ޚަބަރު

ޕޮލިޓެކްނިކްގައި ޤާއިމްކުރާ ކަލްޗަރަލް ސެންޓަރު ނޮވެންބަރު މަހު ހުޅުވަނީ


  • ތުޅާދޫ އާއި ގައްދޫގައި އަންނަ އަހަރު ކަލްޗުރަލް ސެންޓަރު ޤާއިމްކުރާނެ

  • ކަލްޗުރަލް ސެންޓަރުގައި ފޭލިވިޔާ މެޝިން ބަހައްޓާނެ

ޕޮލިޓެކްނިކްގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަލްޗުރަލް ސެންޓަރ، މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ޤާއިމްކުރާނެ ކަމަށް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ 5ވަނަ ބައްދަލުވުމުގައި، ފޭލިވިޔުމުގެ މަސައްކަތް ރާއްޖޭގައި އޮތް މިންވަރާއި، އެ މަސައްކަތް އާލާކުރުމާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާއި ވަނީ ބައްދަލުކުރައްވާފައެވެ.

އެ ކޮމިޓީގައި ވާހަކަދައްކަވަމުން، ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު ވިދާޅުވީ ޕޮލިޓެކްނިކްގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަލްޗުރަލް ސެންޓަރ ޤާއިމްކުރުމާއިއެކު، ފޭލިވިޔުމުގެ މަސައްކަތް ދިރުވާ އާލާކުރުމުގެ މަސައްކަތް އެ ތަނުގައި ކުރިއަށް ދާނެ ކަމަށެވެ. އަދި ކަމާއި ގުޅުން ހުރި ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް ޕޮލިޓެކްނިކް އިން އެ ފަރާތްތަކާއި މަޝްވަރާކުރަމުންދާ ކަމަށް ޒިޔާއު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ތުޅާދޫ އާއި ގައްދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަލްޗުރަލް ސެންޓަރ ހުޅުވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖުލައި މަހުގައި ކަމަށް ވެސް ޒިޔާއު ވަނީ ވިދާޅުވެފައެވެ. އެ ތަނުގައި ވެސް ފޭލިވިޔުމަށް ޚާއްސަ މެޝިންތަކެއް ބަހައްޓާ، އެ މަސައްކަތް އުނގަންނައިދެވޭނެ އިންތިޒާމްތައް ހަމަޖައްސާނެކަން ޒިޔާއު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެ މަސައްކަތްތަކުގައި ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ހަރަކާތެރިވާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާއި އެކު އެބަ މަސައްކަތް ކުރޭ މެކްސް ޖަމިއްޔާއިން. މިކަހަލަ މަސައްކަތް ކުރާ ވަރަށް ގިނަ މީހުންނާއި އެކު ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރިއަށް އެބަދޭ." ޒިޔާއު ވިދާޅުވިއެވެ.

ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަށް އިގްތިސާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެކަމާއި ގުޅޭ ތަފްސީލްތައް ކޮމިޓީ އާއި ހިއްސާކުރައްވަމުން، ޑެޕިއުޓީ މިނިސްޓަރ އައިޝް މުހައްމަދު ވިދާޅުވީ، ފޭލިވިޔުން ފަދަ މަސައްކަތްތައް ނެތި ދިއުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އެ މަސައްކަތްތަކުން އެކަށީގެންވާ އާމްދަނީ އެއް ނުލިބުންކަމަށެވެ. މީގެ އިތުރުން އެ މަސައްކަތްތަކަށް ބޭނުންވާ ހުނަރުވެރިކަން އާލާ ނުކުރެވުމާއި، މަރކެޓް ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަކީ ވެސް އެ ދާއިރާ އަށް އޮތް ހުރަހެއް ކަމަށް އޭނާ ވިދާޅުވިއެވެ. ކަލްޗަރަލް ސެންޓަރުގެ މަސައްކަތް ނިމުމާއި އެކު އެފަދަ މަސައްކަތްތައް އުނގަންނައިދިނުމުގައި ހަރުދަނާ ނިޒާމެއް ޤާއިމްކުރެވޭނެކަން އައިޝް ވަނީ ފާހަގަކުރައްވާފައެވެ.

"އެކްޝަން ޕްލޭނެއް ޤާއިމްކޮށް، 30 ޑިސެންބަރގައި ކެބިނެޓުން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ކަލްޗުރަލް ސެންޓަރގެ މަސައްކަތް މި ކުރިއަށް ދަނީ" އައިޝް ވިދާޅުވިއެވެ.

މީގެއިތުރުން، ހެރިޓޭޖްމިނިސްޓްރީން ވަނީ މާނަވީ ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތް އެ ވުޒާރާގެ ޤާބިލުކަން ތަންދޭ އެންމެ ފުރިހަމަ އަށް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ފޭލި ވިޔުން ފަދަ، ނެތެމުންދާ މުހިންމު މަސައްކަތަކާއި، ސަޤާފަތްތައް ދިރުވާ އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އެކު ޚާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކުރާ، ކަލްޗުރަލް ސެންޓަރތަކަކީ އެ މަސައްކަތުގެ ތެރޭގައި ހިމެނިގެން ކުރިއަށްދާ ކަންތައްތަކެވެ.