ކުޅިވަރު

ސްޕޭން ހީކުރާ ވަރަށްވުރެ ސައޫދީ އަރަބިއާ ވަރުގަދަވާނެ!


ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސައޫދީ އަރަބިއާ އާއި ސްޕޭން ބައްދަލު ކުރާ މެޗަކީ އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުން ޝައުގުވެރިވާނެ މެޗެކެވެ. މިއީ ހަމައެކަނި ދަނޑުމަތީގެ ވާދައެއް ނޫނެވެ. މި މެޗަކީ މި ދެ ގައުމުގެ ފުޓްބޯޅައިގެ ގުޅުމާ ވެސް ގުޅިފައިވާ މެޗެކެވެ.

ފާއިތުވެދިޔަ 10ވަރަކަށް އަހަރު ސައޫދީ އަރަބިއާގެ ފުޓްބޯޅަ އަށް އެންމެ ބޮޑު އެހީތެރިކަމެއް ދިން ބަޔަކީ ސްޕޭނެވެ. ސްޕެނިޝް ސުޕަކަޕް ބާއްވައިދޭ ގައުމަކީ ވެސް ސްޕޭނެވެ. އެ ގައުމުގެ އެންމެ ގަދަ ހަތަރު ޓީމު ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހު ސައޫދީ އަރަބިއާ އަށް ދަތުރު ކުރަނީ އޭގެ މަންފާ ވެސް ބޮޑުވުމުނެވެ. މުބާރާތުގައި ވާދަކުރާ ކުލަބުތަކަށާއި ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނަށް އެންމެ ތިން މެޗުގެ މުބާރާތުން އެކަނި ވެސް 50 މިލިއަނެއްހާ ޑޮލަރު ލިބެ އެވެ.

ސައޫދީގެ ފުށުން ސްޕޭނަށް ލިބެނީ ފައިސާ އެވެ. މީގެ ބަދަލުގައި ސްޕޭނުގެ ފަރާތުން ސައޫދީގެ ސަޕޯޓަރުންނަށް ހިތްހަމަ ޖެހުން ލިބިދެ އެވެ. ސްޓޭޑިއަމްތައް ފުރާލަނީ ބާސެލޯނާ އާއި ރެއާލް މެޑްރިޑާއި އެތްލެޓިކޯގެ ވާދަވެރި މެޗުތަކަށެވެ. ސުޕަކަޕް ބާއްވައިދޭތީވެ ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ޓެކްނިކަލް އަދި އިދާރީ އެހިތައް ސައޫދީ އަރަބިއާ އަށް ލިބެ އެވެ. ސްޕޭނުގެ ކޯޗުންނާއި ކުލަބުތަކުގެ އެކަޑަމީތައް ސްޕޭނުގައި ގިނަ ހަރަކާތްތަކެއް ހިންގަ އެވެ. ސައޫދީގެ ކުލަބުތަކުގެ ހިންގުން ޕްލޭންކޮށް ހަރުދަނާ ކުރުމުގެ އިސްރޯލެއް ކުޅޭ ގިނަ ފަރާތްތަކަކީ ވެސް ސްޕޭނުގެ ތަޖުރިބާކާރުންނެވެ. އެ ގައުމުގެ ޕްރޯ ލީގު ފަރުމާކޮށް ހިންގައިދިނުމުގައި އޮތީ ސްޕޭނުގެ އެހީތެރިކަމެވެ.

މިފަދަ ސަބަބުތަކާހުރެ އަލް އިއްތިހާދުގެ ސްޕޯޓިން ޑައިރެކްޓަރު ސްޕޭނުގެ ރޯމަން ބުނީ މިރޭގެ މެޗަކީ ސްޕޭން ހީނުކުރާ ވަރުގަދަ މެޗަކަށް ވާނެ ކަމަށެވެ.

"މީގެ ހަތަރު އަހަރު ކުރިން އާޖެންޓީނާ ބަލިކުރި ސައޫދީ ޓީމަށްވުރެ ހުރިހާ ގޮތަކުން ވެސް މިހާރުގެ ޓީމު ވަރުގަދަ. ސްޕޭން ހީނުކުރާހާ ވަރުގަދަ ވާދައެއް ސައޫދީން ކުރާނެ،" ރޯމަން ބުންޏެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސައޫދީ އަރަބިއާ އެއްވަރުވީ އުރުގުއޭއާ ވާދަކޮށް 1-1އިންނެވެ. ސްޕޭން އެއްވަރުވީ މުޅިން އަލަށް ވޯލްޑް ކަޕުގައި ކުޅުނު ކާބޯ ވާޑޭއާ ވާދަކޮށް 0-0އިންނެވެ. މިއާއެކު ސްޕޭނަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

"ކާބޯ ވާޑޭ އަށް ވުރެ ހުރިހާ ގޮތަކުން ވެސް ސައޫދީ އަރަބިއާ އަކީ މޮޅު ޓީމެއް. ވަރަށް ރަނގަޅަށް ޓްރޭން ކޮށްފައިވާ ޓެކްނިކަލީ ވެސް އަދި ޓެކްޓިކަލީ ވެސް ވަރުގަދަ ޓީމެއް. ކުޅުންތެރިންގެ ތަޖުރިބާ ވެސް މާބޮޑު ވާނެ. އެހެންވީމާ ސްޕޭން ހީނުކުރާހާ މި މެޗު ވާދަވެރިވާނެ. މި ޓީމުގެ ކޯޗަކީ ސައޫދީގެ ފުޓްބޯޅަ ވަރަށް ރަނގަޅަށް އެނގޭ މީހެއް. މިއީ ވެސް މިރޭގެ މެޗު ވަރުގަދަވާނެ ސަބަބެއް،" ރޯމަން ބުންޏެވެ.

ސްޕޭނަކީ މި ފަހަރުގެ މުބާރާތުގެ އެއް ފެވަރިޓުންނެވެ. ނަމަވެސް ފުރަތަމަ މެޗު އެއްވަރުވުމުން އަމާޒުވި ފާޑުކިއުންތަކަށް ގިނަ އެވެ. މިރޭގެ މެޗުން ސައޫދީން އަތުން މޮޅުނުވެވިއްޖެނަމަ ސްޕޭނަށް މިހާރު އަމާޒުވެފައިވާ ފާޑުކިއުންތައް އެތައް ގުނައެއް އިތުރުވާނެ އެވެ. މިހާރު ހަމަޖެހިލައިގެން ތިއްބަސް ކުޅުންތެރިންނާއި ކޮޗު ވެސް ޕްރެޝަރެއް ވެއްޓޭނެ އެވެ.