ހަ ވޯލްޑް ކަޕް ކަޕެއްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިއަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކަމުގައި ވެއްޖެ އެވެ.
އުމުރުން 41 އަހަރުގެ ފޯވަޑް މި ޝަރަފު ހޯދީ މުބާރާތުގައި މިރޭ އުޒްބަކިސްތާން އަތުން 5-0އިން މޮޅުވި މެޗުގައި ދެ ގޯލު ޖަހައިގެންނެވެ. މިއާއެކު ވޯލްޑް ކަޕުގައި ލަނޑު ޖެހި ދެ ވަނަ އަށް އެންމެ މުސްކުޅި ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
މުޅިން އަލަށް ވޯލްޑް ކަޕުގައި ކުޅޭ އުޒްބަކިސްތާނުގެ ގޯލު ޕޯޗުގަލްއިން ހުޅުވާލީ ހަ ވަނަ މިނިޓްގައި ރޮނާލްޑޯ އެވެ. އޭނާ ދެ ވަނަ ލަނޑު 36 ވަނަ މިނިޓްގައި ޖެހީ 17 ވަނަ މިނިޓްގައި ނޫނޭ މެންޑޭޒް ލީޑު ފުޅާކޮށްދީފައިވަނިކޮށެވެ. ހެޓްރިކް ހަދަން ރޮނާލްޑޯ އަށް ފުރުސަތު ވެސް ލިބުނެވެ. މިރޭގެ މެޗުގައި ޖެހި ދެ ގޯލާއެކު ވޯލްޑް ކަޕުގައި ރޮނާލްޑޯ ޖެހި ޖުމުލަ ގޯލުގެ އަދަދު ވަނީ 10 އަށް އަރައިފަ އެވެ.
ފުރަތަމަ ހާފުގައި އެންމެ ފާހަގަ ކުރެވުނީ އުޒްބަކިސްތާނުގެ ގަނިއޭވް 31 ވަނަ މިނިޓްގައި ޖެހި ގޯލު ވީއޭއާރުގެ އެހީގައި ރެފްރީ ކެންސަލް ކުރުމެވެ. ފަހު ހާފުގައި އުޒްބަކިސްތާނުގެ މެންޗެސްޓާ ސިޓީގެ ޑިފެންޑަރު އަބްދޯދިރް ހުސަނޯވް އަތުން ބައިކޮޅަށް ލަނޑެއް ވަނީ 60 ވަނަ މިނިޓްގަ އެވެ. އަދި ބަދަލު ކުޅުންތެރިޔާ ރަފޭލް ލިއާއޯ ފަސް ވަނަ ލަނޑު ޖެހީ 87 ވަނަ މިނިޓްގަ އެވެ.
މި މޮޅާއެކު ޕޯޗުގަލް އަށް ވަނީ ހަތަރު ޕޮއިންޓާއެކު ގްރޫޕް ކޭގެ އެއްވަނަ ލިބިފަ އެވެ. ދެ ވަނާގައިވަނީ ތިން ޕޮއިންޓާއެކު ކޮލޮމްބިއާ އެވެ. ތިން ވަނާގައިވާ ކޮންގޯ ޕޮއިންޓެއް ހޯދީ ޕޯޗުގަލްއާ ކުޅެ އެއްވަރު ވެގެންނެވެ. ދެ މެޗުން ވެސް ބަލިވެ އުޒްބަކިސްތާން އޮތީ ޓޭބަލުގެ ފުލުގަ އެވެ.