ޚަބަރު

ސެނެގާލް މެޗުގައި ގިނަ ގޯސްތަކެއް ހެދުނު: ޑޭޝޯމްޕް


  • މެޗުން ފްރާންސް މޮޅުވީ 1-3 އިން

  • ފުރަތަމަ ހާފުގައި ބައިކޮޅަށް ލަނޑެއް ނުވަނީ ނަސީބަކުންކަމަށް ކޯޗު ބުނި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އައިގައި ފްރާންސާއި ސެނެގާލް ބައްދަލުކުރި މެޗުގައި ފްރާންސް ޓީމަށް ގިނަ ގޯސްތަކެއް ހެދުނު ކަމަށް އެޓީމުގެ ކޯޗު ޑިޑިއަރ ޑެޝޯމްޕް ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޑޭޝޯމްޕް ބުނީ މެޗުގެ ފުރަތަމަ ހާފުގައި އޭނާގެ ޓީމަށް ގިނަ ގޯސް ތަކެއް ހެދިގެންދިޔަ ކަމަށެވެ. އޭނާ ފާހަގަކުރިގޮތުގައި މެޗުގެ ފުރަތަމަ ހާފުގައި ފަރަންސޭސި ޓީމު ފެނިގެންދިޔައީ އެއްވެސް ރޫހެއް ނެތި ކުޅެމުންދިޔަ ތަން ކަމަށާއި ފުރަތަމަ ހާފު ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ނިންމާލެވުނީ ނަސީބަކުން ކަމަށެވެ.

ޑޭޝޯމްޕް ބުނީ ފަރަންސޭސި ޓީމަށް ފުރަތަމަ ހާފުގައި ދެއްކި ކުޅުމަށް ވުރެ ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށާއި އަދި މިމެޗުގެ ދެވަނަ ހާފުގައި ފެނިގެންދިޔައީ އެތަން ކަމަށެވެ.

ޑޭޝޯމްޕް ބުނީ ހާފް ޓައިމްގައި އޭނާ ކުޅުންތެރިންނާއި ވާހަކަ ދެއްކިން ކަމަށާއި ނަމަވެސް އެއީ އެއްވެސް ގޮތަކަށް ރުޅިއައިސްގެން ހަޅޭއްލަވާ އުސޫލުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އޭނާ ކުޅުންތެރިންނާއި ވާހަކަ ދެއްކީ ވަރަށް ހަމަޖެހިހުރެ ހަގީގަތް ހާމަކުރުމުގެ ގޮތުން ކަމަށެވެ.

މިމެޗުގައި ފަރަންސޭސި ޓީމު ރާވާލެވިފައިވިގޮތާމެދު އޭނާ ކަންބޮޑުވުމެއް ނެތް ކަމަށާއި އަދި ދެވަނަ ހާފަށް ގެނެވުނު ބަދަލު ތަކާމެދު ހިތްހަމަ ޖެހޭ ކަމަށް ކޯޗު ބުންޏެވެ. މިމެޗުގެ ދެވަނަ ހާފުގައި ޑޭޝޯމްޕް ވަނީ ބްރެޑްލީ ބާކޯލާ ކުޅެން އަރުވާ މައިކަލް އޮލީސޭ ބޮޑަށް ޕްލޭ މޭކިންގ ރޯލަކަށް ބަދަލުކޮށްފައެވެ.

އަދި ޑޭޝޯމްޕްވަނީ އޭނާގެ ކެޕްޓަން ކިލިއަން އެމްބާޕޭއަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. ޑޭޝޯމްޕް ބުނިގޮތުގައި އެމްބާޕޭ މިމެޗުގައި ދެއްކި ކުޅުމާއެކުވެސް އޭނާއަށް މީހުން ފާޑު ކިޔާނެ ކަމަށާއި ނަމަވެސް މިމެޗުގައި އެމްބާޕޭގެ ފަރާތުން ފެނިގެންދިޔައީ ވަރަށް މޮޅު ކުޅުމެއް ކަމަށެެވެ.

އަދި އެމްބާޕޭއަކީ ޑިފެންސް ކުރަން އަރުވާފައި ހުރި ކުޅުންތެރިއެއް ނޫން ކަމަށާއި އެހެން ކަމުން ފުރަތަމަ ހާފުގައި އެއްވެސް ވަރަކަށް ދަނޑުމަތިން ފާހަގަ ނުވެ ހުރެފައި ދެވަނަ ހާފުގައި ދެ ލަނޑު ޖެހުމުން އޭނާގެ ބޭނުން ޓީމަށް ފުރިހަމައަށް ހިފޭކަމުގައި ޑޭޝޯމްޕް ފާހަގަ ކުރިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސެނެގާލްގެ ކޯޗު ޕެޕޭ ތިއާއޮވަނީ މިމެޗުގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ފެނިގެންދިޔަކަން ފާހަގަ ކޮށްފައެވެ.

އޭނާ ބުނީ މިމެޗުގެ ފުރަތަމަ ހާފު އެކެއް ނޫނީ ދެ ލަނޑުން ކުރީގައި އޮވެގެން ނިންމާލުމުގެ ފުރުސަތު އޭނާގެ ކުޅުންތެރިންނަށް ލިބިގެންދިޔަ ކަމަށާއި ނަމަވެސް ހަމަލާތައް ލަނޑަށް ބަދަލު ކޮށްނުލެވުމުން އެކަން ހާސިލް ނުކުރެވުނީކަމަށެވެ.

އަދި ސެނެގާލްއަށް ދެވަނަ ހާފުގައި ގިނަ ގޯސްތަކެއް ހެދިގެންދިޔަ ކަމަށާއި އަދި އެކަމުގެ ފައިދާ ނަގާ ފަރަންސޭސި ޓީމުން އެޓީމަށް ލިބުނު ފުރުސަތު ތަކުގެ ބޭނުން ހިފީކަމަށް ސެނެގާލްގެ ކޯޗު ބުންޏެވެ. އެގޮތަށް އަމިއްލައަށް ހެދޭ ގޯސްތަކުން އިދިކޮޅު ޓީމުން ލަނޑު ޖެހުމުން މެޗުގައި މައްސަލަ ދިމާވާނެ ކަމަށާއި އެގޮތުން ސެނެގާލްއަށް މިމެޗުގައި ދިމާވީ އެހެން ކަމަށް ތިއާއޮ ފާހަގަ ކުރިއެވެ.

އަދި ސެނެގާލްއިން ކަމިޔާބު ކުރި ފުރަތަމަ ލަނޑައެކު މެޗުގެ ނަތީޖާ ހަމަހަ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތް ނުވީކަމަށެވެ.