ޚަބަރު

ޤަޠަރާ ދެކޮޅަށް ފެނުނީ ވަރަށް ފުރިހަމަ ކުޅުމެއް: ބޮސްނިއާ ކޯޗު


  • މިމެޗު ބޮސްނިއާ ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު އެއް ލަނޑުން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ޤަތަރާއި ދެކޮޅަށް ބޮސްނިއާ އެންޑް ހާޒެގޮވީނާގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ފުރިހަމަ ކުޅުމެއް ކަމަށް އެޓީމުގެ ކޯޗު ސަރްގެއި ބާބެރޭޒް ބުނެފިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބާބެރޭޒް ބުނީ އަންޑަރޑޯގެއްގެ ގޮތުގައި މުބާރާތަށް އައި ބޮސްނިއާ މިވަނީ އުންމީދު ކުރިވަރަށް ވުރެ ރަނގަޅު ކުޅުމެއް މިހާތަނަށް ދައްކާފައިކަމަށެވެ. ބޮސްނިއާއިން މިވަނީ އެންމެ ފަހު މެޗުގައި ޤަތަރާއި ބައްދަލުކުރި މެޗު 3 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށް 32 ޓީމުގެ ބުރުގެ ޖާގައެއް ހޯދުމުގެ އުންމީދު ބޮޑު ކޮށްފައެވެ.

ބޮސްނިއާގެ ކޯޗު ބުނީ އޭނާގެ ކުޅުންތެރިން މަސައްކަތް ކުރަމުންދަނީ އެކުޅުންތެރިންގެ ނަން ތާރީހްގެ ތެރޭގައި ލިޔެލެވޭތޯ ކަމަށެވެ. އަދި ޤަތަރު މެދޗުގައި ފެނިގެންދިޔައީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި މިމެޗު 5 ލަނޑު ސުން ލަނޑުން ކާމިޔާބު ކުރެވުނު ނަމަ މާ ރަނގަޅު ވީސް ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

މިމެޗަށްފަހު ވާހަކަ ދައްކަމުން ޤަތަރުގެ ކޯޗު ޖޫލިއަން ލޮޕެޓެގޫ ވަނީ ޤަތަރު ކޮޅަށް ލަނޑު ވަން ފަހުން އެޓިމުގެ ފަރާތުން ފެނިގެންދިޔަ ކުޅުމަށް ތައުރީފް ކޮށްފައެވެ.

އޭނާ ބުނީ މިމެޗުގެ ނަތީޖާ 2 ލަނޑު އެއް ލަނޑަށް ހެދުމަށް ޤަތަރުގެ ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފް ހައްގު ކަމަށާއި ނަމަވެސް ދެރަވީ އެޓީމުން ރަނގަޅަށް ކުޅެނިކޮށް ބޮސްނިއާއިން އިތުރު ލަނޑެއް ޖެހުމުން ކަމަށެވެ. އަދި މިމެޗުގައި މެޗުގެ ނަތީޖާ އެއްވަރު ކުރާނެ އަދި ކުރި ހޯދުމަށް ޤަތަރަށް ރަނގަޅު ދެތިން ފުރުސަތު ލިބިގެންދިޔަ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ނަމަވެސް މިއާއެކުވެސް ޤަތަރަށް ވަނީ ބޮސްނިއާގެ ޑިފެންސް ދެވަނަ ފަހަރަށް މިމެޗުގައި ފޫއަޅުވާލެވޭގޮތް ނުވެފައެވެ. އަދި މިއާއެކު ޤަތަރުން މިފަހަރުގެ ވޯލްޑް ކަޕް މިނިންމާލީ ގްރޫޕް ބީގެ އެންމެ ފުލުގައި އޮވެގެންނެވެ.