ދިވެހިރާއްޖެއަކީ ޖާޒީރާ ރަށްތަކަށް އޮންނަ ޤައުމެއް ކަމުން ގިނަ ކަންކަމުގައި ދަތިތަކެއް ހުރެއެވެ. ޞިއްޙީ ގޮތުން ކުރިމަތިވާ އެކި ހާލަތްތަކުގައި ލޭ ބޭނުންވާ މީހުންނަށް ލޭ ހަދިޔާ ކުރުމުގެ ކަންކަމަށް ބެލިނަމަވެސް، މި ގޮންޖެހުން އޮވެއެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ކޮންމެ އަހަރެއްގެ ޖޫން މަހުގެ 14 ވަނަ ދުވަހު ބައިނަލްއަޤްވާމީ ފެންވަރެއްގައި ފާހަގަކުރަނީ ލޭ ހަދިޔާ ކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމަށެވެ. އަދި ޤަވާއިދުން ލޭ އެޅުމަށްވެސް މި ދުވަހު ބާރުއަޅައެވެ.
ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރާއިރު، އެންމެ ބޮޑަށް އުފެދޭ އެއް ސުވާލަކީ ލޭ ހަދިޔާ ކުރުން މިހާ މުހިންމު ވަނީ ކީއްވެގެންތޯއެވެ؟ އެއްފަހަރާ ބޮޑު ކެމްޕޭނެއް ހިންގުމަށް ފަހު ހޯދާ ލޭ، ރައްކާކޮށްގެން ގިނަ ދުވަސްތަކެއްގެ މަތިން ބޭނުން ނުކުރެވެނީ ކީއްވެތޯ ބަލާއިރު، އޭގެ އެންމެ ސާދާ ޖަވާބަކީ ލޭގެ ސެލްތަކަކީ ދިރޭ އެއްޗެއް ކަމަށްވެފައި، ވަގުތު ފާއިތުވާވަރަކަށް ލޭ ހަލާކުވާތީއެވެ.
ވަކި ޚާއްޞަ ފިނިހޫނުމިނެއްގައި ލޭ ރައްކާކުރަން ޖެހޭއިރު، ލޭގެ މައިގަނޑު ބައި ރެޑް ބްލަޑް ސެލްސް އެންމެ ގިނަ ދުވަހަށް ބެހެއްޓޭނީ ގާތްގަނޑަކަށް ދޮޅު މަސް ދުވަސް ވަންދެންނެވެ. އަދި ޕްލެޓްލެޓްސް ހަލާކުނުވެ ހުންނަނީ އެންމެ 5 ދުވަހާއި 7 ދުވަހަށެވެ. އެހެންކަމުން، ބޭނުންވާ މިންވަރަށް ލޭ ފޯރުކޮށްދިނުމަށްޓަކައި އަބަދުވެސް އަލަށް ލޭ ހަދިޔާކުރާނެ މީހުން ބޭނުންވެއެވެ. އަނެއްކޮޅުން، ކޮންމެ ލެޔަކީ ކޮންމެ މީހެއްގެ ގަޔަށް އެޅޭނެ ލެޔެއްވެސް ނޫނެވެ. ލޭ އެޅުމުގައި ޞިއްޙީ ގޮތުން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ޚާއްޞަ ގްރޫޕްތަކާއި މިންގަނޑުތަކަށް ބަލަންޖެހެއެވެ.
ރާއްޖެއަކީ ޖަޒީރާ ޤައުމަކަށް ވުމުން، ލޭ ނެގުމަށް ފަހު ރައްކާތެރިކަމާއެކު އެއްތަނުން އަނެއްތަނަށް އުފުލުމަކީ ބޮޑު ގޮންޖެހުމެކެވެ. ފިނިހޫނުމިނަށް އަންނަ ކުޑަ ބަދަލަކުންވެސް ލޭ ބޭނުން ނުކުރެވޭ ގޮތް ވެދެއެވެ. މި ސަބަބަށްޓަކައި، އަތޮޅުތެރޭގެ ހާލަތަށް ބަލާއިރު، ކުއްލި ބޭނުންތަކުގައި ބަލިމީހާ އޮންނަ ހޮސްޕިޓަލަށް ލޭ ހަދިޔާކުރާ މީހާ ގޮސްގެން ލޭ ދިނުމަކީ މިވަގުތު އަމަލުކުރަން މަޖުބޫރުވެފައިވާ އާންމުކޮށް ޢަމަލުކުރާ ގޮތެވެ.
ލޭ ހަދިޔާ ކުރުމަކީ ޞިއްޙީ ގޮތުން ވަރަށް ފައިދާ ހުރި ކަމެކެވެ. ޞިއްޙީ މާހިރުން ފާހަގަކުރާ ގޮތުގައި ލޭ ދޭ ކޮންމެ ފަހަރަކު ހަށިގަނޑުން ލޭ މަދުވުމުން، އާ ލޭގެ ސެލްތައް އުފެދުމަށް މަގުފަހިވެއެވެ. މީގެ ސަބަބުން ހަށިގަނޑުގެ ލޭ ދައުރުވުން ތާޒާވެ، ހިތުގެ ޞިއްޙަތު ރަނގަޅުވެއެވެ. މީގެ އިތުރުން، މިއީ އެއްވެސް ޚަރަދަކާ ނުލައި އަމިއްލަ ލޭގެ ޕްރެޝަރާއި ހިމަގްލޯބިން ހުރި މިންވަރު ބަލާލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
އެހެން ކަމުން އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ، ބަރުދަނުގައި މަދުވެގެން 50 ކިލޯ ހަމަވާ ޞިއްޙަތު ސަލާމަތުން ހުރި ކޮންމެ މީހަކަށްވެސް ލޭ ހަދިޔާ ކުރެވޭނެއެވެ. ލޭ ދޭންދާއިރު ރަނގަޅަށް ކައިގެން ދިޔާތަކެތި ބޮއިގެން ދިއުން މުހިންމެވެ. އަދި ރޭގަނޑު ހަމަނިދި ހޯދުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
ހަށިގަނޑުގައި ކަންބޮޑުވާން ޖެހޭ ޞިއްޙީ މައްސަލައެއް ނެތް ނަމަ މިއީ ސަދަޤާތެއް ގޮތުގައި ކުރަންވީ ކަމެކެވެ. ހަނދާންކުރަންޖެހޭ ކަމަކީ އެއްވެސް ކަހަލަ ބަލިމަޑުކަމެއް ތަހައްމަލު ކުރާ ފަރާތެއް ނަމަ އަދި މާބަނޑު މީހެއް ނުވަތަ ދާދި ފަހުން ވިހެއި މީހެއް ނަމަ މިފަދަ ކަމެއް ކުރުން ފަސްކޮށް ޞިއްޙީ މާހިރެއްގެ ލަފާގެ މަތިން ލޭ ހަދިޔާ ކުރުމެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރާއިރު، ދިވެހިރާއްޖެއަށް މި ދުވަހުގެ މުހިންމުކަން ވަރަށްވެސް ބޮޑެވެ. އަޅުގަނޑުމެންގެ ޖަޒީރާ މި ޤައުމަކީ މުޅި ދުނިޔޭގެ ނިސްބަތުންވެސް ތެލެސީމިއާ ކެރިއަރުންނާއި ބަލިކުދިން އެންމެ ގިނަ އެއް ޤައުމެވެ. ރާއްޖޭގައި މިވަގުތުވެސް 650 އަށް ވުރެ ގިނަ ކުދިން ތިބިއިރު ގިނަ ކުދިންނަކީ ހަމައެކަނި ދިރިތިބުމަށްޓަކައި ކޮންމެ 3 ނުވަތަ 4 ހަފުތާއަކުން ގަވާއިދުން ލޭ އަޅަންޖެހޭ ކުދިންނެވެ. އެހެންކަމުން، ރާއްޖޭގެ ހާލަތަށް ބަލާއިރު ލޭ ހަދިޔާކުރުމަކީ ހަމައެކަނި ދޭތެރެއަކުން ކޮށްލާ ދަރުމަވެރި ކަމެއް ނޫނެވެ. އެއީ މި އެތައް ސަތޭކަ ކުދިންނެއްގެ ފުރާނަ ސަލާމަތްކޮށްދޭ ދާއިމީ އެހީއެއް އަދި ސަދަޤާތެކެވެ.
އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި ލޭ ހޯދަން ގިނައިން މި ޖެހެނީ އާއިލާގެ މީހުންނާއި ރައްޓެހިންގެ ކިބައިންނެވެ. އެހެން ކަމުން ލޭ ހަދިޔާ ކުރުން ފަދަ މުހިންމު ކަމެއް ޤަވާއިދު ކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. ލޭ ހަދިޔާ ކުރުމުގެ އެއްވެސް މައުލޫމާތެއް ބޭނުންނަމަ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތްދޭ ކޮންމެ މަރުކަޒަކުންވެސް މި މައުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި މޯލްޑިވްސް ބްލަޑް ސާވިސްއިން މިކަމަށް ޚާއްސަ ސަމާލުކަމެއްދީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.