ޚަބަރު

"ޚަޠީބުން ތަމްރީނު ނުކޮށްފިނަމަ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިދާނެ"


  • ޚަޠީބުކަމަކީ ޝަރަފުވެރި މުހިއްމު މަސްއޫލިއްޔަތެއްކަން ފާހަގަކުރެއްވި

  • ޚަޠީބުންނަކީ ރިވެތި މިސާލު ދައްކާ ބަޔަކަށްވުމަށް ގޮވާލެއްވި

  • މިހާތަނަށް 600 ޒުވާނުން ޚަޠީބުކަމުގެ ސަނަދު ހާސިލްކޮށްފައިވޭ

ޚަތީބުން ތަމްރީންކުރުމުގެ މަސައްކަތް މިއަދު ނުކޮށްފިނަމަ ހީ ނުކުރާވަރުގެ ގެއްލުމަކާއި އިސްލާމީ ގޮތުން ކުރިމަތިލާންޖެހިދާނެކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޒުވާން ޚަތީބުން ތަމްރީންކުރުމުގެ ހަތަރު ވަނަ ބުރުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ޚަތީބުން ބިނާކުރުމުގެ މަސައްކަތަކީ މިއަދު ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ފާހަގަކުރައްވާފައެވެ. ރާއްޖޭގެ ރަށްތަކުގައި އިމާމުން މަދުވުމާއި ޚުޠުބާ ކިޔާނެ މީހުން ނެތުން ފަދަ މައްސަލަތައް މިހާރުވެސް ދިމާވާކަމަށާއި އެކަމަށް ހައްލު ހޯދައިދިނުމަށް އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

އިމާމުންނަށް ހެޔޮ ވިސްނުން ދެއްވުމަށް ކީރިތި ރަސޫލާ ދުޢާކޮށްދެއްވާފައިވާ ކަމަށް ފާހަގަކުރައްވާ ވަޒީރު ވަނީ ޚަތީބުންގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. ވަޒީރު ވިދާޅުވީ އިމާމުކަމާއި، ބަންގި ގޮވުމާއި، ދީނުގެ ޙުކުމްތައް ބަޔާންކުރުމުގެ މަސްޢޫލިއްޔަތަކީ ވަރަށް މަތީ މަސްޢުލިއްޔަތުތަކެއް ކަމަށެވެ.

ޚަތީބުންނަކީ ތަފާތު މާތް ބައެއް ކަމަށާއި، ފޭރާން އެޅުމާއި ސުލޫކާއި، މުއާމަލާތުކުރުމުގައިއާއި އެހެނިހެން ގޮތްގޮތުން ބެލިޔަސް ޚަތީބުން ވާންވާނީ ނަމޫނާ ބަޔަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. ޚަތީބުކަމަށް ވުރެ ވަކިން ބޮޑު ޝަރަފުވެރި މަސްޢޫލިއްޔަތެއް ނެތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ގަޑިއަށް ކަމޭއްހިތުމާއި، ފަރުވާތެރިވުމާއި، ޚުޠުބާ ކިޔުމުގެ ކުރިން އެކަމަށް ފަރިތަކޮށް ތައްޔާރުވުން މުހިންމު. ހުތުބާ ކިޔާ އިރު ހަދީސްތަކާއި އާޔަތްތައް ރީތިކޮށް ތަޖުވީދުން ކިޔަން އާދަކުރަންވާނެ." ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ހުކުރުގެ ޖަމާއަތަކީ އިސްލާމްދީނުގެ މަތިވެރިކަމާއި އެކުވެރިކަން ރަމްޒުކޮށްދޭ ހެއްކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އިސްލާމީ އަޅުކަންތައް ތަރުތީބުވެފައިވާ އުސޫލަށް ބަލާއިރު މިސްކިތުގައި ޤާއިމްކުރާ ޖަމާއަތަކީ އިސްލާމީ އުއްމަތުގެ ބަދަހިކަމާއި އަޙުވަންތަކަން ބަޔާންކޮށްދޭ ކަމެއް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެެހެންކަމުން އެ ޖަމާއަތްތަކުގައި އިސްކޮށްތިބުމުގެ ޒިންމާއަކީ މުހިންމު، މާތް ޒިންމާއެއް ކަމަށާއި އިމާމުވެ ނަމާދުކުރުމާއި ބަންގިގޮވުމަކީ ލިބޭ ޝަރަފެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ވިދާޅުވީ، ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ ޒުވާނުން ސަނަދު ހޯދާފައިވާކަމަށެވެ. އަދި ރާއްޖޭގެ ހާފިޒުންގެ އަދަދު މިހާރު 310 އަކަށް އަރާފައިވާކަމަށެވެ.

ޒުވާން ޚަޠީބުން ތަމްރީން ޕްރޮގްރާމުގެ 4 ވަނަ ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 82 ފަރާތަކުން ބައިވެރިވެފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.