ޚަބަރު

"ޑިޖިޓަލް ޞިއްޙީ ނިޒާމެއް ކޮންމެހެން ބޭނުންތެރި"


  • ޞިއްޙީ ޚިދުމަތްތައް އަވަސްކަމާއެކު ލިބޭނެ މަގު ކަށަވަރުކޮށްދޭންޖެހޭކަން ވަޒީރު ފާހަގަކުރެއްވި

  • މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫ ޕްރިންޓް ވަނީ އިފްތިތާޙުކޮށްފައި

ޑިޖިޓަލް ޞިއްޙީ ނިޒާމަކީ ހަމައެކަނި މުސްތަޤުބަލަށް ކުރާ އުންމީދެއްގެ އިތުރުން އެއީ މިއަދަށް ކޮންމެހެން ބޭނުންތެރި ނިޒާމެއްކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ "މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫ ޕްރިންޓް" އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، މި ބްލޫ ޕްރިންޓް ޝާއިއުކުރުމަކީ "މޯލްޑިވްސް 2.0 ހެލްތު ސެކްޓަރ ރޯޑްމެޕް" ގެ ދަށުން ކުރުމަށް ކަނޑައެޅުނު ފުރަތަމަ މަސައްކަތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތާއި، ރައްޔިތުންގެ ޞިއްޙީ ބޭނުންތައް އިތުރުވަމުންދާ މިންވަރަށް ބަލާއިރު، މާލޭގައި ދިރިއުޅޭ މީހެއް ކަމުގައިވީނަމަވެސް ނުވަތަ އެންމެ ދުރު އަތޮޅެއްގައި ދިރިއުޅޭ މީހެއް ކަމުގައިވީނަމަވެސް، ކޮންމެ ރައްޔިތަކަށްމެ އިތުބާރު ހުރި ޞިއްޙީ ޚިދުމަތްތައް އަވަސްކަމާއެކު ލިބޭނެ މަގު ކަށަވަރުކޮށްދޭންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެއްވިއުގައަކުން ގުޅިފައިވާ، ތަފާސްހިސާބުތަކަށް ބިނާވެފައިވާ، އަދި ރައްޔިތުންނަށް އިސްކަންދޭ ޞިއްޙީ ނިޒާމަކީ ހަމައެކަނި ތަނަވަސްކަމުގެ ނިޝާނެއް ނޫންކަމަށެވެ. އެއީ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ އަސާސީ ކަމެއްކަމަށް ވިދާޅުވިއެވެ.

"މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް" އަކީ އެކަމުގެ ބިންގާކަމަށާއި، މި ޕްލޭންގައި ދާން ބޭނުންވާ މަންޒިލްގެ އިތުރުން، އެ މަންޒިލަށް ވާސިލްވުމަށްޓަކައި ކުރާނެ މަސައްކަތްތައްވެސް ހިމަނާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ "މޯލްޑިވްސް 2.0" ތަސައްވުރުގެ މުހިންމު ބައެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މި ސިޔާސަތު ބައްޓަންވެފައިވަނީ ހަމައެކަނި ޓެކްނޮލޮޖީގެ ރޮނގުން ކުރިއެރުން ނޫންކަމަށެވެ. މީގެތެރެއިން ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްދޭ ގޮތް ބަދަލުކޮށް، ފަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެގޮތް ހަދައި، މުއައްސަސާތައް ގުޅިފައިވާ، އަދި ރައްޔިތުން ބާރުވެރިކުރުވާނެ ޤައުމެއް ބިނާކުރުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާއަކީ އެ ތަސައްވުރުގެ މައި ތަނބުކަމަށާއި އަދި މިއަދު މި ދައްކުވައިދެނީ އެކަން ހަޤީޤަތަކަށް ހެދުމަށް ކުރާ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ މުސްތަޤުބަލަށްޓަކައި އެޅުނު ވަރުގަދަ ބިންގަލެއްކަމުގައި ވަޒީރު ވިދާޅުވިއެވެ.

"މި ބްލޫ ޕްރިންޓް އިފްތިތާޙްކުރުމާއެކު އަޅުގަނޑުމެންގެ މަސައްކަތް ނިމުނީ އެއް ނޫން. މިއީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރުކަމުގައިވާ ޞިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގެ ފެށުން. މިގޮތުން މިއީ، މޯލްޑިވްސް 2.0 ގެ ސިޔާސަތުގެ ތެރެއިން ޤައުމީ ޕްރޮގްރާމްގައި ކުރިއަށް އޮތް 2 އަހަރު ތެރޭގައި ޞިއްޙީ ދާއިރާއިން ދެވޭ ޚިދުމަތްތަކަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްކާތެރި، ދެފުށްފެންނަ ރައްޔިތުންނާއި ގާތުން ވާސިލުވެވޭ ޚިދުމަތްތަކެއްކަން ކަށަވަރުކުރުމަށް ތައްޔާރުކޮށްފައިވާ މަގުޗާޓެއް" ވަޒީރު ވިދާޅުވިއެވެ.

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ ޞިއްޙީ މައުލޫމާތަކީ ރައްކާތެރިކުރަންޖެހޭ މަޢުލޫމާތުތަކެއްކަމަށެވެ. ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް، ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުން ބާރުވެރިކުރުވާއިރު، މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމާއި، ނިޒާމުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމާއި، އަދި އެ މައުލޫމާތުތައް ޒިންމާދާރުކަމާއެކު މިންގަނޑުތަކުގެ ތެރެއިން ބޭނުންކުރުމަށް ސާބިތުކަމާއެކު ދެމިތިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް އިތުބާރުހުރި ޑިޖިޓަލް ޞިއްޙީ ނިޒާމެއް ޤާއިމްކުރެވި، ހުރިހާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބޭނެ މަގު ސަރުކާރުން ޤާއިމުކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، ޤީލާ ޢަލީ ވަނީ ދެއްވާފައެވެ.