ފީފާ ވޯލްޑް ކަޕް 2026 ގައި އެންމެ ހައިރާންކުރަނިވި ނަތީޖާތަކެއް ނެރެމުން އަންނަ ކޭޕް ވާޑޭއިން، ފީފާ ވޯލްޑް ކަޕުގެ އެންމެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އުރުގުއޭ އަތުންވެސް ޕޮއިންޓެއް ހޯދައިފިއެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި މުޅިން އަލަށް ވާދަކުރާ، އަދި މުބާރާތުގައި ބައިވެރިވި އެންމެ ކުޑަ އެއް ގައުމު ކަމަށްވާ ކޭޕް ވާޑޭއިން ވަނީ އެ ޓީމުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިންއާ އެއްވަރުކޮށް ޕޮއިންޓެއް ހޯދާފައެވެ.
ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި އެމެރިކާގެ މަޔާމީ ސްޓޭޑިއަމުގައި 64,003 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެ ކޭޕް ވާޑޭ އިން މެޗު އެއްވަރުކުރީ 2-2ގެ ނަތީޖާއަކުންނެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީވެސް ކޭޕް ވާޑޭއިންނެވެ. ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެވިން ޕިނާއެވެ.
މެޗުގައި އުރުގުއޭއިން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވާޏް މިނެޓަކަށްވެފައި ވަނިކޮށް، މެކްސިމިލިއާނޯ އަރައުހޯ ކާމިޔާބުކުރި ލަނޑުންނެވެ. އަދި މި ހާފުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ހަވަނަ މިނެޓުގައި އެގަސްޓިން ކެނޯބިއޯ ވަނީ މެޗުގައި އުރުގުއޭއަށް ލީޑުނަގައިދީފައެވެ.
މެޗުގެ ނަތީޖާ ކޭޕް ވާޑޭއިން ހަމަހަމަކުރީ ދެވަނަ ހާފުގައި، މެޗުގެ 61 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހީލިއޯ ވަރޭލާއެވެ.
މި ނަތީޖާއާއެކު ގްރޫޕް އެޗްގެ އެއްވަނައިގައި 4 ޕޮއިންޓާއެކު ސްޕެއިން އޮތްއިރު، އުރުގުއާއީ އަދި ކޭޕް ވާޑޭއަށްވެސް ލިބިފައިވަނީ 2 ޕޮއިންޓެވެ.
މުބާރާތުގެ ގަދަ 32 ގެ ބުރަށް ދިއުމުގެ ފުރުސަތު ހުރިހާ ޓީމަކަށްވެސް މިހާރު ވަނީ ހުޅުވިފައެވެ.