ޓުއަރިޒަމް

ޓީ.ޓީ.ޖީ ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


އިޓަލީ ވިލާތުގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރކަމަށްވާ ޓީ.ޓީ.ޖީ އިންކަންޓްރީގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިމަހުގެ 13 އިން 15 އަށް އިޓަލީވިލާތުގެ ރިމިނީގައި ކުރިއަށްދާ މި ފެއަރގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން އެމް.އެމް.ޕީ.އާރު.ސީއާއި އެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ 18 ކުންފުންޏަކުން 30 ފަރާތެއް ބައިވެރިވެއެވެ.

މި ފެއަރގައި ރާއްޖެއިން ބައިވެރިވެފައިވާ ވަފްދުގެ އެންމެ އިސްބޭފުޅަކަށް ހުންނެވީ އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދުއެވެ. އަހަރަކު އެއްފަހަރު ބާއްވާ މިފެއަރއަކީ ލެޝަރ ޓްރެވަލް، ބިޒްނަސް ޓްރެވަލް އަދި އަދި ބިޒްނަސް ޓޫރިޒަމްއަށް ޢަމާޒްކޮށްގެން ބާއްވާ ފެއާއެކެވެ. މި ފެއަރ މެދުވެރިކޮށް ރާއްޖެއަށް އިޓަލީވިލާތުން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމަށް އެމް.އެމް.ޕީ.އާރު.ސީން ހާމަކުރެއެވެ.

އިޓަލީވިލާތަކީ ރާއްޖެއަށް ފަސްވަނައަށް އެންމެ ގިނައަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ފަތުރުވެރިކަމުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް އިޓަލީވިލާތުގެ ތިންހާސް ދުއިސައްތަ ފަންސާސް ހަތް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާ ބަލާއިރު، އަށާވީސް އިންސައްތަ އިތުރު އަދަދެކެވެ.