ތިނަދޫ ސިޓީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްސަ ކޭމްޕެއް ފަށައިފިއެވެ.
މި ކޭމްޕަކީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާއި ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދާ ކޭމްޕެކެވެ. މި ކޭމްޕުގައި އެކިބަލިތަކަށް ޚާއްސަ 10 ޑޮކްޓަރުން ބައިވެރިވާނެއެވެ.
މިއަދުން ފެށިގެން މިމަހުގެ 13އަށް ތިނަދޫގައި ކުރިއަށްގެންދާ މި ކޭމްޕުގެ ތެރެއިން، އެކި ބަލިތަކަށް ފަރުވާދިނުމުގެ އިތުރުން، ޑޮކްޓަރުންނާއި، ނަރުހުންނަށް ބޭނުންވާ ފަންނީ މަޢުލޫމާތު ދިނުމާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.
އޯޕީޑީގައި ބަލި މީހުން ބަލައި ފަރުވާދިނުން
ފަސޭހަނުވެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ޚާއްޞަ ފަރުވާދިނުން
ލެޕްރޮސްކޮޕިކް އޮޕަރޭޝަންތަކާއި، އާންމުކޮށް ކަފާލައިގެން ކުރާ އޮޕަރޭޝަންތައް ކުރުން
ގިނަދުވަސް ވެފައިވާ، ފަސޭހަނުވާ ތަދުތަކަށް ޚާއްޞަ ފަރުވާދިނުން
ޑޮކްޓަރުންނާއި، ނަރުހުންނަށް ބޭނުންވާ ފަންނީ މަޢުލޫމާތު ދިނުމާ ތަމްރީނު ޕްރޮގްރާމްތައް ހިންގުން
ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ވަޒަންކޮށް، އެކަމާއި ގުޅޭ ރިޕޯޓެއް ތައްޔާރުކުރުން
The Multi-Specialty Surgical Outreach Program, organized by the Ministry of Health and Family Welfare, the Male’ City Group of Hospitals, and Abdul Samad Memorial Hospital (ASMH), aims to bring specialized surgical care closer to the community by providing a wide range of… pic.twitter.com/Ys1X5Ny6Jr
— Ministry of Health, Family and Welfare (@MoHmv) June 11, 2026
ތިނަދޫގައި ކުރިއަށްގެންދާ މި ކޭމްޕުގައި، އާންމު އަދި ލެޕްރޮސްކޯޕިކް އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރަކާއި، އާންމު އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރަކާއި، ޕްލާސްޓިކް އެންޑް ރިކޮންސްޓްރަކްޓިވް އަދި އެޑްވާންސް ވޫންޑް ކެއާރއަށް ޚާއްސަ ޑޮކްޓަރެއްގެ އިތުރުން އަންހެނުންގެ ބަލިތަކާއި ވިހެއުމަށް ޚާއްޞަ ޑޮކްޓަރެއް ހިމެނެއެވެ.
އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި، ގޮހޮރު އަދި ބެރިއޭޓްރިކް އޮޕަރޭޝަންތަކަަށް ޚާއްސަ ޑޮކްޓަރަކާއި، ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރެއްގެ އިތުރުން ނާރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރަކާއި، ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކަށް ޚާއްސަ ޑޮކްޓަރެއް މި ކޭމްޕުގައި މަސައްކަތްކުރާނެއެވެ.
މި ކޭމްޕުގެ ތެރެއިން ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކުން 1555އަށް ގުޅައިގެން އެޕޮއިންޓްމަންޓް ހެދޭނެއެވެ.
އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވީ، މިފަދަ ކޭމްޕުތަކަކީ އަތޮޅުތެރޭގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ފަސޭހަކަމާއެކު ޞިއްޙީ ފަރުވާ ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ކޭމްޕުތަކެއްކަމަށެވެ.
އަދި މިފަދަ ކޭމްޕުތަކުގެ ސަބަބުން ސިއްޙީ ޚިދުމަތްތަކަށް އޮތް ފުރުސަތުތައް އިތުރުކޮށް، ފެންވަރު ރަނގަޅު ފަރުވާ ރައްޔިތުންނާ ގާތަށް ގެންގޮސްދެވޭނެކަމަށްވެސް އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވިއެވެ.