ޚަބަރު

އިތުރު 15 ރަށެއްގައި އައިސްޕްލާންޓް ޤާއިމްކުރަނީ


  • 15 ރަށުގައި ޤާއިމުކުރަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން

  • 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭ ފެސިލިޓީއެއް ހުޅުމާލޭގައި ޤާއިމުކުރާނެ

5 ރަށެއްގައި އައިސްޕްލާންޓް ޤާއިމްކޮށް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށާއި، އިތުރު 15 ރަށުގައި އައިސްޕްލާންޓުގެ ޚިދުމަތް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް ވިދާޅުވީ މަސް ޕްރޮސެސްކުރުމާއި، މަހުގެ ސްޓޯރޭޖު މަދުވުމަކީ މި ސަރުކާރު ވެރިކަމާއި ޙަވާލުވީއިރު މަސްވެރިންނަށް ދިމާވެފައި ހުރި ގޮންޖެހުންތައް ކަމަށެވެ. އެހެންކަމުން، ވެރިކަމާއި ޙަވާލުވުމަށްފަހު ސަރުކާރުން އެކަންކަން ޙައްލުކުރުމަށް މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭގެތެރޭގައި ގއ.ދެއްވަދޫގައި 25 ޓަނުގެ މަސް ރައްކާކުރާ އައިސްޕްލާންޓެއް ޤާއިމްކޮށްފައިވާއިރު، ށ.ފުނަދޫ، ދ.މީދޫ، ދ.ބަނޑިދޫ އަދި ގއ.ގެމަނަފުށީގައި 30 ޓަނުގެ މަސް ރައްކާކުރާ އައިސްޕްލާންޓެއް ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން މި އަހަރުގެ ނިޔަލަށް މ.ވޭވަށުގައި 60 ޓަނު އަދި ލ.މާބައިދޫގައި 25 ޓަނުގެ ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީގެ މަސައްކަތް ނިންމާ، ޚިދުމަތް ދޭން ފަށާނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

"އިތުރު 15 ރަށުގެ އައިސްޕްލާންޓުގެ ޚިދުމަތް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައި. އެކި ސައިޒުގެ އައިސްޕްލާންޓް ޤާއިމްކުރަނީ ރައީސް ވެވައިޑައިގެންފައިވާ ވައުދުތަކާއި ކޮމިއުނިޓީތަކުގެ އެދުމާއި އެއްގޮތަށް." ވަޒީރު ވިދާޅުވިއެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ޤާއިމްކުރާ މި އައިސްޕްލާންޓުތަކުގެ މަސައްކަތް މިހާރު އޮތީ ބަޔަކާއި ޙަވާލުކުރުމުގެ މަރުހަލާގައެވެ. އެގޮތުން ބ.ކުޑަރިކިލުގައި 5 ޓަނު، ލ.ހިތަދޫއާއި ލ.މާވަށުގައި 10 ޓަނު، ގއ.ނިލަންދޫ، ށ.ކޮމަންޑޫ، ގއ.ވިލިގިލި، ގއ.ދާންދޫ، މ.މުލައް، ދ.ހުޅުދެލި، ހދ.ކުޅުދުއްފުށި، ކ.ގާފަރު، ހއ.ދިއްދޫ، އއ.ރަސްދޫ އަދި ގދ.ރަތަފަންދޫގައި 30 ޓަނުގެ އައިސްޕްލާންޓު ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޅ.ނައިފަރުގައި 40 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން ފެލިވަރުގައި ހުރި 50 ޓަނުގެ ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީ 100 ޓަނަށް އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ވަނީ، އިތުރު ބައެއް މަސައްކަތްތަކުގެ ތަފްސީލުތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ގދ.ފިޔޯރީގައި ޤާއިމްކުރާ 100 ޓަނުގެ ކޯލްޑް ސްޓޯރޭޖު ފެސިލިޓީ ޤާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އެކަމަށް ބޭނުންވާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ، ފ.ނިލަންދޫގައި ޤާއިމްކުރާ މަސް ފެކްޓްރީގައި އަޅާ 50 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއާއި އެތަނާއި އެކުގައި ޤާއިމްކުރާ ބަނދަރުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ވަޒީރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މަހަށް ރަނގަޅު އަގެއް ހޯދުމަކީ ސަރުކާރުން ޚާއްސަ އިސްކަންދެއްވާ ކަމެއް ކަމަށްވާއިރު، އަގު އެއްކޮށްގެން މަސް ބޭރުކުރުމަށް މޫސުމީ މަސްވެރިކަމުގައި ބާނާ މަސް ރައްކާ ކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭ ވަރުގެ ފެސިލިޓީއެއް ހުޅުމާލޭގައި ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށާއި، އެ މަޝްރޫޢުގައި އަންނަ ހަފުތާގައި ސޮއިކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.