ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގައި ދީނީ އިމުގެ ތެރެއިން ޢީދު ފާހަގަކުރި 11 ފަރާތެއް ހޮވައި އެކަމުގެ އަގުވަޒަންކޮށް އިނާމު ދީފިއެވެ.
"ޢީދު އިމުގެ ތެރޭގައި" މި ނަމުގައި ސަލަފުން ދޭން ފަށާފައިވާ މި އިނާމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު އުފާ ފާޅުކުރުމަށް ހިންގާ ޙަރަކާތްތައް ދީނީ ހަމަތަކުގެ މަތިން ކުރިއަށްގެންދާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޚާއްޞަ އިނާމެކެވެ. 1446 ވަނަ އަހަރު ދޭން ފެށި މި ހިތްވަރުދިނުމުގެ އިނާމު ދޭ މިއީ 2 ވަނަ ފަހަރެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އެ ފަރާތްތަކާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާ މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މާހިރު އީސާއެވެ. މި ރަސްމިއްޔާތުގައި ސަލަފް ޖަމްޢިއްޔާގެ ނައިބުރައީސް އައްޝައިހް މުޙައްމަދު ސަމީރާއި އެ ޖަމްޢިއްޔާގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ޖަމްޢިއްޔަތުއްސަލަފުން މިހަނދާނީ ލިޔުން ދިނުމަށް ނިންމި ފަރާތްތަކުގެ ތެރޭގައި ރަށު ކައުންސިލްތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތައް ހިމެނެއެވެ.
- އދ. މާމިގިލި ކައުންސިލް
- ލ. މާވަށް ކައުންސިލް
- ޖަމްޢިއްޔަތުލް ޤަލަމް
- ޖަމްޢިއްޔަތު ރިސާލާ
- އަލްބައްޔިނާ
- އއ. ހިމަންދޫ ކައުންސިލް
- ރ. ކިނޮޅަސް ކައުންސިލް
- މ. ދިއްގަރު ކައުންސިލް
- ސ. މަރަދޫ ޢީދު އޯގަނައިޒިންގ ކޮމިޓީ
- އަލްމާނާރު ޖަމިއްޔާ އަދި ފޭދޫ އަވަށު އޮފީސް
- ބ. ހިތާދޫ އިރުމަތީ އަވަށް
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކުރީގެ ސްޓޭޓް މިނިސްޓަރ މާހިރު ވިދާޅުވީ ޢީދާއި ގުޅިގެން ޒަމާނުއްސުރެ ދީނީ ހަމަތަކާއި ފުށޫއަރާ އެތައްކަމެއް ރާއްޖޭގައިވެސް ކުރަމުންދިޔަކަމަށެވެ. އަދި ޖަމްޢިއްޔަތުއްސަލަފުން ކުރިޔަށް ގެންދާ މިފަދަ ހަރަކާތްތަކުގެ ސަބަބުން މުޖުތަމައުގައި އަށަގަނެފައިވާ ދީނަށް ފުށޫއަރާފަދަ ކަންކަން ހުއްޓުމަށް މަގުފަހިވެ އަމާންކަމާއެކު ޢީދު ފާހަގަކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ.
"ސަލަފް ޖަމްޢިއްޔާއަކީ ދީނީގޮތުން ވަރަށް ބޮޑެތި ޖިހާދުތަކެއް ކުރައްވާ ބޭފުޅުންތަކެއް ތިއްބަވާ ޖަމްޢިއްޔާއެއް، މި ޖަމްޢިއްޔާގެ ސަބަބުން އަޅުގަނޑުމެންގެ ދީނީ ހޭލުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދޭ. އެކަމުގެ ވަރަށް ބޮޑު ހެއްކެއް މި ހަރަކާތައް 15 ފަރާތަކުން ކުރިމަތިލުމަކީ." ކުރީގެ ސްޓޭޓް މިނިސްޓަރ މާހިރު ވިދާޅުވިއެވެ.
ޖަމްޢިއްޔަތުއްސަލަފުން ބުނީ އިސްލާމީ އިމުތަކުގެ ތެރެއިން އަޟްޙާ ޢީދު ފާހަގަކުރި ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޚާއްޞަ އެވޯޑަށް ހުޅުވާލުމުން 15 ފަރާތެއް ކުރިމަތިލިކަމަށެވެ. އަދި އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާފައިވަނީ އެޖަމްޢިއްޔާއިން ކަނޑައަޅާފައިވާ އިންތަކަށް ރިޢާޔަތްކޮށްގެންކަމަށެވެ.
ޖަމްޢިއްޔަތުއްސަލަފުން ބުނީ މި ހަރަކާތަކީ ރާއްޖޭގައި ޒަމާނުންސުރެ ދީނާއި ފުށުއަރާ ގިނަ ކަންތައްތަކެއް ކުރަމުން އަންނާތީ އެކަންކަން ހުއްޓުވުމުގެ ގޮތުން ކުރިޔަށްގެންދާ ހަރަކާތެއްކަމަށާ ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ އިތުރު ހަރަކާތްތައް އެ ޖަމްޢިއްޔާގެ ފަރާތުން ރާވާ ހިންގާނެ ކަމަށެވެ. އަދި މިހާރުވެސް މިކަމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ސޯޝަލް މީޑީއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް މަސައްކަތްކުރަމުންދާކަމަށެވެ.
ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ، ޖަމްޢިއްޔަތުއްސަލަފުން ބުނީ، މި އެވޯޑުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި އިސްލާމީ އަޚުލާޤާއި ދީނީ އިމުގެ ތެރެއިން ޢީދު ފާހަގަކުރުމުގެ ރީތި އާދަ އަށަގަތުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ. އަދި މިފަދައިން މި އެވޯޑު ދިނުމުގެ މައިގަނޑު މަޤުޞަދަކީވެސް، ޢީދު އުފާ ފައުޅުކުރުމަކީ، ދީނީ ޝިޢާރަކަށްވުމާއެކު، މުންކަރާތްތަކުން ދުރުވެތިބެ، އިސްލާމްދީނުގެ ހުދޫދުގެ ތެރޭގައި އުފާފައުޅުކުރުމަށް ހިތްވަރު ދިނުމާ އެކަން އާލާކުރުންކަމަށްވެސް އެޖަމްޢިއްޔާއިން ބުނެއެވެ.