ކުޅިވަރު

ޖަރުމަނުގެ ޑިފެންޑަރަށް ދެން ވޯލްޑް ކަޕުގައި ނުކުޅެވޭނެ


ޖަރުމަނުގެ މުހިންމު ޑިފެންޑަރު ނިކޯ ޝްލޮޓާބެކަށް އަނިޔާވެ ވޯލްޑް ކަޕުގެ ބާކީހުރި އެއްވެސް މެޗެއްގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

އޭނާ އަށް އަނިޔާވީ އައިވަރީ ކޯސްޓް އަތުން ޖަރުމަނު މޮޅުވި މެޗުގެ ފުރަތަމަ ހާފުގަ އެވެ. ވާތު ކުޑަހުޅު ކައިރިއަށްވި ތަދާއެކު މެޗުގެ ފަހު ހާފުގައި އޭނާގެ ބަދަލުގައި ކުޅެން ނުކުތީ އެންޓޯނިއޯ ރުޑިގާ އެވެ.

ޖަރުމަނު ޓީމުން ބުނީ ސްކޭންތަކުން ދައްކާ ގޮތުގައި ބޮރޫޝިޔާ ޑޯޓްމުންޑްގެ ކުޅުންތެރިޔާގެ ވާތު ލިގަމެންޓް ކަނޑައިގެން ގޮސްފައިވާ ކަމަށެވެ. މިހެންވެ އަލުން ކުޅެން ނުކުތުމަށް ގިނަ ދުވަސްތަކެއް ހޭދަވާނެ ކަމަށެވެ. ނަމަވެސް ކޯޗު ހޫލިއަން ނޭގެލްސްމަން ނިންމާފައިވަނީ އޭނާގެ ބަދަލުގައި އިތުރު ޑިފެންޑަރަކު ޓީމަށް ނުގެނައުމަށެވެ.

"ޝްލޮޓާ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. މިއީ އޭނާގެ ވޯލްޑް ކަޕަކަށް ހެދިދާނެ. އެ އުއްމީދުގައި ހުއްޓާ އަނިޔާވީ. އޭނާ އަކީ ދަނޑު ބޭރުގައި ވެސް ވަރަށް މުހިންމު ކުޅުންތެރިއެއް. އެހެންވީމާ އޭނާގެ މުހިންމުކަން ބޮޑު. އަހަރުމެން ޓީމުގައި ޑިފެންސްލައިނުގައި ކުޅޭނެ ކުޅުންތެރިން އެބަތިބި. އެހެންވީމާ ބަދަލުގައި އާ ކުޅުންތެރިއަކު ނުގެންނާނެ،" ނާގެލްސްމަން ބުންޏެވެ.

ކޯޗު ބުނީ ޝްލޮޓާގެ ފަރާތުން ގައުމީ ޓީމުގައި ފެނިގެންގޮސްފައިވަނީ ލީޑަރޝިޕްގެ ނަމޫނާ ކުޅުންތެރިއެއްގެ ސިފަ ކަމަށެވެ.

ޝްލޮޓާބެކް އަކީ ޔޫރަޕުގެ ގަދަ ޓީމުތަކުން އަންނަ ސީޒަނަށް ގަތުމަށް މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިއެކެވެ. ހާއްސަކޮށް ސްޕޭނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ ޝޮޕިން ލިސްޓުގައި އޭނާގެ ނަން އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.