ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ، ސަމްޕާ ސަރަޙައްދު ފުލުހުން މެދުވެރިކޮށް ބަލަހައްޓަން ފަށާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ކަނޑުގެ އެންމެ ބޮޑު ސަރަޙައްދުގެ ގޮތުގައި ހިމެނޭ "ސަމްޕާ" ސަރަހައްދަކީ، އަހަރުގެ ހުރިހާ ދުވަހަކުވެސް ފެހުރިހި ފެންނަ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މުހިންމު ސަރަޙައްދެކެވެ. މި ސަރަޙައްދަށް ކޮންމެ އަހަރަކު އެތައް ހާސް ފަތުރުވެރިންނެއް ޒިޔާރަތް ކުރެއެވެ. ސަރަޙައްދު ބޮޑުވުމާއި، އެތަނަށް ވަދެ ނިކުމެވޭނެ ގިނަ މަގުތަކެއް ހުރުމުގެ ސަބަބުން، އާދައިގެ ގޮތްތަކަށް މި ސަރަޙައްދު ބެލެހެއްޓުމަކީ އިދާރީ ގޮތުން ކުރިމަތިވާ ބޮޑު ގޮންޖެހުމެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މިހާރު މިވަނީ، މި ސަރަހައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ރޭންޖަރުންނާއެކު ފުލުހުންވެސް ހަރަކާތްތެރިވާން ފަށާފައެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ދެކުނު އަރިއަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު ސަންޕާ ބެލެހެއްޓުމުގެ މަސައްކަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ރޭންޖަރުންނާ ގުޅުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި ސަރަޙައްދު ބޭނުންކުރައްވާ ހުރިހާ ފަރާތްތަކުން ވެސް ކަނޑައެޅިފައިވާ މެނޭޖްމަންޓް ޕްލޭނާ އެއްގޮތަށް، ކަންކަމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން މި ސަރަހައްދަށް ވަންނަ އުޅަނދަކީ ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށްވުމާއި، ރަޖިސްޓްރީކޮށްފައިވާ ގައިޑެއްގެ އެހީތެރިކަން ހޯދުމާއި، އެ ސަރަޙައްދަށް ވަނުމުގެ ކުރިން ރޭންޖަރުންނަށް އެންގުމާއި، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ވަގުތު 'ލައިވް ލޮކޭޝަން' ހިއްސާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑައެޅިފައިވާ ދިދަ ބޭނުން ކުރުމާއި، މިމަހުގެ 30ގެ ކުރިން އުޅަނދުގެ ބުރަފަތީގައި ރައްކާތެރިކަމުގެ ކަވަރު ހަރުކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން، މޫދުގައި ހަރަކާތްތެރިވާއިރު ކަނޑައެޅިފައިވާ އަޚުލާޤީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބައި ރައްކާތެރިކަން އިސްކުރެއްވުމަށްވެސް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މިއީ، ފުލުހުން މެދުވެރިކޮށް މި ސަރަހައްދު ބަލަހައްޓައި ފުރަތަމަ ފަހަރެވެ.
"ޓެކް-ފޯ-ނޭޗަރ"ގެ ނަމުގައި މި ސަރަހައްދު ބެލެހެއްޓުމަށް ޚާއްސަ މަޝްރޫޢެއް ވަނީ އިފްތިތާޙު ކޮށްފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ކަނޑުގެ ސަރަޙައްދު ބަލަހައްޓާނެ ޒަމާނީ ޓެކްނޮލޮޖީއާއި ވަގުތުން މުޢާމަލާތް ކުރެވޭނެ ވަސީލަތްތައް ބޭނުންކޮށްގެން، ރާއްޖޭގެ ފެހުރިހީގެ އާބާދީ ހިމާޔަތް ކުރުމެވެ. ހަމައެއާއެކު، ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އޮތް ސަންޕާ ސަރަޙައްދުގެ އިޖުތިމާޢީ، އިޤްތިޞާދީ އަދި ތިމާވެށި ހިމާޔަތް ކުރުމާއި، ތަރައްޤީއާ ދެމެދު ހަމަހަމަ އުޞޫލެއް ޤާއިމުކުރުމަކީވެސް މި މަޝްރޫޢުގެ އަމާޒެކެވެ.
"ޓެކް-ފޯ-ނޭޗަރ" މަޝްރޫޢުގެ ދަށުން، މި ސަރަޙައްދު ބަލަހައްޓާ ރޭންޖަރުންނަށް ޑިޖިޓަލްކޮށް އެ ސަރަހައްދު ބަލައިލާ އަދި ރިޕޯޓް ކުރެވޭނެ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މި ޒަމާނީ ވަސީލަތްތަކުގެ ސަބަބުން އެ ސަރަހައްދުގެ މަޢުލޫމާތު އެއްކުރުމާއި، މުޢާމަލާތްކުރުން ހަރުދަނާވެ، ކަނޑުގެ ސަރަޙައްދު ބެލެހެއްޓުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ފަތުރުވެރިންނާއި، ދިރުންތަކާ ދެމެދު އޮންނަ ގުޅުން ދެނެގަތުމަށް މަގުފަހިވެ، އައި.ޔޫ.ސީ.އެންގެ "ގްރީން ލިސްޓް"އަށް މި ސަރަޙައްދު ހޮވުމަށް ކުރާ މަސައްކަތަށް ބޭނުންވާ ސައިންޓިފިކް މަޢުލޫމާތުތައް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ސަންޕާ" މި މަޝްރޫޢުގެ އަމާޒަކީ ފަތުރުވެރިން މެނޭޖު ކުރުމާއި، ޤަވާޢިދުތަކަށް ޢަމަލުކުރުން އިތުރު ކުރުމާއި، ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކޮށް ގޮތްތައް ނިންމުމަށް އެހީތެރިވެދީ، ފަތުރުވެރިކަމާއި ތިމާވެށި ހިމާޔަތްކުރުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމެވެ. މި މަޝްރޫޢުގެ ދަށުން، ސަންޕާ ނުވަތަ ދެކުނު އަރިއަތޮޅު ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ރޭންޖަރުންނަށް ބޭނުންވާ މޮނިޓަރިންގ އަދި މުއާސަލާތީ ވަސީލަތްތައް ފޯރުކޮށްދެވޭނެއެވެ.