ޚަބަރު

ޙާފިޒުން އިމްތިޙާންކުރާ ކޮމިޓީތައް އިތުރުކުރަނީ


  • މާލޭގެ ދެ މަރުކަޒެއްގައި އިމްތިޙާން ކޮމިޓީ ކަނޑައަޅާފައި އޮވޭ

  • ފުވައްމުލަކާއި އައްޑޫ ސިޓީގައިވެސް ކޮމިޓީއެއް ކަނޑައަޅާފައި އޮވޭ

އެއްވަގުތެއްގައި ގިނަ ދަރިވަރުންނަށް ޙާފިޒުކަމުގެ އިމްތިޙާނު ކުރިއަށް ގެންދިޔުމަށް ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީތައް އިތުރުކުރަން ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހަދާ ޙާފިޒުކަމުގެ އިމްތިޙާނަކީ، ވަރަށް އިތުބާރު ހުރި ގޮތަކަށް ކުރިއަށް ގެންދާ އިމްތިޙާނެކެވެ. ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީތަކުގައި މެންބަރުންނަށް ތިއްބަވަނީ، ތަޖުރިބާކާރު ޙާފިޒުންނެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގައި ޤުރްއާން ހިތުދަސްކުރާ ދަރިވަރުންގެ ޢަދަދު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގައި ޙާފިޒުން އިމްތިޙާނު ކުރުމުގެ ނިޒާމު އިތުރަށް ފުޅާކޮށް އެއް ވަގުތެއްގައި ގިނަ ދަރިވަރުންނަށް އިމްތިޙާން ކުރިއަށް ގެންދިއުމަށް ޙާފިޒުން އިންތިޙާން ކުރާ ކޮމިޓީތައް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

މިވަގުތު މާލޭގެ ދެ މަރުކަޒެއްގައި އިމްތިޙާން ކޮމިޓީ ކަނޑައެޅިފައި އޮވެއެވެ. އެއީ، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއި އިސްލާމީ ޔުނިވަރސިޓީއެވެ. މީގެއިތުރުން ފުވައްމުލައް ސިޓީއާއި، އައްޑޫ ސިޓީގައިވެސް ކޮމިޓީއެއް ކަނޑައެޅިފައި އޮވެއެވެ. މި މަސައްކަތުގެ ދަށުން ނައިފަރުގައިވެސް ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖޭގައި ދަނީ، ޤުރުއާން ހިތުދަސްކޮށްދޭ 20 މަރުކަޒެއް ހިންގަމުންނެވެ. ޤުރުއާން ހިތުދަސްކޮށްދޭ ކުލާސްތަކުގެ ދަފުތަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އެންމެ ގިނަ މީހުން ޤުރުއާން ހިތުދަސްކުރަމުން އަންނަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ މާލެ އަދި ހުޅުމާލެ ގޮފީގައެވެ.

ޙާފިޡުން އިމްތިޙާނު ކުރުމުގެ އުސޫލުގައިވާގޮތުން ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި ރަޖިސްޓަރީކޮށްގެން ހިންގާ ޤުރްއާން ހިތުދަސްކޮށްދޭ ކުލާހެއްގެ ދަރިވަރަކު ޙާފިޡުކަމުގެ އިމްތިޙާނު ކޮށްދިނުމަށް އެދ،ި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ނުވަތަ އެމަރުކަޒުން ކަނޑައަޅާފައިވާ ކޮމިޓީއަށް ހުށަހެޅުމުން އެ ދަރިވަރަކު އިމްތިޙާނު ކޮށްދޭނެއެވެ.

އަދި އެމަރުކަޒުގައި ރަޖިސްޓަރީ ނުކޮށް ހިންގާ ކުލާސްތަކުގެ ދަރިވަރުންނާއ،ި އަމިއްލަގޮތުން ކީރިތި ޤުރްއާން ހިތުދަސްކޮށްފައިވާ ފަރާތްތަކަށް ޙާފިޡުކަމުގެ އިމްތިޙާނުގައި ބައިވެރިވެވޭނ،ީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ދަރިވަރަކަށް އިމްތިޙާނުގައި ބައިވެރިވެވޭވަރުގެ ފެންވަރު ހުރިކަން އެމަރުކަޒަށް ނުވަތަ އެ މަރުކަޒުން ކަނޑައަޅާ ފަރާތަކަށް ކިޔައިދ،ީ ޙާފިޡުކަމުގެ ފެންވަރު ހުރިކަން އަންގައިދޭ، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި ދަފުތަރުކޮށްފައިވާ ޙާފިޡެއްގެ ލިޔުމަކާ އެކުގައެވެ.

ހާފިޡުކަމުގެ އިމްތިޙާނުގައި ދަރިވަރަކަށް ބައިވެރިވެވޭނ،ީ އެކަމަށް އެދި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ނުވަތަ އެމަރުކަޒުގެ ދަށުން ކަނޑައަޅާފައިވާ ކޮމިޓީއަށް ފޯމު ހުށަހެޅުމުނ،ް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ނުވަތަ އެމަރުކަޒުން ކަނޑައަޅާފައިވާ ކޮމިޓީން އެ ދަރިވަރަށް އިމްތިޙާން އޮންނަ ދުވަސް ކަނޑައެޅުމުންނެވެ. މިގޮތުން ހަމަޖައްސާ ދުވަހު ދަރިވަރަށް ހާޒިރުވެވެން ނެތްނަމަ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ނުވަތަ އެމަރުކަޒުން ކަނޑައަޅާފައިވާ މަރުކަޒަކަށް އެކަން އަންގަންވާނެއެވެ.

ކީރިތި ޤުރުއާނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ދަނީ، މަސައްކަތްތަކެއް ކުރައްވަމުންނެވެ. ކީރިތި ޤުރުއާން ހިތުދަސް ކުރާ ފަރާތްތަކަށް ހިތްވަރުދީ، އެކަމުގައި ކުރިއަށް ދިޔުމަށް ބާރުއެޅުމަށްވެސް ސަރުކާރުން ވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޙާފިޒުންނަށް ދައުލަތުން ދޭ އެލަވަންސް ދެގުނަ ބޮޑުކުރައްވާފައެވެ.