ޚަބަރު

މެކްސިކޯ ކުޅުންތެރިންނަށް ކޯޗު އަގުއެރޭގެ ތައުރީފް


  • މެކްސިކޯ ވަނީ ދެކުނު ކޮރެއާ އެއް ލަނޑު ސުން ލަނޑުން ބަލިކޮށްފައި

  • މިމޮޅާއެކު މެކްސިކޯ ވަނީ ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފައި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ މެކްސިކޯ ޓީމުގެ ކުޅުންތެރިންގެ ކުޅުމަށް އައިސްފައިވާ ހަރުދަނާ ބަދަލަށް އެޓީމުގެ ކޯޗު ހާވިއޭ އަގުއެރޭ ތައުރީފް ކޮށްފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ ގްރޫޕް އޭގައި މިއަދު ހެނދުނު ދެކުނު ކޮރެއާ އާއި ދެކޮޅަށް ކުޅެ އެއް ލަނޑު ސުން ލަނޑުން މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އޭނާ ހާމަކުރިގޮތުގައި ދެކުނު ކޮރެއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ. އޭނާ ފާހަގަ ކުރިގޮތުގައި ދެކުނު ކޮރެއާގެ މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި ނަމަވެސް އެއާއެކުވެސް ވަރަށް ރޭވުން ތެރިކަމާއެކު ކުޅެމުންދިޔަ ދެކުނު ކޮރެއާ ޓީމުގެ ޑިފެންސް ފޫއަޅުވާލެވުނީ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ހަރުދަނާ މޮޅު ކުޅުމުގެ ސަބަބުންނެވެ.

މެކްސިކޯގެ ކޯޗު ހާމަކުރިގޮތުގައި މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެއް ކަމަށާއި އަދި ދެޓީމުންވެސް ދިޔައީ އެއް ބައެއް އަނެއް ބަޔެއްގެ ކުޅުން ރޫޅާލެވޭތޯ މަސައްކަތް ކުރަމުންކަމަށެވެ. އަދި މިމެޗުގައި ފެނިގެންދިޔަ ލަނޑަކީ ދެކުނު ކޮރެއާގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޖެހިފައިވާ ލަނޑެއް ކަމުގައިވެސް މެކްސިކޯގެ ކޯޗު ފާހަގަ ކުރިއެވެ.

މިމުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ 32 ޓީމުގެ ބުރުން ޖާގަހޯދި ފުރަތަމަ ޓީމަށް މެކްސިކޯ ވެގެންދިޔަ ނަމަވެސް ކުރިއަށް އޮތް މެޗުވެސް ފަސޭހަ ކޮށްލެވެން ނޯންނާނެކަމަށް އަގުއެރޭ ފާހަގަ ކުރިއެވެ. އެހެން ކަމުން މިހާރުވެސް ކުރިއަށް ޗެކިއާ އާއި ދެކޮޅަށް ކުޅޭ ގްރޫޕްގެ ފަހު މެޗަށާއި 32 ޓީމުގެ ބުރަށް ތައްޔާރުވުމަށް ކުޅުންތެރިންގެ ވިސްނުން ބެހެއްޓުމަށް އިރުޝާދު ދީފައިވާނެކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ދެކުނު ކޮރެއާގެ ކޯޗު ހޮންގ މިޔުންގ ބޯ ވަނީ އޭނާގެ ކުޅުންތެރިންގެ ފަރާތުން މުޅިމެޗުގައި ފެނިގެންދިޔަ ކުޅުމަށް ފައުރީފް ކުރުމާއެކުވެސް މެޗުގެ ނަތީޖާ އާމެދު ހިތްހަމަ ނުޖެހޭކަން ފާހަގަ ކޮށްފައެވެ. އޭނާ ބުނީ މިމެޗުގެ ބައެއް ވަގުތު ކޮޅުތަކުގައި އޭނާގެ ކުޅުންތެރިންގެ ކުޅުން އިތުރަށް ރަނގަޅު ކުރެވޭނެ ވަގުތު ކޮޅުތައް ދިޔަ ކަމަށެވެ. އަދި އެޓީމު ކޮޅަށް ލަނޑު ވަން ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު އެންމެ ރަނގަޅަށް ސާފުކުރެވިފައިނުވާ ކަމަށާއި ނަމަވެސް ކޮންމެވެސް ވަރަކަށް ކުޅުންތެރިންގެ ތެރޭގައި ކޮށްޕުން ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ.

މިމުބާރާތުގައި މެކްސިކޯ ކުޅޭ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ނިކުންނާނީ ޗެކިއާ އާއި ދެކޮޅަށެވެ. އަދި ދެކުނު ކޮރެއާ ނިކުންނާނީ ދެކުނު އެފްރިކާ އާއި ދެކޮޅަށެވެ.