ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އިކުއެޑޯއާ ދެކޮޅަށް ނުކުންނައިރު ކިއުރަސާއޯ އަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތް ކަމަށް އެ ގައުމުން ބުނެފި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުން މި ދެ ގައުމު ވެސް ވަނީ ބަލިވެފަ އެވެ. ކިއުރަސާއޯ ބަލިވީ ޖަރުމަނު އަތުން 7-1އިންނެވެ. އިކުއެޑޯ ފަހު ވަގުތު ބަލިވީ އައިވަރީ ކޯސްޓް އަތުން 1-0އިންނެވެ. މިހެންވެ މި މެޗުން ބަލިވާ ޓީމަކަށް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު މުޅިން ކަހަލަ ގޮތަކަށް ބަންދުވާނެ އެވެ. ހާއްސަކޮށް ގިނަ ގޯލުތަކެއް ވަދެފައިވާތީވެ ކިއުރަސާސޯ އަށް ތިން ވަނަ ޓީމެއްގެ ގޮތުގައި ކޮލިފައިވުމަށް އޮތް ފުރުސަތު ހަންޏެވެ.
ނަމަވެސް ކޯޗު ޑިކް އެޑްވޮކާޓް ހުރީ ވަރަށް ހަމަޖެހިގެންނެވެ. ވޯލްޑް ކަޕަށް މިހާތަަނަށް ކޮލިފައިވި އެންމެ އާބާދީ މަދު ގައުމަށް ކޯޗުކޮށްދޭ ނެދަލޭންޑްސްގެ ކޯޗު ބުނީ ބަލިވެގެން އޭނާގެ ޓީމަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތް ކަމަށެވެ.
"މިސާލަކަށް އަހަރުމެން ޖަރުމަނު އަތުން ބަލިވީމާ އެންމެން ދެއްކީ އެ ވާހަކަ. އެކަމަކު އެ މެޗުން ކިތައް މީހުންނަށް މިހާރު ކިއުރަސާއޯ އެނގިއްޖެ. އަހަރުމެންގެ ޓީމާއި ކުޅުންތެރިންނަށް ވޯލްޑް ކަޕް މެޗަކުން މޮޅުނުވެވުނަސް މިއީ ވަރަށް ރަނގަޅު ފުރުސަތެއް އަދި ތަޖުރިބާއެއް. ޖަރުމަނު އަތުން 7-1އިން ބަލިވުމަކީ ވަރަށް ބޮޑު ތަފާތެއް. އެކަމަކު މިވަރުގެ މުބާރާތެއްގައި އަހަރުމެން މީގެ ކުރިން ނުކުޅެން. މިވަރުގެ ސްޓޭޑިއަމެއްގައި ވެސް މި ކުޅުނީ އަލަށް. އެހެންވީމާ އަހަރުމެންނަށް ޕްރެޝަރެއް ނެތް،" މުބާރާތުގައި ކޮންމެ ނަތީޖާއެއް ނުކުތަސް ވަރިހަމަވާ ފަދަ ގޮތަކަށް ވާހަކަ ދައްކަމުން ކޯޗު ބުންޏެވެ.
ނަމަވެސް އިކުއެޑޯގެ އޮތީ މި މެޗުން ވަރަށް ބޮޑަށް ޕޮއިންޓަކަށް ބޭނުންވެފަ އެވެ. ކޯޗު ސެބަސްޓިއަން ބެކަސީސް ބުނީ މި މެޗުގެ ފެށުން ވަރަށް ރަނގަޅު ކުރަން ޖެހޭނެ ކަމަށެވެ.
"ފުރަތަމަ ކަމަކަށް އަހަރުމެންނަކީ ޖަރުމަނެއް ނޫން. ކިއުރަސާއޯ އަށް އިހްތިރާމް ކުރަން ޖެހޭ. ހަމައެއާއެކު އަހަރުމެން ފެށުން ރަނގަޅު ކުރަން ޖެހޭނެ. އެ މީހުންނަކީ ކިހިނެތް ކުޅޭ ޓީމެއްކަން އަހަރުމެންނަށް އެނގޭ. އެހެންވީމާ ވަރަށް ބޮޑަށް މި މެޗަށް ތައްޔާރުވާން ޖެހޭނެ،" ކޯޗު ބުންޏެވެ.
އޭނާ ބުނީ އައިވަރީ ކޯސްޓް އަތުން 1-0އިން ބަލިވުން ހުރިހާ ކުޅުންތެރިން މި މެޗުގެ ކުރިން ހަނދާން ނައްތާލަން ޖެހޭ ކަމަށެވެ.