ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވާ އެއް ޤައުމު ކަމަށްވާ އެމެރިކާއިން ޕެރަގުއާއީގެ މައްޗަށް ކުރިހޯދާ މިފަހަރުގެ މުބާރާތް ކާމިޔާބީ އަކާއިއެކު ފަށައިފިއެވެ.
ލޮސް އެންޖަލިސް ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި އެމެރިކާއިން ޕެރަގުއާއީގެ މައްޗަށް ކުރިހޯދީ 4 ލަނޑު އެއް ލަނޑުގެ ނަތީޖާ އަކުންނެވެ.
އެމެރިކާއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މިމެޗުގައި އެޓީމުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 7 ވަނަ މިނެޓުގައެވެ. ނަމަވެސް މިލަނޑަކީ ޕެރަގުއާއީގެ ޑިފެންޑަރ ޑާމިއަން ބޮބަޑިއްޔާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މިމެޗުގައި އެމެރިކާއިން ކާމިޔާބުކުރި ދެވަނަ ލަނ، މެޗުގެ 31 ވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްފައިވަނީ ހުނަރުވެރި ފޯވަޑް ފްލޮރިއަން ބަލޮގުންއެވެ. މިމެޗުގައި އެމެރިކާގެ ތިންވަނަ ލަނޑު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީވެސް ބަލޮގުންއެވެ.
މިމެޗުގައި ޕެރަގުއާއީއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު އެޓީމުން ކާމިޔާބު ކޮށްފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައި މައުރީސިއޯއެވެ. އަދި އެމެރިކާގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ 8 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ގިއޮވާނީ ރޭނާއެވެ.
މިކާމިޔާބީ އާއެކު އެމެރިކާއިން އެޓީމުގެ ފެށުން ރަނގަޅު ކޮށްފައިވާއިރު މިއީ ވޯލްޑް ކަޕްގެ މެޗެއްގައި އެމެރިކާއިން އެންމެ ބޮޑު ތަފާތަކުން މޮޅުވި މެޗުވެސް މެއެވެ.
މިގްރޫޕްގައި ދެން ހިމެނޭ ދެޓީމު ކަމަށްވާ އޮސްޓްރޭލިއާ އާއި ތުރުކީޔޭ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުއެވެ.