ޚަބަރު

"ވަކީލުކުރުމަކީ ވަސީލަތްތަކުގެ ބޭނުން ހިފައި، ރައްކާތެރިކަމަށް ޔަޤީންކޮށްގެން ހުރުން"


  • ޚުޠުބާގެ މައުޟޫއަކީ "ހިޖުރައިގެ ޢިބުރަތްތަކުގެ ތެރެއިން"

މާތް اللهއަށް ވަކީލުކުރުމަކީ، ވަކީލުކޮށްފީމޭ ބުނެ ދެ އަތް އުރައިލައިގެން ހުރުމެއް ނޫން ކަމަށާއި ވަކީލުކުރުމަކީ، ކަންކަންކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، މާތް اللهގެ ޙަޟުރަތުން ރައްކާތެރިކަން ލިބުމަށް އެދި އެ ކަން ޔަޤީންކޮށްގެން ހުރުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫއަކީ "ހިޖުރައިގެ ޢިބުރަތްތަކުގެ ތެރެއިން" އެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ އެންމެ ފުރަތަމަ ހިޖުރައިގެ މާނައަށް ވިސްނާ އިރު ޚިޔާލަށް އަންނަ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށްދިއުންކަމަށެވެ. ނަމަވެސް އެއަށް ވުރެ މާފުޅާ މާނައެއް ހިޖުރައިގައިވާކަމަށެވެ. ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު ޢިބުރަތްތަކަކާއި ދަރުސްތަކެއްވެއެވެ. ހިޖުރައިން ލިބޭ އަގުހުރި އެއްފިލާވަޅަކީ ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅުކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"ގޮތުން ބަލާ އިރު ކީރިތި ރަސޫލާ އެކަލޭގެފާނު އުފަންވެވަޑައިގެން ބޮޑުފުޅުވީ ރަށާއި ގާތްތިމާގެ ބޭފުޅުންނާއި ޢާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާއިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ މި ދެންނެވި ކަންކަން، އިސްލާމްދީނުގެ ދިފާޢުގައި ޤުރުބާންކުރައްވައިފައި. މި ދަތުރުފުޅަށް މައްކާއިން ނުކުންނަވަމުން އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅު މުސްލިމުން ހަނދާންކުރާން ޖެހޭ." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައިވުން ކަމަށެވެ.

ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ޘާބިތުކަމާ އެކު ދެމިތިބޭނޭ ކަމުގެ ފިލާވަޅުކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

"ހުރިހައި ވަގުތެއްގައި ވެސް އިސްލާމްދީންމަތީގައި ތެދުވެރިކަމާ އެކު ދެމިތިބުމަށް ޢަޒުމުކަނޑައަޅައި ތިމާގެ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރެވޭތޯ ވެވުނުހައި މަސައްކަތެއްކުރާށެވެ! އިސްވެ ދެންނެވުނު ސާބިތުކަމުގައި ރަސޫލާ ހުންނެވުމުގެ ސަބަބުން އެކަލޭގެފާނަށް ޔަޤީންވެވަޑައިގެންފައި ވަނީ އެކަލާނގެ އެކަލޭގެފާނު ޙިމާޔަތްކުރައްވައި އެކަލޭގެފާނަށް ނަޞްރުދެއްވާނޭ ކަމެވެ. މައްކާގެ މީހުން ފިޔަވަޅުގެ އަސަރު ބަލައިގެން އެކަލޭގެފާނު ހޯދުމަށް ކުރި މަސައްކަތާއި ބޮޑު އިނާމު ހުށައަޅައިގެން އެކަލޭގެފާނު ހޯދުމަށް ކުރި މަސައްކަތް މާތް الله ނާކާމިޔާބުކުރައްވައި އެކަލޭގެފާނަށް ނަޞްރުދެއްވިއެވެ." ހުކުރު ޙުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ ހިޖުރައިގެ ޒިކުރާ، ގުޅިފައިވަނީ މާތް ނަބިއްޔާ މައްކާއިން މަދީނާ އަށް ވަޑައިގެންނެވި މަތިވެރި ޙާދިޘާ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ޙާދިޘާ ކަމަށެވެ.

ހިޖުރައިގެ މާނަތަކުގެ ތެރޭގައި މާތް اللهގެ މަގަށް ކުރެވޭ ހިތުގެ ހިޖުރަ ވެސް ހިމެނޭކަމަށް ޢިލްމުވެރީން ވިދާޅުވެފައިވެއެވެ. އެންމެ މުހިންމު ކަމަކީ ސިއްރާއި ފާޅުގައި އެކަލާނގެއަށް ހިތްނިޔަތް ޚާލިޞްކުރުން ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.