ޚަބަރު

ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް މެސީ


  • މެސީ އަކީ ކްލޯޒާއާއެކު ޖޮއިންޓް ޓޮޕް ސްކޯރަރ

  • މިއީ މެސީގެ ހަވަނަ ވޯލްޑް ކަޕް

ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތްކަމުގައިވާ ފީފާ ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު، ފުޓުބޯޅަ "ފުރިހަމަ" ކޮށްފައިވާ ހަމައެކަނި ކުޅުންތެރިޔާގެ ގޮތުގައި ނިސްބަތްކުރެވޭ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ގާއިމްކޮށްފިއެވެ.

އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާއާއިއެކު ހަވަނަ ފަހަރަށް މި މުބާރާތަށް ނުކުމެ ކުޅެމުންދާ މެސީ މި ރެކޯޑު ހަދާފައިވަނީ، މެކްސިކޯ، އެމެރިކާ އަދި ކެނެޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026 ގައި އާޖެންޓީނާއިން ކުޅުނު ފުރަތަމަ މެޗުގައެވެ.

ގްރޫޕް ޖޭގެ މި މެޗުގައި އަލްޖީރިއާއާ ދެކޮޅަށް ކުޅެ 0-3 އިން އާޖެންޓީނާ މޮޅުވިއިރު، މެޗުގައި އާޖެންޓީނާގެ ތިން ލަނޑުވެސް ޖަހައިދީ މެސީ ވަނީ ހެޓްރިކް ހަދާފައެވެ. މިއީ މެސީ ވޯލްޑް ކަޕުގައި ހެދި ފުރަތަމަ ހެޓްރިކް ކަން ވެސް ފާޙަގަކޮށްލެވެއެވެ.

މި ހެޓްރިކާއެކު މެސީ ވޯލްޑް ކަޕުގައި ޖެހި ޖުމްލަ ލަނޑުގެ އަދަދު 16 އަށް އަރާފައިވާއިރު، މެސީއާއިއެކު ވޯލްޑް ކަޕްގެ ޖޮއިންޓް ޓޮޕް ސްކޯރަރއެއްގެ ގޮތުގައި ދެން ހިމެނެނީ ޖަރުމަނުގެ ފުޓުބޯޅަ ލެޖެންޑް މިރޮސްލާވް ކްލޯޒޭއެވެ.

ވޯލްޑް ކަޕުގައި 16 ލަނޑު ޖަހަން މެސީއަށް ހަ ވޯލްޑް ކަޕުގައި ކުޅެން ޖެހުނުއިރު ކްލޯޒޭ މި އަދަދަށް ލަނޑުޖެހީ ހަތަރު ވޯލްޑް ކަޕުގައި ކުޅެގެންނެވެ.

އާޖެންޓީނާގެ ތަރި މެސީ، ވޯލްޑް ކަޕުގައި އެންމެފުރަތަމަ ލަނޑުޖެހީ 2006 ވަނަ އަހަރު، ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕުގައެވެ. ޖެހިގެން އައި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މެސީގެ ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް، ޖެހިގެން އައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ހަތަރު ލަނޑު ޖަހައި، މެސީ ވަނީ އެ މުބާރާތުގެ ރަން ބޯޅަ ހޯދާފައެވެ. 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕުގައި އެންމެ ލަނޑެއް ކާމިޔާބު ކުރެވުނު ނަމަވެސް، އާޖެންޓީނާއާއިއެކު ތަށި އުފުލާލި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މެސީ ހަތް ލަނޑު ޖަހާފައިވެއެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕުގެ މިހާތަނަށް ތިން ލަނޑު ޖަހާފައިވާއިރު، ކްލޯޒޭގެ ރެކޯޑު މުގުރާލައި، އެންމެ ގިނަ ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑު ހެދުމަށް މެސީއަށް ފުރުސަތު މިވަނީ ހުޅުވިފައެވެ.

ވޯލްޑް ކަޕުގައި މެސީ ކާމިޔާބުކުރި 16 ލަނޑުގެ ތެރެއިން ކުޅުމުގެ ތެރެއިން، އޯޕަން ޕްލޭގައި އަށް ލަނޑު ޖަހާފައިވާއިރު ހަތް ލަނޑު ޖަހާފައިވަނީ ޕެނަލްޓީންނެވެ. އަދި އެއް ލަނޑު، ހިލޭ ޖެހުމަކުން ކާމިޔާބުކޮށްފައިވެއެވެ.

މިފަހަރުގެ ވޯލްޑް ކަޕަކީ މެސީގެ ފަހު ވޯލްޑް ކަޕް ކަމަށް ބެލެވޭއިރު، އާޖެންޓީނާއަށް ކުރިއަށް ދެން އޮތީ އޮސްޓްރިއާ އާއި ދެކޮޅަށް ކުޅެން އޮތް މެޗެވެ. އެ މެޗު އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުގެ ރެއެވެ.