ފީފާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިފަހަރު ވާދަކުރާ 48 ޓީމަށް ނިސްބަތްވާ 1248 ކުޅުންތެރިންގެ ތެރޭގައި މިމުބާރާތް ކުރިން ކާމިޔާބު ކޮށްފައިވާ 22 ކުޅުންތެރިޔަކު ފެނިގެންދާނެއެވެ.
މިދެންނެވި 22 ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ކުޅުންތެރިން ނިސްބަތްވަނީ މީގެ ހަތަރު އަހަރު ކުރިން ޤަތަރުގައި ބޭއްވި ފީފާ ވާރލްޑް ކަޕްގައި ތަށި އުފުލާލާ މިފަހަރު ތަށި ދިފާއު ކުރުމަށް ނިކުންނަ އާޖެންޓީނާގެ ޓީމުގައެވެ.
މިޓީމުގައި ކުރިން މިމުބާރާތް ކާމިޔާބު ކޮށްފައިވާ 17 ކުޅުންތެރިން ހިމެނެވެ. ލިއޮނެލް ސްކަލޯނީގެ ކޯޗުކަމުގެ ދަށުން ނިކުންނަ އާޖެންޓީނާ ޓީމުގައި ހިމެނޭ މިކުޅުންތެރިންގެ ތެރެއިން އެންމެ ކުރީގައި އުޅެނީ ކެޕްޓަން ލިއޮނެލް މެސީއެވެ.
އޭނާ ވަނީ މިމުބާރާތް އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނުމަށްޓަކައި އެމުބާރާތުގައި ހަތް ލަނޑު ޖަހައިދީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގައި އެއްކޮށް ކުޅެފައެވެ.
އެފަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްގައި އެއްކޮށް ކުޅުނު އެހެން ކުޅުންތެރިންގެ ތެރެއިން މިފަހަރުގެ ޓީމުން ޖާގަހޯދާފައިވާ އެހެން ކުޅުންތެރިންނަނީ ހޫނިއަން އަލްވަރޭޒް، އެމިލިއާނޯ މާޓިނޭޒް، ނިކޮލަސް އޮޓަމެންޑީ، ރޮޑްރިގޯ ޑި ޕޯލް، ނަހުއެލް މޮލީނާ، އެންޒޯ ފެނާންޑޭޒް، އެލެކްސިސް މެކް އެލިސްޓަރ އަދި ކްރިސްޓިއަން ރޮމޭރޯއެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރާ ފަރަންސޭސިވިލާތުގެ ޓީމުގައި 2018 ވަނަ އަހަރުގެ ވާރލްޑް ކަޕްގައި ތަށި އުފުލާލި ހަތަރު ކުޅުންތެރިން ހިމެނެއެވެ. މިހަތަރު ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިންވަނީ 2022 ވަނަ އަހަރުގެ ފައިނަލްގައިވެސް ވާދަކޮށްފައެވެ.
އެތިން ކުޅުންތެރިންނަކީ އުސްމާން ޑެންބެލޭ، ލޫކަސް ހެނާންޑޭޒް އަދި ކިލިއަން އެމްބާޕޭއެވެ. މިފަހަރުގެ ޓީމުގައި ދެން ހިމެނޭ ކުޅުންތެރިޔަކީ އެންގޯލޯ ކާންޓޭއެވެ. ނަމަވެސް އޭނާއަށް އަނިޔާގެ ސަބަބުން 2022 ވަނަ އަހަރުގެ މުބާރާތުގައި ކުޅެވޭގޮތެއް ނުވިއެވެ.
ދެން ހިމެނޭ ހަމައެކަނި ކުޅުންތެރިޔަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތުގެ ތަށި އުފުލާލީ ޖަރުމަނުވިލާތުގެ ކީޕަރ މެނުއެލް ނޯޔާއެވެ. އުމުރުން 40 އަހަރުގެ ނޯޔާއަކީ މިފަހަރުގެ މުބާރާތުގައި ވާދަކުރާ ހަވަނައަށް އެންމެ ދުވަސްވީ ކުޅުންތެރިޔާއެވެ.
އޭނާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިނަމަވެސް އެކަން ބަދަލުކޮށް މިފަހަރުގެ މުބާރާތުގައި އޭނާ އަންނަނީ ޖަރުމަނު ޓީމާއެކު ހަރަކާތްތެރިވަމުންނެވެ. މިއީ އޭނާ ވާދަކުރާ ހަތަރުވަނަ ވާރލްޑް ކަޕެވެ.