ކެނެޑާގެ 31 ވަނަ ގަވަރނަރ ޖެނެރަލް އަދި ކޮމާންޑަރ އިން ޗީފްގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ލޫއީޒް އާބޯރ، ސީސީ، ސީއެމްއެމް، ސީއޯއެމް، ސީޑީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެކަމަނާ މިމަޤާމުގެ މަސްއޫލިއްޔަތުތަކާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މަރުޙަބާ ވިދާޅުވިއެވެ.
އަދި އެކަމަނާގެ ގަވަރނަރ ޖެނެރަލްކަމުގެ ދައުރުގައި، ކެނެޑާއަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަން ލިބި، އެ ޤައުމުގެ އަގުހުރި އުސޫލުތައް ނެގެހެއްޓޭނެކަމުގެ ފުރިހަމަ އިތުބާރު އޮތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާއި ކެނެޑާއާ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި، އެއްބާރުލުންދިނުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް އެކަމުގެ ލާބަޔާއި މަންފާ ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ގަވަރނަރ ޖެނެރަލްއަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެންފައެވެ. އަދި ކެނެޑާގެ ރައްޔިތުންނަށް އަމާންކަމާއި، ފާގަތިކަމަށްވެސް އެދިވަޑައިގެންނެވިއެވެ.