ޚަބަރު

ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްޤީކުރެވޭނީ %45 ހިއްސާ އޮވެގެން


  • ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްޤީކުރަން ދިނުމާގުޅޭ ގަވާއިދު ވަނީ އާންމުކޮށްފައި

  • ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރެވޭނީ ވަޒީރުންގެ މަޖިލީހުން ފާސްކޮށްގެން

  • ސީއެސްއާރްގެ ގޮތުގައި ފަސްލައްކަ ޑޮލަރު ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރަންޖެހޭ

ދައުލަތުގެ ކުންފުންޏަކަށް ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދެވޭނީ ސަރުކާރުގެ މަދުވެގެން %45 ހިއްސާ އޮންނަ ކުންފުންޏަކަށްކަމަށް ކަނޑައަޅައިފިއެވެ.

މިގޮތަށް ކަނޑައަޅާފައިވަނީ ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ތަރައްޤީކޮށް ހިންގުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދައުލަތުގެ ކުންފުނިތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭ ގަވާއިދުގައެވެ.

މި ގަވާއިދަކީ ދައުލަތުގެ ކުންފުނިތަކުން ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ތަރައްޤީކޮށް ހިންގުމަށް، ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމުގައި ބެލެވޭނެ ޝަރުތުތަކާއި، ކުއްޔަށް ދެވޭނެ ހާލަތްތަކާއި، ކުއްޔަށް ދިނުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރުމާއި އެ ތަންތަން ވަކިކުރުމާއި އަދި އެހެނިހެން ކަންތައްތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ.

ގަވާއިދުގެ ދަށުން މިފަދަ ތަންތަން ކުއްޔަށް ދެވޭނީ ވަޒީރުންގެ މަޖިލީހުން ނިންމައި، އެފަދައިން ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅު އަދި އެ ތަނެއް ދޫކުރާނެ ދައުލަތުގެ ކުންފުނި، ވަޒީރުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. އަދި ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުމަށް ކަނޑައަޅާ ދައުލަތުގެ ކުންފުންޏަކީ، އެ ތަނުގައި ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމުގެ މާލީ ޤާބިލުކަމާއި ފަންނީ ޤާބިލުކަން ހުރި ކުންފުންޏެއް ކަމުގައިވާންޖެހެއެވެ.

ކުއްޔަށް ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދޭ ދައުލަތުގެ ކުންފުންޏެއްގައި ސަރުކާރުގެ މަދުވެގެން %45 ހިއްސާ އޮންނަން ޖެހޭކަމަށް ގަވާއިދުގައިވެއެވެ. އަދި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ކަނޑައަޅާ މިންވަރަށް ލީސް އިކުއިޒިޝަން ދަންކަންޖެހޭނެއެވެ. މީގެ އިތުރުން ސީއެސްއާރް ފައިދާ ދެއްކުން ނުވަތަ ވުޒާރާއިން ކަނޑައަޅާ ތަރައްޤީގެ މަޝްރޫޢުއަކަށް ޚަރަދުކޮށްފައިވުން ނުވަތަ ޚަރަދުކުރަން އެއްބަސްވެފައިވުމާއެކު ޚަރަދުކުރާނެ ގޮތުގެ ޕްލޭނެެއް އެ ވުޒާރާއަށް ހުށަހަޅަންވެސް ޖެހެއެވެ.

މި ގަވާއިދުގައި ވަނީ މިފަދަ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރަންވީ ގޮތްވެސް ހިމަނާފައެވެ. އޭގެ ތެރޭގައި އެފަދަ ތަންތަން ކުއްޔަށް ދިނުމުގެ ކުރިން އެތަނަކީ ފަތުރުވެރިކަމުގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ތަނަކަށް ވާންޖެހެއެވެ. އަދި ކުއްޔަށް ދިނުމަށްފަހު ކުލީގެ އެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި އެކަމުގެ ތަފްސީލް އޮޑިޓަރ ޖެނަރަލްގެ އޮފީހަށާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާއާ ހިއްސާކުރަންޖެހެއެވެ.

ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށްދޭން ނިންމާ ހާލަތުގައި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ގެ ގޮތުގައި ފަސްލައްކަ ޑޮލަރު ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރުން ނުވަތަ އެ އަދަދަށް ކަނޑައަޅާ ބާވަތްތަކުގެ މަޝްރޫޢަކަށް ޚަރަދުކުރުމަށް ޝަރުތުކުރެވިދާނެއެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި އިޖުތިމާޢީ މަރުކަޒުތައް ބިނާކުރުމާއި، އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ ޕްރޮޖެކްޓްތަކާއި، ޓާރފް ދަނޑުތަކާއި ފުޓްބޯޅަ ދަނޑުތައް ހެދުންފަދަ މަޝްރޫޢުތައް ހިމެނެއެވެ.

މި މަޝްރޫޢުތަކުގެ އިތުރުންވެސް، ސަރުކާރުގެ ޚާއްޞަ ސިޔާސަތެއް ތަންފީޒުކުރުމަށް ޓަކައި ސަރުކާރުން ކަނޑައަޅައިފައިވާ ޚާއްޞަ މަޝްރޫޢަކަށް ޚަރަދުކުރުމަށް ޝަރުތުކުރުމަށް ހުރަހެއް ނާޅައެވެ. ގަވާއިދުގައި ވަނީ މީހުން ދިރިއުޅޭ ރަށްރަށުގެ އިޚްތިޞާޞްގެ ތެރޭގައިވާ ސަރަޙައްދެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ސަރުކާރު ކުންފުނިތަކުން ތަރައްޤީކުރެވޭނެ ގޮތްތައްވެސް ކަނޑައަޅާފައެވެ.

މި ގަވާއިދުގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގައި ދައުލަތުގެ ކުންފުންޏަކުން ގެސްޓްހައުސްއެއް ނުވަތަ ހޮޓަލެއް ތަރައްޤީކުރާ ހާލަތުގައި އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު، ފަތުރުވެރިކަމުގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންޖެހެއެވެ.

ގަވާއިދުގައިވާ ގޮތުގެ މަތީން ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރަންވާނީ، އެ ރަށެއް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވޭ ފަރާތާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.