑައިލާފައެވެ. ޔަހޫދީ ފައުޖުތަކުން އީރާނަށް ޙަމަލާދިނުން ހުއްޓައިލީ ޓްރަމްޕްގެ އެންގެވުމަކަށް ކަމުގައި ރިޕޯޓުތައް ބުނާއިރު، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ފުރިހަމަ ބާރާއެކު ކުރިއަށްދާނެ ކަމުގައި ނަތަންޔާހޫ ވަނީ ބުނެފައެވެ. ނަމަވެސް، ޔަހޫދީން އިތުރު ޢުދުވާނެއް ހިންގައިފިނަމަ އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) އިތުރަށް ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމުގައި ތެހްރާނުން އިންޒާރުދިނެވެ.
ޞަހްޔޫނީން ރުއްސުމަށް އެމެރިކާއިން އިސްވެ ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤުވާމީ ހަކަތައިގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރާފައިވާއިރު، މަސްރަޙު އިތުރަށް ގޯސްވެއްޖެނަމަ ތެހްރާނާއި ވޮޝިންގޓަނާ ދެމެދު ކުރިއަށްދާ ޚާރިޖީ މަސައްކަތްތަކަށް ހުރަސްއެޅިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މަސްރަޙު ފިނިވެ، ސަރަޙައްދީ ވައިގެ ބަނދަރުތައް އަލުން ހުޅުވައިލާފައިވީ ނަމަވެސް، ކޮންމެ ވަގުތެއްގައި ވެސް އަސްކަރީ ޙަމަލާތަކަށް އެނބުރިދިޔުމަށް ތައްޔާރަށް އޮތް ކަމުގައި ދެ ފަރާތުން ވެސް ދަނީ ބުނަމުންނެވެ.