ޚަބަރު

ޖަޕާނުން ހަދިޔާކުރި ޕަންޕުތައް 18 ރަށަކަށް


  • ފުރަތަމަ ބުރުގައި 20 ރަށަކަށް ޕަންޕުތައް ހަވާލުކުރާނެ

  • 2 ވަނަ ބުރުގައި 14 ރަށަކަށް ޕަންޕު ހަވާލުކުރުމަށް ވަނީ ހަމަޖެހިފައި

ފެންބޮޑުވުމުގެ ކާރިސާތަކަށް އިޖާބަ ދިނުމަށް ޖަޕާން ސަރުކާރުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން 18 ރަށަކާ ހަވާލުކޮށްފިއެވެ.

ރާއްޖޭގައި ފެންބޮޑުވުމުގެ މައްސަލައަކީ މޫސުމީ ބަދަލުތަކާއެކު ދިމާވަމުންދާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

އެންޑީއެމްއޭން ވިދާޅުވީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ފުރަތަމަ ބުރުގެ ތެރެއިން، ފެންބޮޑުވުމުގެ ކާރިސާތަކުން ރައްކާތެރިވުމަށް ޖަޕާން ސަރުކާރުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް މިހާރު 18 ރަށަކާއި ހަވާލު ކޮށްފައިވާކަމަށެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 40 ޕަންޕު ލިބިފައިވާއިރު، ފުރަތަމަ ބުރުގައި 20 ރަށަކަށް ބެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން މިހާރު ޕަންޕު ހަވާލު ނުކުރެވެނީ ބ. ކުޑަރިކިލަށާއި ނ. މާފަރަށްކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. ކޮންމެ ރަށަކަށްވެސް ދެ ޕަންޕާއި ޕަންޕަށް ބޭނުންވާ އިތުރު ސާމާނުތައް ހަވާލުކުރެވޭނެއެވެ.

ޕަންޕުތައް ހަވާލުކުރި ރަށްތައް:

• ގއ. ކަނޑުހުޅުދޫ
• ހއ. އުލިގަން
• ކ. ކާށިދޫ
• މ. މުލަށް
• ރ. އިނގުރައިދޫ
• ރ. ފައިނު
• އއ. ފެރިދޫ
• ދ. ހުޅުދެލި
• ފ. ބިލެއްދޫ
• ފ. މަގޫދޫ
• ގދ. ހޯޑެއްދޫ
• ހއ. ދިއްދޫ
• ހއ. އިހަވަންދޫ
• ހދ. ނެއްލައިދޫ
• ކ. ގާފަރު
• ތ. ބުރުނީ
• ތ. ކަނޑޫދޫ
• ޅ. ނައިފަރު

ޕަންޕު ފޯރުކޮށްދޭންޖެހޭ ރަށްތައް ކަނޑައެޅުމުގައި ބަލާފައިވަނީ، މީގެ ކުރިން އެންޑީއެމްއޭއިން ޕަންޕު ފޯރުކޮށްދީފައިނުވާ ރަށްތަކުގެ ތެރެއިން، ފާއިތުވި އަހަރުތަކުގައި އާންމުކޮށް ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެ ރިޕޯޓްކުރާ ރަށްތަކަށް ބަލައިގެން ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

މި މަޝްރޫޢަކީ ކާރިސާތަކަށް އިޖާބަދިނުމުގެ ކަންކަން އަތޮޅުތަކުގައި ހަރުދަނާކޮށް، ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަން އެންޑީއެމްއޭއިން ފާހަގަކުރައްވައެވެ.

މި މަޝްރޫޢުގެ ދެވަނަ ބުރުގައި 14 ރަށަކަށް ޕަންޕު ފޯރުކޮށްދޭނެކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއްވައެވެ.

2 ވަނަ ބުރުގައި ޕަންޕުތައް ފޯރުކޮށްދޭ ރަށްތައް:

• ހއ. އިހަވަންދޫ
• ހއ. ދިއްދޫ
• ހއ. އުލިގަން
• ހދ. ނެއްލައިދޫ
• ނ. މާފަރު
• ރ. ފައިނު
• ބ. ކުޑަރިކިލު
• ޅ. ނައިފަރު
• ކ. ގާފަރު
• ތ. ބުރުނީ
• ދ. ހުޅުދެލި
• ފ. މަގޫދޫ
• ފ. ބިލެއްދޫ
• ގދ. ހޯޑެއްދޫ

މޫސުން ގޯސްވެ ވާރޭ ވެހުމުގެ ސަބަބުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ފެންބޮޑުވުމުގެ މައްސަލައާ ކުރިމަތިލާން ޖެހެއެވެ.

މިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ފެންބޮޑުވާ ރަށްރަށުގައި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމްތައް ނުވަތަ ފެން ހިންދާ ނިޒާމުތައް ޤާއިމުކުރުމުގެ މަޝްރޫޢުތައް ސަރުކާރުން ދަނީ ހިންގަމުންނެވެ.

މާލެއާއި އަތޮޅުތަކުގެ ބައެއް ބޮޑެތި ރަށްރަށުގައި މިހާރުވެސް މިފަދަ ނިޒާމުތައް ވަނީ ޤާއިމުކުރަން ފަށާފައެވެ. އަދި ދުރާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.